ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ އެމަނިކުފާނު ޖަލަށް ލާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އިދިކޮޅު ކޯލިޝަންގެ ފަރާތުން ހުޅަނގުގެ ގައުމުތަކުގެ އެހީތެރިކަމަށް އެދިއްޖެ އެވެ.
އިދިކޮޅު ކޯލިޝަންގެ ފަރާތުން ހުޅަނގުގެ ގައުމުތަކުގެ އެހީތެރިކަމަށް އެދިފައިވަނީ އިއްޔެގެ ވަގުތެއްގައި ލަންކާގެ ވެރިރަށް ކޮލޮމްބޯގައި ތިއްބެވި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުގެ ސަފީރުންނާ އިދިކޮޅު ކޯލިޝަންގެ އިސްވެރިން ބައްދަލުކުރެއްވުމަށްފަހު އެވެ.
އިދިކޮޅު ކޯލިޝަންގެ ފަރާތުން ގައުމުތަކުގެ ސަފީރުންނާ ބައްދަލުކުރެއްވުމަށް ލަންކާއަށް ގޮސްފައިވަނީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލު އަދި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި، ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދާއި ޕީޕީއެމްގެ ނައިބް ރައީސް އަހްމަދު ޝިޔާމް އަދި އިދިކޮޅު ކޯލިޝަންގެެ ސެނެޓަރު ހަމްދާން ޝަކީލް އެވެ. މީގެ އިތުރުން ރައީސް ޔާމީންގެ އާއިލާގެ ފަރާތުން އެމަނިކުފާނުގެ ދަރިކަލުން ޒައިން އަބްދުﷲ ޔާމީންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ލަންކާއަށް ދިޔަ ވަފުދުގެ ބޭފުޅުން ބައްދަލުކުރެއްވީ ޖަރުމަނާއި ނެދަލޭންޑްސް އާއި ފްރާންސް އާއި އިޓަލީ އަދި ރޯމޭނިއާގެ ސަފީރުންނާ އެވެ. އިދިކޮޅު ކޯލިޝަންގެ ބޭފުޅުން އެ ގައުމުތަކުގެ ސަފީރުންނަށް ދެންނެވީ ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
ރައީސް ޔާމީނަށް ކުރި ހުކުމުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީއަށް ނުރައްކާވެފައިވާ ކަމަށް ސަފީރުންނަށް ދަންނަވާފައިވާ ކަމަށްވެސް އިދިކޮޅުން ބުނެ އެވެ. އަދި މި ސަރުކާރުން ދިވެހިރާއްގެ ޑޮމިކްރަސީ އިނދަޖައްސާލުމަށް ހިންގަމުންދާ އަމަލުތަކުގެ މައުލޫމާތުވެސް ސަފީރުންނާ ހިއްސާ ކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުންނާއި ސިޔާސީ އިސް އެތައް ބޭފުޅުންނެއް ޖަލަށް ލާފައިވެ އެވެ. އަދި އެ ބޭފުޅުން މިނިވަންވުމަށް ބޭރުގެ އެހީ ހޯދުމަށް މަސައްކަތް ކުރެއްވުމުން ރައީސް ޔާމީން ވަނީ އެއީ ރާއްޖޭގެ ދާހިލީ މައްސަލައެއް ކަމަށާއި ބޭރުގެ ފަރާތްތަކުން ދިވެހިންގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަން ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. ގާޒީ ހުކުމް ކުރީ މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ހަތް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ. އަދި ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް ޖަލަށްލުމަށެެވެ.
މި ދެ ހުކުމާ އެކު ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީން ތަންފީޒުކުރަމުން ގެންދާއިރު ކްރިމިނަލް ކޯޓުން ކުރި ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.