މުހައްމަދު ސައީދު

މަޖިލީހުގެ ތަޅުމުން ނެރެނިކޮށް ސިފައިންގެ އަތުން ސައީދުގެ ހެދުން ވީދި އަނިޔާވެއްޖެ

Feb 6, 2023

ރިޔާސީ ބަޔާން އިއްވުމަށް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނިޒާމު ގެއްލުވާލުމާ ގުޅިގެން އިދިކޮޅު ޕީއެންސީގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ ކޯޓު ވީދި އަނިޔާތަކެއް ވެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އެޅުމާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު ފަސް މެންބަރުންގެ ނަން އިއްވާ މަޖިލީހުން އެ މެންބަރުން ނެރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެންގެވި އެވެ.

ނަން އިއްވި މެންބަރުންގެ ތެރޭގައި ސައީދު ހިމެނޭއިރު ބައެއް މެންބަރުން ވަނީ ނަން އިއްވުމުންވެސް މަޖިލީހުގެ ޗެމްބަރުން ނިކުމެވަޑައިގަތުމަށް ދެކޮޅަށް ހައްދަވާފަ އެވެ. އެހެންވެ އެފަދަ މެންބަރުން މަޖިލީހުން ނެރުމަށް ރައީސް ނަޝީދު ވަނީ ސާޖަންޓް އެޓް އާމްސްގެ ޒިންމާއާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅާއަށް އަންގަވާފަ އެވެ.

މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމުގައި މިވަގުތު އެއްވެސް ބޭފުޅަކު ނެތުމުން މަޖިލީހުގެ ސެކްރެޓޭރިއޭޓްގެ ކުރިމައްޗަށްވާ ގޮތަށް ތިއްބެވި މެންބަރުން ނެރުނީ ސިފައިންނެވެ.

މެންބަރުން ނެރުނުއިރު މަޖިލީހުގެ ޖަލްސާ މެދުކަނޑާލާފައިވާތީ އެ ވަގުތު މަޖިލީހުގެ ލައިވް ވީޑިއޯ ފީޑް ހުރީ ކަނޑާލާފަ އެވެ. ނަމަވެސް މެންބަރު ސައީދުއާއި އިދިކޮޅު ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ގަދަކަމުން ޗެމްބަރުން ނެރޭ މަންޒަރު ފެންނަ ވީޑިއޯތައް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

ސިފައިންގެ އޮފިސަރުން ސައީދު ނެރުނު ވަގުތު އޭނާގެ ހެދުންކޮޅު ވީދިފައިވާ މަންޒަރު ދައުރުވަމުންދާ ވީޑިއޯ ތަކުން ފެނެ އެވެ.

އިދިކޮޅު މެންބަރުން މަޖިލީހުގައި އިހްތިޖާޖުކޮށް މަޖިލީހުގެ ނިޒާމު ގެއްލުވާލީ އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މިނިވަންކުރުމަށް ގޮވާލައްވަމުންނެވެ.

އިދިކޮޅު މަޖިލިސް މެންބަރުން މަޖިލީހުގައި އިހްތިޖާޖު ކުރެއްވިއިރު އިދިކޮޅު ކޯލިޝަންގެ އާންމު މެންބަރުން ދިޔައީ މަޖިލީހުގެ ބޭރުގައި އިހްތިޖާޖު ކުރަމުންނެވެ. ބޭރުގައި ކުރި އިހްތިޖާޖުގެ ތެރެއިން ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.