ހަބަރު

ސުޕްރީމް ކޯޓަށް ސުއޫދާއި ރައޫފްގެ ނަން ރައީސް ފޮނުވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުއް ރައޫފް އިބްރާހިމްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ފޮނުވައިފި އެވެ.

ޖޭއެސްސީއިން ވަނީ ސުޕްރީމް ކޯޓުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައި މިއަދު އެކަމަށް މުއްދަތު ވެސް އިތުރުކޮށްފަ އެވެ. ސުޕްރީމް ކޯޓަށް އައްޔަން ކުރަން ބޭނުންވާ ފަރާތްތަކުގެ ނަން ރައީސްއަށް ވެސް ޖޭއެސްސީއަށް ފޮނުވޭނެ އެވެ.

އެގޮތުގެ މަތިން މިއަދު ރައީސް ވަނީ އެމަނިކުފާނު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސްކަން ކުރައްވާ ސުއޫދުގެ ނަމާއި ހައިކޯޓުގެ ފަނޑިޔާރުންގެ ފަރާތުން ޖޭއެސްސީގައި އިންނަވާ ފަނޑިޔާރު ރައޫފްގެ ނަން ފޮނުވާފަ އެވެ.

ހުސްވެފައިވާ މި ދެ މަގާމަށް އަމިއްލަ ކުރިމަތިލެއްވި ބޭފުޅުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. ކުރިމަތިލައްވާ ބޭފުޅުންނާއި ރައީސް ނަން ފޮނުއްވި ބޭފުޅުންނާ ޖޭއެސްސީއިން އިންޓަވިއު ކުރުމަށްފަހު ރައީސްއަށް ލަފާ އަރުވާނެ އެވެ.

ލަފާ އަރުވާ ގޮތަކަށް ބަލައި ރައްޔިތުންގެ މަޖިލީހަށް އެ ނަމެއް ފޮނުވުމުގެ އިހްތިޔާރު ރައީސްއަށް އޮންނާނެ އެވެ. ފަނޑިޔާރު ކަމަށް އައްޔަން ކުރެވޭނީ އެ ނަމަކަށް މަޖިލީހުން ރުހުން ދީފިނަމަ އެވެ.

ހުސްވެފައިވާ ދެ މަގާމަކީ މިފަހުން މަޖިލީހުން ވަކިކުރި ކުރީގެ ފަނޑިޔާރު އާދަމް މުހައްމަދުގެ މަގާމާއި އަމިއްލަ ރިޓަޔާ ކުރެއްވި ފަނޑިޔާރު އަބްދުﷲ އަރީފްގެ މަގާމެވެ.

މީގެކުރިން ވެސް ރައީސް ލަފާއަށް ފޮނުއްވި ނަންތަކަށް ޖޭއެސްސީއިން ތާއިދުކޮށް މަޖިލީހުން ރުހުން ދީފައިވެ އެވެ. އެގޮތުން މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ތިއްބެވި ތިން ބޭފުޅުންނަކީ ވެސް ރައީސް އިހްތިޔާރު ކުރެއްވި ތިން ބޭފުޅުންނެވެ. އެއީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ސުޖޫން އާއި ފަނޑިޔާރު މަހާޒު އަލީ އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ ވެސް ވަކިކޮށްފައިވާތީ އެ މަގާމު ވެސް ހުސްވެފައިވާއިރު ރައީސް މިއަދު ވަނީ އެ މަގާމަށް ވެސް ބޭފުޅެއްގެ ނަން ޖޭއެސްސީއަށް ފޮނުވައި ލަފާއަށް އެދިވަޑައިގެންފަ އެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ގާނޫނަށް ބަދަލު ގެނެސް ވަކިކުރި މުއުތަސިމް އަދުނާންގެ ނަމެވެ. އޭނާއާއެކު ކުރީގެ މަޖިލީހުން އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ވެސް ވަކިކުރި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަކިކުރުމުގެ މަސައްކަތް ވެސް މިހާރު މަޖިލީހުން ދަނީ ކުރަމުންނެވެ. އެ މަގާމަށް ވެސް ވަރަށް އަވަހަށް ޖޭއެސްސީއިން ހުޅުވާލާނެ ކަމަށް ބެލެވެ އެވެ.