ޕީޕީއެމް

ޔާމީންގެ ބަދަލުގައި ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގެއްނެތް: އިދިކޮޅު

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބަދަލުގައި ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ނެތް ކަމަށް ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީ އިން ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެ ކަމަށް ލަފާކުރެވޭ ބޭފުޅުންގެ ތެރެއިން ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫނާއި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު އާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވީ ޕީޕީއެމް-ޕީއެންސީ އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޔާމީން ނޫން އެހެން ބޭފުޅަކު ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ނެތް ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓަކީ ޔާމީން ކަމަށެވެ.

މެންބަރު ޝިޔާމް ވިދާޅުވި ގޮތުގައި އިދިކޮޅުގެ ޕްލޭން އޭ އާއި ޕްލޭން ބީ އަދި ޕްލޭން ސީ އަކީވެސް ޔާމީނެވެ.

ޕީޕީއެމްގެ ނައިބް ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވީ ޔާމީން ދެއްކެވި މަގުން ނޫނީ ހިންގަވަން ގަސްދު ނުކުރައްވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މާވަށު ދާއިރާގެ މެންބަރު ސައީދު ވިދާޅުވީ ޔާމީން ބެހެއްޓެވި ހިސާބެއްގައި ހުންނަވާނެ ކަމަށާއި ވެރިކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ނެތް ކަމަށެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރައީސް ޔާމީން ރިޝްވަތު ހިފައި މަނީ ލޯންޑާކުރެއްވި ކަމުގެ ކުށް ސާބިތުވެ އެމަނިކުފާނު މިވަގުތު ގެންދަވަނީ ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ދަށުގެ ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާ ހިނދަކު ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.