ހަބަރު

އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމްގެ ނަމަށް ރައީސް ލަފާއަކަށް އެދިއްޖެ

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުއުތަސިމް އަދްނާންގެ ނަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލަފާއަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އެދިވަޑައިގެންފި އެވެ.

ރައީސްއަށް ލިބިދޭ އިހްތިޔާރުގެ ދަށުން އުއްތަމަ ފަނޑިޔާރުގެ މަގާމަށް މުއުތަސިމް އައްޔަން ކުރުމަށް ލަފާއަކަށް މިއަދު ޖޭއެސްސީގައި އެދިވަޑައިގެންފައިވަނީ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ ރައްޔިތުންގެ މަޖިލީހުން ވަކިކުރުމާ ގުޅިގެން އެ މަގާމު ހުސްވެފައިވާތީ އެވެ.

މުއުތަސިމްއަކީ އެންމެ ފުރަތަމަ ސުޕްރީމް ކޯޓު އުފައްދައި އެ ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރެކެވެ. ނަމަވެސް މިދިޔަ ރައްޔިތުންގެ މަޖިލީހުގައި ފަނޑިޔާރުންގެ ގާނޫނަށް ކުއްލި ބަދަލެއް ގެނެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކޮށް މުއުތަސިމްގެ މަގާމު ގެއްލުވާލި އެވެ. އޭނާއާއެކު ކުރީގެ މަޖިލީހުން އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ވެސް ވަކިކުރި އެވެ.

އުއްތަމަ ފަނޑިޔާރު ކަމަށް މުއުތަސިމް އައްޔަންކޮށްފިނަމަ އެ ބޭފުޅާ ވެގެން ދާނީ އެންމެ ފުރަތަމަ ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ހަތް ފަނޑިޔާރުންގެ ތެރެއިން މިހާރު ސުޕްރީމް ކޯޓުގައި ހުންނަވާ ހަމައެކަނި ބޭފުޅާއަށެވެ.

ފާއިޒްގެ މަގާމު ގާނޫނަށް ބަދަލު ގެނެސް ގެއްލުވާލިއިރު ދެން ހުންނެވި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މަގާމު ގެއްލުނީ އެކެއް ފެބުރުއަރީގެ އަމުރަށްފަހު ޖިނާއީ ކުށެއް ސާބިތުވެގެން އެ ހުކުމަށް ސުޕްރީމް ކޯޓުން ތާއިދު ކުރުމާ ގުޅިގެންނެވެ.

އެ އަމުރު ނެރުމުގައި ބައިވެރިވެވަޑައިގަތް ފަނޑިޔާރު އަލީ ހަމީދުގެ މަގާމު ވެސް އޭރު ގެއްލުނެވެ. މިހާރު ވަނީ އެ އަމުރު ނެރުމުގައި ބައިވެރިވެވަޑައިގެން އެކަމަކު އެކަމުގައި ކުށްވެރިނުވި ތިން ފަނޑިޔާރުންގެ މަގާމު ވެސް ގެއްލިފަ އެވެ. އުއްތަމަ ފަނޑިޔާރު ކަމަށް އޭގެ ފަހުން ވަޑައިގެންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ މަޖިލީހުން ވަކިކުރި ފަނޑިޔާރު އާދަމް މުހައްމަދު ވެސް ވަނީ ކޮށްފަ އެވެ. މައްސަލަތަކެއް ބަލަމުންދަނިކޮށް ފަނޑިޔާރު އަބްދުﷲ އަރީފް ވަނީ އަމިއްލައަށް ރިޓަޔާ ކުރައްވާފަ އެވެ.

ފަނޑިޔާރު އަރީފާއި ފަނޑިޔާރު އާދަމްގެ މަގާމަށް ވެސް ރައީސް ވަނީ ދެ ބޭފުޅެއްގެ ނަން ޖޭއެސްސީއަށް ލަފާއަކަށް ފޮނުވާފަ އެވެ. އެއީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުއް ރައޫފް އިބްރާހިމްގެ ނަމެވެ.

މީގެތެރެއިން ސުއޫދަކީ ރައީސް ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރައީސްކަން ކުރައްވާ ބޭފުޅެކެވެ. ރައޫފަކީ ހައިކޯޓުގެ ފަނޑިޔާރުންގެ ފަރާތުން ޖޭއެސްސީގައި އިންނަވާ ފަނޑިޔާރެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި ރައޫފް ބައިވެރިވެވަޑައިގެންފައިވެ އެވެ.

މަގާމަށް އަމިއްލައަށް ކުރިމަތިލައްވާ ބޭފުޅުންނާއި ރައީސް ނަން ފޮނުއްވި ބޭފުޅުންނާ ޖޭއެސްސީއިން އިންޓަވިއު ކުރުމަށްފަހު ރައީސްއަށް ލަފާ އަރުވާނެ އެވެ. ލަފާ އަރުވާ ގޮތަކަށް ބަލައި ރައްޔިތުންގެ މަޖިލީހަށް އެ ނަމެއް ފޮނުވުމުގެ އިހްތިޔާރު ރައީސްއަށް އޮންނާނެ އެވެ. ފަނޑިޔާރު ކަމަށް އައްޔަން ކުރެވޭނީ އެ ނަމަކަށް މަޖިލީހުން ރުހުން ދީފިނަމަ އެވެ.

މީގެކުރިން ވެސް ރައީސް ލަފާއަށް ފޮނުއްވި ނަންތަކަށް ޖޭއެސްސީއިން ތާއިދުކޮށް މަޖިލީހުން ރުހުން ދީފައިވެ އެވެ. އެގޮތުން މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ތިއްބެވި ތިން ބޭފުޅުންނަކީ ވެސް ރައީސް އިހްތިޔާރު ކުރެއްވި ތިން ބޭފުޅުންނެވެ. އެއީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ސުޖޫން އާއި ފަނޑިޔާރު މަހާޒު އަލީ އެވެ.