ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު ފުޑުފުޑުކޮށްލަން މަސައްކަތް ކުރަމުންދާއިރު، އެކަންކަމަށް ފުރުސަތުދީގެން މަޑުން ނުތިބޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމުމާއި ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކުރެއްވުމަށް ބޭއްވެވި ކުއްލި ނޫސްވެރިންގެ ބައްދަލްވުމެއްގައެވެ. ޖޭއެސްސީގައި މިއަދު ބޭއްވި ބައްދަލުވުމަށްފަހު އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނުގައި ބުނީ ޖޭއެސްސީއަށް ހާޒިރުވާން އެންގުމުން އެކަމަށް އިއުތިރާޒުވެވަޑައިގެން ކޮމިޝަނަށް ސިޓީއެއް ފޮނުއްވުމަށްފަހު އާންމު ކުރައްވާފައިވާ ބަޔާނުގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ހިމެނޭ ކަމަށެވެ. އަދި އެއީ ކޮމިޝަންގެ ދުސްތޫރީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅައި ކޮމިޝަނުން ބަލަމުންދާ މައްސަލައަކަށް ނުފޫޒު ފޯރުވުން ކަމަށް ފެންނަތީ އުއްތަމަ ފަނޑިޔާރުގެ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ.
އިދިކޮޅު ކޯލިޝަންގެ ޕީޖީ ގުރޫޕްގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މިހާރު ފެންނަމުންދަނީ ޖުޑިޝަރީ ފުޑާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ. އެޖެންޑާ 19 އެއްގެ ވާހަކަ ދައްކަމުން ވެރިކަމަށް އައި ބަޔަކު މިއަދު މަސައްކަތް ކުރަމުންދަނީ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާ ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް އަންގަމުންދާ މަންޒަރު ކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެކަމަށް ބޯ ނުލަބާ ފަނޑިޔާރުން މަގާމުތަކުން ދުރުކުރަން މަސައްކަތް ފަށާފައިވާ މަންޒަރު ފެންނަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި ޖުޑިޝަރީ ތެރެއަށް ސަރުކާރުން އަތް ބޭނުމުގެ ސަގާފަތެއް ތައާރަފްވެފައިވާތަން. ވަކިވަކި ފަނޑިޔާރުންނަށް ގުޅާ ވަކި ގޮތްގޮތަށް ކަންކަން ނިންމުމަށް ސަރުކާރުން ކަންކަން ކުރަމުންދާތަން. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް އެ ސަގާފަތް ނެރުއްވައިގެން އުޅުއްވާތަން ފެންނަމުން މިދަނީ. މިކަންކުރުމަކަށް ނޫން އެއްވެސް ބަޔަކު ވެރިކަމަށް އަންނަނީ." މުހައްމަދު ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އެމްޑީޕީއަށް އޮޅިފައި އޮތް ނަމަވެސް ރާއްޖެއަކީ ތިން ބާރު ވަކިކުރެވިފައިވާ ގައުމެއް ކަމަށެވެ. އެހެންކަމުން އުއްތަމަ ފަނޑިޔާރާ އެހެނިހެން ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ކަމަށް ބުނެ މިއަދު ހިންގަމުން ދަނީ ގައިރު ގާނޫނީ އަމަލުތަކެއް ކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ޕީޕީއެމް ކޯލިޝަނަކީ އަބަދުވެސް ޖުޑިޝަރީގެ މިނިވަން ކަމަށް މަސައްކަތް ކުރާނެ ބައެއް ކަމަށެވެ. އެކަން ރައީސް ޔާމީންގެ ވެރިކަމުގައި ސާބިތުކޮށްދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އެމްޑީޕީއަށް ވެރިކަން ހަވާލުކުރާ ކޮންމެ ފަހަރަކު ފެންނަމުންދަނީ ޖުޑިޝަރީ ފުޑާލަން މަސައްކަތް ކުރާތަން ކަމަށް ވިދާޅުވިއެވެ.
"އަދި ހަނދާންކޮށް އަރުވަން.. ޕީޕީއެމް/ޕްރޮގްރެސިވް ކޯލިޝަނުން މިހާލަތަށް ގައުމު ވެއްޓޭއިރަކު މަޑަކުން ނުތިބޭނެ. ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީސްތެރޭން، އަޅުގަނޑުމެންގެ މެންބަރުން ކިތަންމެ މަދު ނަމަވެސް އަދި އިދިކޮޅުގައި އަޅުގަނޑުމެން ތިބި ތިބުން އުޒުރަކަށް ހަދައިގެން ސިޔާސީ ހަރަކާތްތަކުގެ އަޑު މަޑުކޮށްލުމަށް ކިތަންމެ ބިރެއް ދެއްކިނަމަވެސް އަޅުގަނޑުމެން ކުރިއަށްދާނެ." މުހައްމަދު ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އުއްތަމަ ފަނޑިޔާރު ނެރުއްވާފައިވާ ބަޔާނުން ޖުޑިޝަރީ އޮތް ހާލަތު އެނގޭ ކަމަށެވެ. އަދި އެ ބަޔާނުގައިވާ ވާހަކަތަކާމެދު ކަންބޮޑުވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ބަޔާނުގައި ވިދާޅުވެފައިވަނީ ފަނޑިޔާރުން ނިންމާ ނިންމުންތަކާ ގުޅިގެން ދައުލަތުގެ އެހެން މުއައްސަސާއަކުން އެ ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުމަށާއި ސުޕްރީމް ކޯޓުގެ ނިންމުންތަކަކީ ޣައިރު ދުސްތޫރީ ނިންމުންތަކެއްގެ ގޮތުގައި ނިންމަން ކުރާ މަސައްކަތަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން ކުރާ ކަމެއް ކަމަށެވެ. މީގެއިތުރުން ވެރިކަން ކުރާ ބާރުން ނުވަތަ މަޖިލީހުން ކުރާ ކަމެއްގައި ވެސް ދުސްތާރާ ހިލާފު، ގާނޫނު އަސާސީއާ ހިލާފު ކަމެއް ހިމެނޭނަމަ އެކަމެއް ބަލައި ގޮތެއް ނިންމުމަކީ ވެސް ގާނޫނު އަސާސީއިން ސުޕްރީމް ކޯޓަށް އޮތް ބާރެއްކަން އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.
ފަނޑިޔާރުން ނިންމާ ނިންމުންތަކާ ގުޅިގެން އެ ފަނޑިޔާރުންނަށް ފިޔަވަޅު އެޅެމަށް ސުލޫކީ މައްސަލަތައް ބެލުމަކީ ޖޭއެސްސީގެ ގާނޫނުން އެ ކޮމިޝަނަށް ނުލިބޭ ބާރަކަށްވާއިރު އެފަދަ ކަމެއްގެ ތެރޭގައި އުޅުއްވާ ކޮންމެ ޖޭއެސްސީ މެންބަރަކު ވެސް އެ ވަނީ މަގާމުގެ ހުވަޔާ ހިލާފުވެފައި ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ޖޭއެސްސީއިން ބަލަން ނިންމާފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ 15 މައްސަލައިގެ ތެރޭގައި ވެސް އެ ކޮމިޝަނަށް ބެލޭނެ އެއްވެސް ސުލޫކީ މައްސަލައެއް ނެތް ކަމަށާއި އެ 15 މައްސަލައަކީ ވެސް ސުޕްރީމް ކޯޓުން ނިންމާފައިވާ ގަޟާއީ ނިންމުންތަކާ ގުޅޭ މައްސަލަތަކެއްކަން ބަޔާނުގައި ފާހަގަ ކުރެއްވި އެވެ. އެހެންކަމުން އެ މައްސަލަތައް ބަލައި އިޖުރާއަތް ހިންގުން ވާނީ ގާނޫނީ އަސާސީ އާއި ގާނޫނުތަކާއި އަދި ބައިނަލްއަގްވާމީ މިންގަނޑުތަކާ ވެސް ހިލާފު ކަމަކަށް ކަމަށް އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ބަޔާން ނިންމާލައްވަމުން ވިދާޅުވެފައިވަނީ ޖޭއެސްސީއިން މިހާރު ހިންގާ އަމަލަކީ އަދުލްއިންސާފު ގާއިމް ކުރުމުގެ ބާރު ކަނޑުވާލައި މިނިވަންކަމާއި މުސްތަގިއްލުކަން ނިގުޅައިގަތުމަށް ހިންގާ ކަމެއް ކަމަށެވެ. އެއީ ދައުލަތުގެ ނިޒާމް ހަލާކުވެގެންދާނެ ކަމަކަށްވާތީ އެކަން ހުއްޓުވައިދިނުމަށް އުއްތަމަ ފަނޑިޔާރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ކުރައްވާފަ އެވެ.