މުހައްމަދު ސައީދު

ފެންނަނީ ސަރުކާރު ނޭވާ ހޮޅިއަަށް އެޅެމުންދާތަން: ސައީދު

މިހާރު ފެންނަމުން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ނޭވާ ހޮޅިއަށް އެޅެމުންދާ މަންޒަރު ކަމަށް ވިދާޅުވެ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

ސައީދުގެ ފާޑުވިދާޅުވުން މިފަހަރު އައީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަރުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ހާޒިރުވާން އެ ކޮމިޝަނުން އެންްގުމާއި ގުޅިގެންނެވެ. އެމަނިކުފާނު ކޮމިޝަނަށް ހާޒިރުކުރަނީ ވަގަށް ނަގައި މަރާލި، އަހްމަދު ރިލްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލާގަ އެވެ.

ރިލްވާން ގެއްލިފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށްވީ ނަމަވެސް ރިޔާސީ ކޮމިޝަނުން ވަނީ އެ މައްސަލައާ ރައީސް ޔާމީނާއި ގުޅުން އޮތް ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ވަަރަށް ސާފުކޮށް ބުނެފަ އެވެ. ނަމަވެސް ކުއްލި ގޮތަކަށް އެ ކޮމިޝަނަށް ރަައީސް ޔާމީން ހާޒިރުވާން އެންގީ އެމަނިކުފާނުގެ މައްޗަށް ދަށު ކޯޓްގައި ދެ ދައުވާއެއްގެ ޝަރީއަތް ފެށުމާއި ދިމާކޮށެވެ.

އެކަމަށް އިޝާރާތް ކުރައްވާ އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސެއްގެ ގޮތުގައިވެސް ހުންނެވި މުހައްމަދު ސައީދު ވިދާޅުވީ މިހާރު ފެންނަނީ މި ސަރުކާރު ނޭވާހޮޅިއަށް އެޅެމުންދާތަން ކަމަށެވެ. އަދި ރައީސް ޔާމީނަކީ ރަައީސް ސޯލިހާއި އެމަނިކުފާނުގެ ބައިވެރިން ދައްކާހާ ބިރަކަށް ގައުމު ދޫކޮށް ފިއްލަވަން ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ރައީސް ސޯލިހަށް އެނގިވަޑައިގަންނަވަންވީ އިންތިހާބުގައި ވޯޓްލާނީ ބޭރު ރައްޔިތުން ނޫންކަން،" ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރުކުރާ ކަމަށް އަވަސްގައި ލިޔެފައިވާ ހަބަރަކާއެކު ސައީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު އަވަސްއަށް ވިދާޅުވީ އަންގާރަ ދުވަހު މަރު ކޮމިޝަނަށް ހާޒިރުވުމަށް ރައީސް ޔާމީނަށް އަންގާފައިވާ ކަމަށެވެ.

ޖަމީލް ވިދާޅުވީ ރައީސް ޔާމީނާއި ގުޅޭގޮތުން ހިނގަމުންދަނީ ސިޔާސީ ކަންތައްތަކެއް ކަމަށާ ރައްޔިތުންނަށް އެކަންކަން ކޮންމެ ދުވަހަކު އިތުރަށް ސާފުވަމުންދާ ކަމަށެވެ.

"މި ސަރުކާރުގެ ނިޔަތް އޮތީ އެކި ގޮތްގޮތުން ރަައީސް އަބްދުﷲ ޔާމީނަށް އަނިޔާވެރިވުމަށް،"

ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް ޖަމީލް ވިދާޅުވީ ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަންތައް ފެއިލްވެފައިވާ ކަމަށާ ކޮމިޝަންތައް ފެއިލްނުވާކަން ދައްކަން ކިތަންމެ ވަަރަކަށް މަސައްކަތް ކުރިނަމަވެސް ރައްޔިތުންނަށް ހަގީގަތް ސާފު ކަމަށެވެ.

"މަރު ކޮމިޝަން ވެސް ކުއްލިއަކަށް ހޭލައިފި. ކޮމިޝަން ފެއިލުވެ ރައްޔިތުން ސުވާލުކުރަން ފެށީމާ މިމީހުން ވެސް އައްޑަނައަކަށް މި ހަދަނީ ރައީސް ޔާމީން،" ޖަމީލް ވިދާޅުވި އެވެ.