ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓާއި އެ ކޯޓުގެ ފަނޑިޔާރުންގެ ބާރާއި އިހްތިސޯސްއަށް އަރައިގަންނަ ކަމަށް ވިދާޅުވެ، ގާނޫނީ ގިނަ ނުކުތާތަކާއެކު ބަޔާނެއް މިއަދު އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ނެރުއްވައިފި އެވެ.
އުއްތަމަ ފަނޑިޔާރު އެ ބަޔާން ނެރުއްވީ އެ މަނިކުފާނުގެ ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ 15 މައްސަލައެއް ޖޭއެސްސީއިން ބަލަން ނިންމައި އެ ފަނޑިޔާރުންނަށް އެ ކޮމިޝަނަށް ހާޒިރުވާން ނޯޓިސް ފޮނުވުމާއެކު އެވެ. އުއްތަމަ ފަނޑިޔާރު ވަނީ ޖޭއެސްސީއަށް ހާޒިރުވާން އިއުތިރާޒު ވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެތަނަށް ސިޓީއެއް ފޮނުއްވާފަ އެވެ.
މައްސަލަ ހޫނުވެފައި ވަނިކޮށް އުއްތަމަ ފަނޑިޔާރު ނެރުއްވި ހަތް ސަފުހާގެ ބަޔާނުގައި އެންމެ ފުރަތަމަ ވެސް ފާހަގަ ކުރެއްވީ "ޑޮކްޓަރީން އޮފް ސެޕަރޭޝަން ޕަވާ" ނުވަތަ ތިން ބާރު ވަކިވެފައިވާ ނިޒާމްގެ ވާހަކަ އެވެ.
ރާއްޖޭގެ ގާނޫނު އަސާސީގައި ތިން ބާރު ވަކިކޮށް އިހްތިސޯސްތަކާއި ބާރުތައް ވަރަށް ސާފުކޮށް ކަނޑައަޅާފައިވާ ކަމަށާއި އެއް ބާރުން އަނެއް ބާރުގެ މަސައްކަތަށް އަރައިގަތުމަކީ ޣައިރު ގާނޫނީ ކަމެއްގެ ގޮތުގައި އުއްތަމަ ފަނޑިޔާރު ލިޔުއްވާފައިވެ އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވާ ގޮތުގައި އަދުލްއިންސާފުގެ ބާރު، ވަކި މުސްތަގިއްލު ބާރެއްގެ ގޮތުގައި އޮންނައިރު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ބިރު ދައްކައި، ވަކި ގޮތަކަށް އަމަލު ކުރުމަށް ފަނޑިޔާރުންނަށް މަޖުބޫރު ކުރުވުން ފަދަ ކަންކަމަކީ ޣައިރު ދުސްތޫރީ ކަންކަމެވެ. ސުޕްރީމް ކޯޓުން ވަކި ގޮތެއް މައްސަލައެއްގައި ނިންމުމުން އެއަށް ގޮންޖަހައި ތައުނު ކުރުމާއި ތަބާނުވެ އިހްތިރާމް ނުކުރުމަކީ ވެސް ޣައިރު ދުސްތޫރީ އަމަލެއްގެ ގޮތުގައި އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.
ޖޭއެސްސީއިން ބަލަން ނިންމާފައިވަނީ ސުޕްރީމް ކޯޓުން އިހުތިސޯސުން ބޭރުކޮށްފައިވާ ކަންކަން ބެލުމަށް އެ ކޮމިޝަނުން އެކުލަވާލި ކޮމެޓީގެ ރިޕޯޓްގައި ހިމެނޭ މައްސަލަތަކުގައި ހިމެނިވަޑައިގަންނަވާ ސުޕްރީމް ކޯޓު ފަނޑިޔާރުންގެ މައްސަލަތަކެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓް އާންމުކޮށް ރައްޔިތުންގެ މަޖިލީހަށް ހިއްސާކޮށްފައިވެ އެވެ. އެ ރިޕޯޓްގައިވާ ގޮތުން 17 މައްސަލައެއް ފާހަގަކޮށްފައިވެ އެވެ. އޭގައި ގިނައީ ސުޕްރީމް ކޯޓުގެ އެކިއެކި ނިންމުންތަކާ ގުޅޭ މައްސަލަތަކެވެ. އެގޮތުން އެކެއް ފެބުރުއަރީގެ އަމުރުގެ މައްސަލަ އާއި ކުރީގެ މެންބަރު އަހުމަދު ނާޒިމްގެ ހުކުމް ބާތިލް ކުރި މައްސަލަ ވެސް ހިމެނެ އެވެ.
އުއްތަމަ ފަނޑިޔާރު ބަޔާނުގައި ވިދާޅުވެފައިވަނީ ފަނޑިޔާރުން ނިންމާ ނިންމުންތަކާ ގުޅިގެން ދައުލަތުގެ އެހެން މުއައްސަސާއަކުން އެ ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުމަށާއި ސުޕްރީމް ކޯޓުގެ ނިންމުންތަކަކީ ޣައިރު ދުސްތޫރީ ނިންމުންތަކެއްގެ ގޮތުގައި ނިންމަން ކުރާ މަސައްކަތަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން ކުރާ ކަމެއް ކަމަށެވެ. މީގެއިތުރުން ވެރިކަން ކުރާ ބާރުން ނުވަތަ މަޖިލީހުން ކުރާ ކަމެއްގައި ވެސް ދުސްތާރާ ހިލާފު، ގާނޫނު އަސާސީއާ ހިލާފު ކަމެއް ހިމެނޭނަމަ އެކަމެއް ބަލައި ގޮތެއް ނިންމުމަކީ ވެސް ގާނޫނު އަސާސީއިން ސުޕްރީމް ކޯޓަށް އޮތް ބާރެއްކަން އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.
ސުޕްރީމް ކޯޓުން ގާނޫނުތައް މަނާކުރުމާއި އޭގައިވާ އެއްޗަކީ ކޮބައިކަމާމެދު ގޮތް ނިންމުމަކީ ހަމައެކަނި ރާއްޖޭގައި އޮތް ކަމެއް ނޫންކަން ފާހަގަ ކުރައްވަމުން ބައެއް ގައުމުތަކުގައި ހިންގާފައިވާ މުހިންމު މައްސަލަތަކުގައި ކޯޓުތަކުން ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުންތައް ވެސް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ހިމަނުއްވާފައިވެ އެވެ.
ފަނޑިޔާރުން ނިންމާ ނިންމުންތަކާ ގުޅިގެން އެ ފަނޑިޔާރުންނަށް ފިޔަވަޅު އެޅެމަށް ސުލޫކީ މައްސަލަތައް ބެލުމަކީ ޖޭއެސްސީގެ ގާނޫނުން އެ ކޮމިޝަނަށް ނުލިބޭ ބާރަކަށްވާއިރު އެފަދަ ކަމެއްގެ ތެރޭގައި އުޅުއްވާ ކޮންމެ ޖޭއެސްސީ މެންބަރަކު ވެސް އެ ވަނީ މަގާމުގެ ހުވަޔާ ހިލާފުވެފައި ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ޖޭއެސްސީއިން ބަލަން ނިންމާފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ 15 މައްސަލައިގެ ތެރޭގައި ވެސް އެ ކޮމިޝަނަށް ބެލޭނެ އެއްވެސް ސުލޫކީ މައްސަލައެއް ނެތް ކަމަށާއި އެ 15 މައްސަލައަކީ ވެސް ސުޕްރީމް ކޯޓުން ނިންމާފައިވާ ގަޟާއީ ނިންމުންތަކާ ގުޅޭ މައްސަލަތަކެއްކަން ބަޔާނުގައި ފާހަގަ ކުރެއްވި އެވެ. އެހެންކަމުން އެ މައްސަލަތައް ބަލައި އިޖުރާއަތް ހިންގުން ވާނީ ގާނޫނީ އަސާސީ އާއި ގާނޫނުތަކާއި އަދި ބައިނަލްއަގްވާމީ މިންގަނޑުތަކާ ވެސް ހިލާފު ކަމަކަށް ކަމަށް އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ބަޔާން ނިންމާލައްވަމުން ވިދާޅުވެފައިވަނީ ޖޭއެސްސީއިން މިހާރު ހިންގާ އަމަލަކީ އަދުލްއިންސާފު ގާއިމް ކުރުމުގެ ބާރު ކަނޑުވާލައި މިނިވަންކަމާއި މުސްތަގިއްލުކަން ނިގުޅައިގަތުމަށް ހިންގާ ކަމެއް ކަމަށެވެ. އެއީ ދައުލަތުގެ ނިޒާމް ހަލާކުވެގެންދާނެ ކަމަކަށްވާތީ އެކަން ހުއްޓުވައިދިނުމަށް އުއްތަމަ ފަނޑިޔާރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ކުރައްވާފަ އެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ބަލަން ނިންމީ ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރީގްލަރ މަސައްކަތް ފުރިހަމަ ކުރުމަށްފަހު ހުށަހަޅާފައިވާ "އެސެސްމެންޓް އޮފް ދަ ޖަސްޓިސް ސެކްޓަރ ރިފޯމް ޕްރޮޕޯޒަލްސް" ރިޕޯޓްގައު ފާހަގަކޮށްފައިވާ ނުކުތާތަކަށް ރިއާޔަތް ކުރުމަށްފަހު އެވެ. އޭނާ ވަނީ އެ ރިޕޯޓްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން ލަފާ ދެއްވާފަ އެވެ.
މީގެކުރިން ޖޭއެސްސީއިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ހުންނެވި އަބްދުﷲ ދީދީގެ މައްސަލައެއް ބަލައި އޭނާ ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފަ އެވެ. އޭނާ މިހާރު ވަނީ ފަނޑިޔާރު ކަމުން ވަކިކޮށްފަ އެވެ. އޭގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، ޖޭއެސްސީގެ ރައީސްކަން ވެސް ކުރައްވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލައެއް ބެލުމަށްފަހު އެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށް ވެސް ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ.