ޝަރުއީ ދާއިރާ އިސްލާހު ކުރަން ފުރަތަމަ ކުރަންވީ ކަމަކީ ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުން ވަކި ކުރުން ކަމަށް ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރީގްލާ ވިދާޅުވެއްޖެ އެވެ. އޭނާ އެހެން ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން އޭނާ އެކުލަވައިލެއްވި "އެސެސްމެންޓް އޮފް ދަ ޖަސްޓިސް ސެކްޓާ ރިފޯމް ޕްރޮޕޯޒަލްސް" ރިޕޯޓްގަ އެވެ.
ޔޮހާން ކްރީގްލާ އަކީ، 1994 ވަނަ އަހަރު ސައުތު އެފްރިކާގެ ކޮންސްޓިޓިއުޝަނަލް ކޯޓު އުފެދުނީއްސުރެ 2002 ވަނަ އަހަރުގެ ނިޔަލަށް އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު އަދާ ކުރައްވާފައިވާ، ސައުތު އެފްރިކާގައި ގާނޫނީ ދާއިރާގައި 25 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އަދި ކޮންސްޓިޓިއުޝަނަލް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވުމުގެ އިތުރުން، އޭނާ ވަނީ އެ ގައުމުގެ ޕްރޮވިންޝަލް އަދި އެޕެލެޓް ކޯޓުތަކުގައި ވެސް ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ.
އޭނާގެ ރިޕޯޓްގައި ޝަރުއީ ދާއިރާއާ ގުޅުންހުރި ގާނޫނުތަކުގައި އަދި އެ ގާނޫނުތައް ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތައް ދިރާސާ ކުރުމާއި، ޝަރުއީ ދާއިރާގެ މިހާރުގެ އޮނިގަނޑާއި، އެ ދާއިރާގެ އެކި މުއައްސަސާތައް އެކުލެވިގެންވާ ގޮތް މުރާޖައާ ކުރުމާއި، ފަނޑިޔާރުން އައްޔަން ކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ނިޒާމު މުރާޖައާ ކުރުމާއި، ޝަރުއީ ދާއިރާ އިސްލާހު ކުރުމަށްޓަކައި ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުންތައް ވަޒަންކޮށް، އެކަމާގުޅޭ ހުށަހެޅުންތަކެއް ސަރުކާރަށް ހުށަހަޅާފައިވެ އެވެ.
ރިޕޯޓް އެކުލަވާލަން އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެން، ޝަރުއީ ދާއިރާ އާއި، ދައުލަތުގެ މުއައްސަސާތަކާއި، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކާއި، މަދަނީ ޖަމްއިއްޔާތަކާއި، ސިޔާސީ ޕާޓީތަކާއި، އެނޫންވެސް ކަމާބެހޭ ފަރާތްތަކާ ބައްދަލު ކުރައްވާފަ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން އާންމު ކޮށްފައިވާ އެ ރިޕޯޓްގައި ޔޮހާން ކްރީގްލާ ލިޔުއްވާފައިވާ ގޮތުގައި އޭނާއަށް ފާހަގަ ކުރެވުނު ގޮތުގައި ރާއްޖޭގެ ޝަރުއީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ނެތް އެންމެ ބޮޑު ސަބަބަކީ ސުޕްރީމް ކޯޓުގެ އަމަލުތަކެވެ. އަދި ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަށް ކޮރަޕްޝަންގެ ތުހުމަތުތައް އަމާޒުވެފައިވާ ކަމާއި ސިޔާސީ ފައިދާއަށް އެ ބޭފުޅުންގެ ބޭނުން ވެރިކަން ކުރާ ބާރުން ކޮށްފައިވުމެވެ. އޭގެއިތުރުން އެކެއް ފެބުރުއަރީ އަމުރުގެ ކަންބޮޑުވުން ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެ އުމުރާއެކު ސުޕްރީމް ކޯޓުން ރާއްޖޭގެ ސިޔާސީ މައިދާނުގެ ތެރެއަށް ވަދެފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ.
ކްރީގްލާ ވަނީ އުއްތަމަ ފަނޑިޔާރާއި އަނެއް ތިން ފަނޑިޔާރުންނާ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކާއި މަޝްވަރާތަކަށް ބެލުމަށްފަހު ރިޕޯޓްގައި ޔޮހާން ކްރީގްލާ ފާހަގަ ކުރެއްވީ ސުޕްރީމް ކޯޓުގެ އެ ހަތަރު ފަނޑިޔާރުން ވަކި ކުރުމަކީ އެންމެ އިސްކަންދޭން ޖެހޭ މަސައްކަތް ކަމަށެވެ. -- އޭގެ ތެރޭގައި ފަހުން ބެންޗު ބަދަލުކޮށް އައްޔަން ކުރި ދެ ފަނޑިޔާރުންނެއް ނުހިމެނެ އެވެ.
އިނގިރޭސި ބަހުން ނެރެފައިވާ ރިޕޯޓްގައި ކްރީގްލާ ލިޔުއްވާފައިވާ ގޮތުގައި ރާއްޖޭގައި ގާނޫނު އަސާސީގެ ރައްކާތެރިކަމާއި ހަމަޖެހުން ގާއިމް ކުރުމުގައި ސުޕްރީމް ކޯޓު ވަނީ ފެއިލްވެ ރާއްޖޭގެ ޑިމޮކްރަސީއަށް ނުރައްކަލަކަށް ވެފަ އެވެ. އެެހެން ވެފައިވަނީ ގާނޫނު އަސާސީ އާއު ގާނޫނުތަކުގެ މައްސަލައަކުން ނޫން ކަމަށާއި ވޭތުވެދިޔަ 10 އަހަރު ތެރޭގައި ސުޕްރީމް ކޯޓުގެ ނިންމުންތައް އައިސްފައިވާ ގޮތުން ކަމަށް ވެސް އޭނާ ލިޔުއްވާފައި ވެއެވެ.
ސުޕްރީމް ކޯޓުން އަމިއްލައަށް އިސް ނަގައިގެން ސޫމޯޓޯކޮށް މައްސަލަތައް ބެލުން ކްރީގްލާ ބަލައިގެންފައެއް ނުވެއެވެ. އޭނާގެ ރިޕޯޓްގައި ބުނަނީ އެއީ ސުޕްރީމް ކޯޓަށް އޮތް ބާރެއް ނޫން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ޖޭއެސްސީން ބަލަން ޖެހޭނެ ކަމަށާއި މައްސަލަތައް ޖޭއެސްސީއިން ބަލާނަމަ އެކަން ކުރަން ވާނީ ގާނޫނުގައިވާ ގޮތުގެ މަތިން ފުރިހަމަ އިޖުރާއަތްތަކާއެކު ކަމަށް ވެސް ފާހަގަ ކުރައްވާފައިވެ އެވެ.
ކްރީގްލާގެ ރިޕޯޓަށް ރިއާޔަތް ކުރުމަށް ފަހު ޖޭއެސްސީއިން ވަނީ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުންގެ މައްސަލަ ބަލަން ނިންމާފަ އެވެ. ބަލަނީ ސުޕްރީމް ކޯޓުން އިހުތިސޯސުން ބޭރު ކޮށްފައިވާ ކަންކަން ބަލަން އެ ކޮމިޝަނުން އެކުލަވާލި ކޮމެޓީގެ ރިޕޯޓްގައި ހިމެނޭ މައްސަލަތަކުގައި ހިމެނޭ ފަނޑިޔާރުންގެ މައްސަލަތަކެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓް އާންމުކޮށް ރައްޔިތުންގެ މަޖިލީހަށް ހިއްސާކޮށްފައިވެ އެވެ. އެ ރިޕޯޓްގައިވާ ގޮތުން 17 މައްސަލައެއް ފާހަގަ ކޮށްފައިވެ އެވެ.
އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށެހެޅި މައްސަލަ ބަލައި ނުގަތުމަށް ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށް، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވިތާ ހަތް މަސް ފަހުން ދައުލަތުން ކުރި އިސްތިއުނާފު ސުޕްރީމް ކޯޓުން ބަލައިގަނެ ނާޒިމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށްފަހު އެ ނިންމުން ތިން އަހަރު ފަހުން އަލުން ބަލައި ބަދަލުކުރީ ގާނޫނާ ހިލާފަށް ކަމަށް ޖޭއެއްސީގެ ރިޕޯޓުގައިވެ އެވެ.
މީގެ އިތުރަށް ރިޕޯޓުގައި ބުނަނީ އިސްތިސްނާފު ކުރުމުގެ މުއްދަތު ކުޑަކޮށް، އެ މުއްދަތާ ގުޅޭގޮތުން ކޯޓު ތަކުގެ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާއި ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ މާއްދާތައް ސުޕްރީމް ކޯޓުން ބާތިލް ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
އަދި ރައީސުންނާއި ނައިބު ރައީސުންނާއި ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި މަޖިލީހުގެ ރައީސުންނާއި އަދި ފަނޑިޔާރުންގެ އިތުބާރު ނެތް ކަމާމެދު ރައްޔިތުންގެ މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއް ސައްހަވާނީ އެ ނިންމުމެއް ސުޕްރީމް ކޯޓުން ކަނޑައެޅި ނިންމުމަކީ ވެސް ގާނޫނާއި ހިލާފު ނިންމުމެއް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
މީގެ ކުރިން ޖޭއެސްސީއިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ހުންނެވި އަބްދުﷲ ދީދީގެ މައްސަލައެއް ބަލައި އޭނާ ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފަ އެވެ. މަޖިލީހުން ވަނީ ފަނޑިޔާރު ކަމުން އޭނާ ވަކިކޮށްފަ އެވެ. އޭގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ޖޭއެސްސީގެ ރައީސްކަން ވެސް ކުރައްވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލައެއް ބެލުމަށްފަހު އެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށް ވެސް ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ.