ހަބަރު

ރިޔާސީ ބަޔާން އިދިކޮޅަށް ކަމުނުދިޔަ: އަމާޒެއްނެތް

Feb 4, 2021
4

ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ރިޔާސީ ބަޔާނަށް އިދިކޮޅުން ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކާނު އިއްވެވި ތިންވަނަ ރިޔާސީ ބަޔާނުގައި ވަނީ ގައުމުގެ ހާލަތު މިހާރު އޮތް ގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

މިގޮތުން، 3211 ލަފުޒު ހިމެނޭ ރިޔާސީ ބަޔާނުގައި 2020 ވަނަ އަހަރު ސަރުކާރުން ކުރި މުހިންމު މަސައްކަތްތަކާއި 2021 އަށް ސަރުކާރުން ކަނޑައަޅާ އަމާޒުތަކުގެ ތަފްސީލުވެސް ދެއްވި އެވެ.

އަދި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ މައްސަލަތަކާއި އެ މައްސަލަތަކުން އަރައިގަތުމަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލުވެސް އެމަނިކުފާނު ވަނީ ދެއްވައިފަ އެވެ.

ނަމަވެސް، ހަގީގަތް ނުހިފޭ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ރިޔާސީ ބަޔާނުން ހާމަވީ ރައީސް ސޯލިހުގެ ސަރުކާރުގެ އެއްވެސް އަމާޒެއް ނެތް ކަމަށް އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ސޯލިހަކީ އަމާޒެއްނެތް، އިތުރުފުޅު ހައްދަވާ ވެރިއެއްކަން އަމިއްލަފުޅަށް އިއްވެވި ބަޔާނުން ސާފުވެގެން ގޮސްފައިވާ ކަމަށެވެ.

"ބަޔާނުގައި ކުރައްވާނެކަމަށް އަނެއްކާވެސް ވިދާޅުވީ ހަގީގަތް ނުހިފޭ، އަންރިއަލިސްޓިކް ކަންތައްތަކެއްގެ ވާހަކަ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމްގެ ވާހަކަތަކަށް ބާރު ދެއްވައި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ސޯލިހުގެ ހިތާބުން ފެނުނީ ސަރުކާރުގެ ހުދުމުހުތާރުކަން ކަމަށެވެ.

"އަސާސީ ހައްގުތައް ހަނިކޮށްފި. އިދިކޮޅު ފަރާތްތައް ތަހައްމަލްނުކުރެވޭ. ޔުނީފޯމް މުއައްސަސާތައް މެދުވެރިކޮށް އިދިކޮޅު ފްރޭމްކުރުން އާންމުވެއްޖެ. މަސްތުވާތަކެއްޗާއި ވައްކަން ފެޝަނަކަށް،" ފެއިލްވެފައިވާ ދައުލަތެއްގެ ގޮތުގައި ސިފަ ކުރައްވަމުން ޖަމީލް އިތުރަށް ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، ކޮންމެ އަހަރަކު މަޖިލީސް ހުޅުވާ ޖަލްސާގައި ރައީސް އިއްވަވާ ރިޔާސީ ބަޔާނަށް، މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ތެރެއިން ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އެ ބަޔާނަށް ޖަވާބެއް ތައްޔާރުކޮށް ހުށަހަޅަން ޖެހެ އެވެ.

މަޖިލީހުގައި ރައީސް ނިސްބަތްވާ އެމްޑީޕީގެ 65 މެންބަރުން ތިއްބެވިއިރު، ދެން އެންމެ ގިނަ މެންބަރުން ތިއްބެވީ ޕީޕީއެމްގަ އެވެ. ޕީޕީއެމްގެ ހަ މެންބަރުން މަޖިލީހުގައި ތިއްބަވަ އެވެ.

އެހެންކަމުން މިދިޔަ އަހަރެކޭވެސް އެއް ފަދައިން، މި އަހަރުވެސް ރިޔާސީ ބަޔާންގެ ޖަވާބު ހުށަހަޅަން ޖެހެނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.

ރައީސް ސޯލިހު މިއަދު ރިޔާސީ ބަޔާން ދެއްވަން މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވިއިރު، މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ގޮވާލައި، އިދިކޮޅު ސަޕޯޓަރުންތަކެއް ވަނީ އެ ސަރަހައްދަށް އެއްވެ، އަޑުއުފުލާފަ އެވެ.