ޕީޕީއެމް

ބަޔަކު ހައްޔަރުކުރަން ވިދާޅުވުމުން ޕީޕީއެމް ކަންބޮޑުވެއްޖެ

ވަރަށް ގިނަ ބަޔަކު ހިފައި ހައްޔަރު ކޮށްގެން ނަމަވެސް މިހާރު ރާއްޖެއަށް ދިމާވެގެން އުޅޭ ކަންކަމުން އަރައިގަންނަން ޖެހޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައީސް ނަޝީދު މި މޭރުމުން ވާހަކަ ދެއްކެވީ އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން "ކްލަބް ހައުސް ހަރުގެ" އިފްތިތާހު ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. ނަޝީދު ވިދާޅުވީ ބަޔަކު ހައްޔަރު ކުރަން ޖެހިއްޖެ ކަމަށް ވިދާޅުވާން ޖެހޭ ހާލަތެއް އަތުވެދާނެ ކަމަށް ދުވަހަކުވެސް ހިތަށް އަރާފައިވެސް ނުވާ ކަމަށެވެ. ނަމަވެސް ވަރަށް ގިނަ ބަޔަކު ހިފައި ހައްޔަރުކޮށްގެން ނަމަވެސް މިހާރު ރާއްޖެ އަށް ދިމާވެގެން އުޅޭ ކަންކަމުން އަރައިގަންނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ދުވަހަކު ވެސް ހިތަކަށް ނާރަން އަޅުގަނޑަށް ވަކާލާތު ކުރަން ޖެހިފައި އޮވެދާނެ ކަމެއް ކަމަކަށް މީހުން ހިފާ ހައްޔަރު ކުރަން ޖެހިއްޖެ އޭ ބުނަން. ނަަމަވެސް އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކުރާން ޖެހޭ ކަމެއް ކުރަން ޖެހޭނެ. ވަރަށް ގިނަ ބަޔަކު ހިފައި ހައްޔަރުކޮށްގެން ނަމަވެސް މިހާރު ރާއްޖެ އަށް ދިމާވެގެން މި އުޅޭ ކަންކަމުން އަރައިގަންނަން ޖެހޭ،" ނަޝީދު ވިދާޅުވިއެވެ.

އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ މަންފާއެއް ހާސިލްކުރުމަށްޓަކައި އެއްވެސް އަސާސެއް ނެތި ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ހިލާފަށް މީހުން ހިފާ ހައްޔަރު ކުރުމަކީ އެއްވެސް ހާލެއްގައި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެއްވެސް މީހަކު ހިފާހައްޔަރުކޮށްފައި ބެހެއްޓޭނެ ގޮތްތައް ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައްޔާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 58 ވަނަ މާއްދާ އާއި 59 ވަނަ މާއްދާ އާއި 60 ވަނަ މާއްދާ ގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.

".. އެހެންކަމުން ގިނަ އަދަދެއްގެ ބަޔަކު ހިފާ ހައްޔަރު ކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމާ މި ކޯލިޝަނުން ކަންބޮޑުވުން ފާޅުކުރަން،"

ޓެރަރިޒަމް ހުއްޓުވުމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް އެ ކޯލިޝަނުން އަބަދުވެސް ގަބޫލުކުރާ ކަމަށާ އަދި ޓެރަރިޒަމް ހުއްޓުވުމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޒައާމަތުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

"އެހެން ނަމަވެސް ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް މީހަކު ހިފާ ހައްޔަރު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން. އެއީ ގާނޫނުއަސާސީގެ ރޫހާއި ޑިމޮކްރެސީގެ ހަމަތަކާއި މުޅިން ހިލާފުކަމެއް. އެއްވެސް މީހަކު ހައްޔަރު ކުރަންވާނީ އެމީހެއްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ބާރުލިބޭ އިތުރު ހެކިތައް ހުރެގެން. އަދި މީހަކު ހިފާ ހައްޔަރުކޮށްފައި ބެހެއްޓޭނީ މުޖްތަމައުގެ ސަލާމަތަށް ނުރައްކާވާ ހާލަތެއް އޮވެގެން. އެހެންކަމުން ކުށެއްނެތް މައުސޫމް މީހުން ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކައި ހިފާ ހައްޔަރުކޮށް އަނިޔާވެރިކަން އިސްނުކުރުމަށް ސަރުކާރަށް ގޮވާލަން. އަދި ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ލިޔެވިފައިވާ ގޮތުގެ މަތިން ކަންކަން ކުރުމަށް ސަރުކާރަށް އިލްތިމާސް ކުރަން،" އިދިކޮޅު ކޯލިޝަންގެ ބަޔާނުގައިވެއެވެ.