ހަބަރު

ޑީޖޭއޭއިން އުޅެނީ ނިޒާމް ޕެރެލައިޒްކޮށް ޒިންމާއަށް ހުރަސް އަޅަން: އުއްތަމަ ފަނޑިޔާރު

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ކޯޓުތަކުގެ އިދާރީ ހިންގުން ޕެރަލައިޒްކޮށް ފަނޑިޔާރުންގެ ޒިންމާއަށް ހުރަސް އަޅަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ދިގު ބަޔާނެއް ނެރުއްވައިފި އެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވެ ބަޔާން ނެރުއްވީ ޑީޖޭއޭއަށް ހުރަސް އަޅަން ސުޕްރީމް ކޯޓުން އުޅޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިންނާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މައްސަލަ ބަލަމުންދާ ދަނޑިވަޅެއްގަ އެވެ. އެ ދެ ތަނުން އެ މައްސަލަ ބަލަން ނިންމީ ޑީޖޭއޭގެ ބާރު ކަނޑުވާލަން ޖުޑީޝަލް ކައުންސިލުން އުޅޭ ކަމަށް ބުނެ އެވެ.

ކުރިން ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުން ދިޔަ ޑީޖޭއޭ މިފަހުން ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހެއް ދަށުން ވަނީ ޖޭއެސްސީގެ ދަށަށް ގެންގޮސްފަ އެވެ. މިހާރު ޑީޖޭއޭ ހިންގަނީ ޖޭއެސްސީގެ ބެލުމުގެ ދަށުންނެވެ. ޑީޖޭއޭއަކީ ކޯޓުތަކުގެ އިދާރީ ކަންކަން ހަމަޖެއްސުމަށް އެހީތެރިވެދޭ އިދާރާއެކެވެ.

އުއްތަމަ ފަނޑިޔާރު މިއަދު ނެރުއްވި އަށް ސަފުހާގެ ބަޔާނުގައި ވިދާޅުވީ ފަނޑިޔާރު ގެއަކީ ވަކި ބާރެއް ގޮތުގައި ގާނޫނު އަސާސީގައި ކަނޑައަޅާފައިވަނިކޮށް ޑީޖޭއޭއިން ކޯޓުތަކުގެ ތެރޭގެ އިދާރީ ނިޒާމްގެ ތެރެއަށް އަތް ބާނައި ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި ފަނޑިޔާރުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި ކޯޓުތަކުގެ އިދާރީ ހިންގުމުގެ ހުރިހާ ކަމެއް އެ އިދާރާ ދަށަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އިދާރީ ނިޒާމް ވެސް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުންގެ އެއްވެސް ބާރެއް ނުހިނގާ ނިޒާމަކަށް ބަދަލުކޮށް ކޯޓުތަކުގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އަޅައި އަދުލްއިންސާފު ގާއިމް ކުރުމުގެ ބާރު ޕެރެލައިޒް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. ދީދީ ވިދާޅުވީ ކޯޓުތަކުގެ އިދާރީ މުވައްޒަފުންނާއި އިދާރީ ނިޒާމަކީ ފަނޑިޔާރުންގެ ބާރު ނުހިނގާ ނިޒާމަކަށް ވެއްޖެނަމަ އޭގެ ސަބަބުން ފަނޑިޔާރުންގެ މަސައްކަތަށް ގިރާ ނުކުރެވޭނެ ފަދަ ހުރަސްތަކެއް ކުރިމަތިވެގެން ދާނެ ކަމަށެވެ. އަދި ކޯޓުތަކުގެ އިދާރީ އަދި ނިޒާމީ އިންޓެގްރިޓީ ގެއްލި ކޯޓާއި ފަނޑިޔާރުންގެ މަސައްކަތް ނުކުރެވޭނެ ފަދަ މާހައުލެއް އުފެދޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އިދާރީ ނިޒާމާ ބެހޭ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައަޅައި އެކަށައެޅުމާއި އެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް ކޯޓު ހިންގުމުގެ ކަންކަމަކީ އުއްތަމަ ފަނޑިޔާރަށް ގާނޫނުތަކުން ދީފައިވާ ބާރެއްކަން އެނގެން އޮންނަ ކަމަށާއި އެއާ ހިލާފަށް އެކަން ކުރަން އުޅުމަކީ ގާނޫނާ ހިލާފު ޣައިރު ދުސްތޫރީ އަމަލެއްކަން ވަރަށް ސާފު ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ސުޕްރީމް ކޯޓެކޭ އެއްގޮތަށް ހައިކޯޓާއި ސްޕީރިއާ ކޯޓުތަކުގެ އިދާރީ ހިންގުން އޮންނަން ވާނީ އެ ކޯޓެއްގެ އިސް ފަނޑިޔާރުގެ ބެލުމުގެ ދަށުންކަން ގާނޫނުން ސާފުވާ ކަމަށާއި އަދި މެޖިސްޓްރޭޓް ކޯޓުތަކުގައި އެ ދައުރު އޮތީ އިސް މެޖިސްޓްރޭޓަށްކަން ވެސް އެނގޭ ކަމަށެވެ. ކޯޓުތަކުގެ އިދާރީ ކަންކަމާ ބެހުމުގެ ބާރެއް އެއްވެސް ގާނޫނަކުން ޖޭއެސްސީއަށް ވެސް ޑީޖޭއޭއަށް ވެސް އަދި އެހެން ކޮމިޓީއަކަށް ވެސް ދީފައިނެތް ކަމަށެވެ.

ޑީޖޭއޭއަކީ ކޯޓުތަކުގެ އާންމު އިދާރީ ނިޒާމުގެ ކަންކަން ސެންޓްރަލް ލެވެލްގައި ބަލަހައްޓައި ސުޕްރީމް ކޯޓުގެ އިރުޝާދާއި ޖުޑީޝަލް ކައުންސިލްގެ ސިޔާސަތުތަކާ އެއްގޮތަށް އަދި ކޯޓުތަކުގެ މަޝްވަރާގެ މަތިން ކޯޓުތަކުން އެދޭ ގޮތެއްގެ މަތިން އަދާކުރުމަށްޓަކައި އުފައްދާފައިވާ އިދާރާއެއްކަން އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ. އެއްވެސް ކޯޓެއްގެ ކޯޓް ލެވެލް އެޑްމިނިސްޓޭޝަންގެ އެއްވެސް ޒިންމާއެއް އެ އިދާރާއާ ހަވާލު ކުރެވިފައިނުވާނެ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ އިދާރީ ނިޒާމްގެ މައްޗަށް އުއްތަމަ ފަނޑިޔާރުގެ ބާރެއް ނުހިނގާ ގޮތަށް ނިޒާމް ބޭއްވުމަކީ ރައިސުލްޖުމްހޫރިއްޔާގެ އޮފީސް ހިންގުމުގައި ރައިސުލްޖުމްހޫރިއްޔާގެ އެއްވެސް ބާރެއް ނޯންނާނެ ގޮތަށް ހެދުން ފަދަ ކަމެއް، އަދި މަޖިލީހުގެ އިދާރާ ހިންގުމުގައި މަޖިލީހުގެ ރައީސްގެ އެއްވެސް ބާރެއް ނޯންނާނެ ގޮތަށް ހެދުން ފަދަ ކަމެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެހެންކަމުން މިހާރު ޑީޖޭއޭގެ އަމަލުތައް ހުރި ގޮތުން ފަނޑިޔާރުންގެ ދުސްތޫރީ ވާޖިބުތައް އަދާކުރުމަށް ދަތިވެ އަދުލްއިންސާފު ގާއިމް ކުރުމުގެ މުޅި ނިޒާމް ފުނޑުފުނޑުވެގެން ދާނެ ކަމަށް ވިދާޅުވި އެވެ. އަދި ނިޒާމް ޕެރެލައިޒްކޮށް ވަކި ގޮތަކަށް ނިންމުންތަކެއް ނިންމައިފިނަމަ ފަނޑިޔާރުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ ބިރު ދައްކައި އިންޒާރު ދިނުމަކީ މުޅި ދައުލަތުގެ އަސާސްތަކަށް ދެވޭ ހަމަލާއެއް ކަމަށް ވެސް ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އޮޅުވާލައިގެން ބަޔަކު ކިތަންމެ މަސައްކަތް ކުރި ނަމަވެސް ދައުުލަތުގައި އަދުލްއިންސާފު ގއިމް ކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ކޯޓުތަކަށް ކަމާއި ސުޕްރީމް ކޯޓަކީ އެ ބާރުގެ އެންމެ އިސް ފަރާތްކަމީ ވަންހަނާ ނުވާނޭ މިންވަރަށް ގާނޫނު އަސާސީގެ ނައްސުތަކުން އެނގި ކަށަވަރުވާ ކަމެއް ކަމަށެވެ.

"އެއްވެސް ފަރާތަކުން ދައްކާ ބިރަކަށް ޖެހިލުން ނުވެ މިނިވަންކަމާއި މުސްތަގިއްލުކަމާއެކު މިނިވަން ފަނޑިޔާރުގެއެއްގެ ހިޔާވަހިކަން އެއްވެސް ދިވެހި ރައްޔިތަކަށް ތަފާތު ކުރުމެއް ނެރި ފޯރުކޮށް ދޭނެކަމާއި ގާނޫނު އަސާސީ އާއި ގާނޫނުތައް ނެގެހެއްޓުމުގެ މަސްއޫލިއްޔަތު ކޯޓުތަކުން އަދާ ކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންންަށް އަރުވަން،" ބަޔާން ނިންމާލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެ އެވެ.