ޕީޕީއެމް

ޕީޕީއެމްގެ ހުށަހެޅުން: އިދިކޮޅު ކެންޑިޑޭޓަކަށް ޔާމީން ހަމަޖައްސައިދީ

އިދިކޮޅު ހުރިހާ ޕާޓީތަކަކުން އެއްބަސްވާ އެއް ކެންޑިޑޭޓަކީ ޕީޕީއެމްގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކަމުގައި ހަމަޖެއްސުމަކީ ޕީޕީއެމް އިން އެދޭ ގޮތް ކަމަށް އެޕާޓީން ބުނެފި އެވެ.

ޕީޕީއެމް އިން މިހެން ބުނެފައި މިވަނީ ޖޭޕީއާއި ދަ ޑިމޮކްރްސްއާއި އެމްއެންޕީ އިން އިދިކޮޅު އެންމެ ބޮޑު ޕާޓީ -- ޕީޕީއެމްއާ ގުޅިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރުމަށް އެ ތިން ޕާޓީއަށް އެއްބަސްވެވު ކަމަށް މިއަދު ބުނުމާ ގުޅިގެންނެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ -- މ. ކުނޫޒުގައި މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ބައްދަލުކުރައްވާ މަޝްވަރާކުރައްވާފަ އެވެ.

މިބައްދަލުވުމަށްފަހު ރައީސް ނަޝީދާއި ނާޒިމު އަދި ގާސިމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕީޕީއެމްއާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އެއްބަސްވާނަމަ އެ ހުރިހާ ޕާޓީތަކެއް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމަށް އެ ތިން ޕާޓީއަށް އެއްބަސްވެވުނު ކަމަށެވެ. ނަމަވެސް އެގޮތަށް ޕީޕީއެމްއާއި އެމްއާރްއެމް އެއްބަސްނުވެއްޖެނަމަ ތިން ޕާޓީން ވަކިން އިންތިހާބުގައި ވާދަކުރާނެ ކަމުގައިވެސް އެބޭފުޅުން ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖޭޕީ އާއި ޑިމޮކްރެޓުންނާއި އަދި އެމްއެެންޕީ ބައްދަލުވެ އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން ނިންމުމުގައި ޕީޕީއެމް އެއްބަސްވާނަމަ އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވެވުނު ކަމަށް ބުނެފައިވާތީ ޕާޓީތަކުން އެއްބަސްވާ އެއް ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ހަމަޖައްސައިދިނުމަށް އެދޭ ކަމަށެވެ.

"އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން ނިންމުމުގައި ޕާޓީތަކުން ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތަށް މިކޯލިޝަނުން މަރުހަބާ ކިޔައި ޝުކުރު ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.


ޕީޕީއެމްއާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމުގައި ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖުލައި 31 ވަނަ ދުވަހު ޕީޕީއެމް އަދި ޕީއެންސީގެ ސެނެޓްގެ އިއްތިފާގުންނެވެ. އަދި އެމަނިކުފާނަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ޓިކެޓް އަރުވާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް 19 ވީ ހުކުރު ދުވަހުގެ ރޭ ކާނިވަލްގައި ބޭއްވި ހާއްސަ ޖަލްސާއެއް ގައެވެ.

ޕީޕީއެމް އިން އިތުރަށް ބުނީ މިއަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މާލެއާއި އަތޮޅުތަކުގައި ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށްވީ ނަމަވެސް އެމަނިކުފާނު މިވަގުތު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެމަނިކުފާނުގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.