އަބްދުއްރަހީމް އަބްދުﷲ

އިލެކްޝަންސް ކޮމިޝަނުން ނިންމާ ގޮތަކުން ސްޕްރީމް ކޯޓަށް ދާނަން: އަދުރޭ

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެންޑިޑެންސީއާމެދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާ ގޮތަކުން ސުޕްރީމް ކޯޓަށް ދާންޖެހިއްޖެނަމަ އެކަން ކުރާނެ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފި އެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ލީޑަޝިޕުން އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމާއެކު ރައީސް ޔާމީންގެ ކެންޑިޑެންސީ އީސީއަށް ހުށަހަޅާނެ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު މުހައްމަދުގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގެންނެވި އެވެ.

އީސީން އަމަލުކުރާ ގޮތަކުން ސްޕްރީމް ކޯޓަށް ދާންޖެހިއްޖެނަމަ އެކަން ކުރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ނޫން އިތުރު ބޭފުޅަކު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމް-ޕީއެންސީން ބޭނުންނުވާ ކަމަށެވެ.

"ޕީޕީއެމް-ޕީއެންސީގެ އާންމު މެންބަރަކުވެސް އަދި ސެނެޓަރަކުވެސް ލީޑަޝިޕް މީހަކުވެސް ބޭނުމެއްނުވާނެ ރައީސް ޔާމީން ނޫން މީހަކު ރާއްޖޭގެ ވެރިކަމަށް އަންނާކަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންއާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު ނުލިބޭ ކަމަށާއި ރައީސް ޔާމީންގެ އިންތިހާބީ ހައްގުތައް ސަރުކާރުން ނިގުޅައިގަނެފައިވާ ކަމަށެވެ.

ޕީޕީއެމް-ޕީއެންސީން ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭން ފަށާފައިވާއިރު ރިޔާސީ ކެމްޕޭންގައި ބައިވެރިވުމުގެ ފުރުސަތު ރައީސް ޔާމީނަށް ނުލިބޭ ކަމަށާއި އެ ކަންބޮޑުވުންތައް އީސީއާ ހިއްސާކުރި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެކަންކަން ބަލާނެ ކަމަށް އެ ކޮމިޝަނުން ބުނި އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވަނީ ރިޔާސީ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

"ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމުގެ ކަންތަކުގައި އަޅުގަނޑު ދަންނަވާނީ މިހާތަނަށް ނުދެކެމޭ މިހާ ހުދުމުހުތާރު ސަރުކާރެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ވަޒީފާ ދިނުމާއި ބަޖެޓުގައި ނެތް މަޝްރޫއުތަކަށް ސަރުކާރުން ވައުދުވަމުންދާ ކަމަށާއި ރައީސް ޔާމީންގެ ސަރުކާރުގައި ބަޖެޓުގައި ނެތް މަޝްރޫއުތަކަށް ހަރަދު ނުކުރާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ފަސް އަހަރުގައި ބަޖެޓުގައި ނެތް މަޝްރޫއަކަށް ހަރަދެއް ނުކުރައްވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުގައި މަޝްރޫއުތައް ހަވާލުކުރަނީ މަޝްރޫއުގެ ދެބައިކުޅަ އެއްބައި ފައިސާ ބަޖެޓުގައި ހަމަޖެހުމުންނެވެ.

އަބްދުއްރަހީމް ވަނީ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި ވޯޓު ކަރުދާސްކޮޅުގައި ރައީސް ޔާމީންގެ ނަން އޮންނާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.