އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުއުތަސިމް އަދުނާން އައްޔަން ކުރަން ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް މުއުތަސިމް އައްޔަން ކުރަން ރުހުން ދޭން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. މުއުތަސިމަށް ރުހުން ދިނުމާ ދެކޮޅަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް މުއުތަސިމް އައްޔަން ކުރަން މަޖިލީހުން މިއަދު ރުހުން ދީފައި ވަނީ، ކުރިން އެ މަގާމުގައި ހުންނެވި ޑރ. އަހްމަދު އަބްދުﷲ ދީދީ އެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން އެ މަގާމު ހުސްވެގެންނެވެ.
ގާނޫނު އަސާސީގައި ބުނާ ގޮތުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރާނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފާގެ މަތިން މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުން އެ ނަމަކަށް ރުހުން ދިނުމުންނެވެ.
އެ މަގާމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުވީ މުއުތަސިމްގެ ނަންފުޅެވެ. އެއީ އެ މަގާމަށް އޭނާ އައްޔަން ކުރުން ޖޭއެސްސީން ވެސް ލަފާ ދިނުމުންނެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނަން ދިރާސާކޮށް ނިންމާފައި ވަނީ ޖޭއެސްސީން އިޖުރާއަތްތައް އަމަލުކޮށްފައިވާ ކަމަށެވެ.
އާ އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރާ މުއުތަސިމަކީ އެންމެ ފުރަތަމަ ސުޕްރީމް ކޯޓު އުފެއްދިއިރު އެ ކޯޓަށް އައްޔަން ކުރި ފަނޑިޔާރުންގެ ތެރެއިން ބޭފުޅެކެވެ. ނަމަވެސް މިދިޔަ މަޖިލީހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްވާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް ބަދަލު ގެނެސްގެން އޭނާގެ މަގާމު ގެއްލުވާލި އެވެ.
އެންމެ ފުރަތަމަ ސުޕްރީމް ކޯޓު އުފެއްދިއިރު އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި ޑރ. އަހްމަދު ފާއިޒު ހުސައިންގެ މަގާމު ވެސް އޭރު ގެއްލިގެން ދިޔައީ ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރަކު މަދު ކުރާ ގޮތަށް މަޖިލީހުން ގާނޫނަށް ގެނައި ބަދަލުގެ ދަށުންނެވެ.
އޭގެ ފަހުން އުއްތަމަ ފަނޑިޔާރުގެ މަގާމު ފުރުއްވީ އަބްދުﷲ ސައީދެވެ. އޭނާގެ މަގާމު ވެސް ގެއްލުވާލީ ފަނޑިޔާރުންގެ ގާނޫނަށް މިދިޔަ މަޖިލީހުގައި ގެނައި ބަދަލެއްގެ ދަށުންނެވެ. އެއީ ގާނޫނުގައި ފަނޑިޔާރު ކަމުގެ މަގާމު ގެއްލޭ އިޖުރާއަތަކަށް މަޖިލީހުން ގެނައި ބަދަލެކެވެ.
އޭރު ޖަލު ބަންދުގައި ނުވަތަ ހުކުމްތަކުގައި ތިއްބެވި އިދިކޮޅު ސިޔާސީ ލީޑަރުން މިނިވަން ކުރަން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނެރުނު އަމުރާ ގުޅިގެން ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ އެ ހުކުމް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފައިވެ އެވެ. އެއާ ހިސާބުން ފަނޑިޔާރުގެ މަގާމު ވަގުތުން ގެއްލޭ ގޮތަށް ގާނޫނަށް އޭރު ބަދަލު ގެނައީ އެވެ.
އުއްތަމަ ފަނޑިޔާރު ކަމަށް މުއުތަސިމް އައްޔަން ކުރަން މަޖިލީހުން ރުހުން ދިންއިރު، އެންމެ ފުރަތަމަ ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ހަތް ފަނޑިޔާރުންގެ ތެރެއިން މިހާރު ސުޕްރީމް ކޯޓުގައި ހުންނަވާ ހަމައެކަނި ފަނޑިޔާރަކަށް ވާނީ އޭނާ އެވެ. އަދި މިހާރު އަމަލު ކުރާ ގާނޫނުގެ އަސާސީގެ ދަށުން، އުއްތަމަ ފަނޑިޔާރުގެ މާގަމު ފުރުއްވާނެ ހަތަރުވަނަ ބޭފުޅާ އެވެ.
މުއުތަސިމްގެ އިތުރުން މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވީ ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ސުޖޫން އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރް އެވެ. އެ ކޯޓުގައި އިތުރު ދެ ފަނޑިޔާރެއްގެ މަގާމު ހުސްކޮށް އޮތްއިރު، އެއިން އެ މަގާމަށް އައްޔަން ކުރަން މަޖިލީހަށް ފޮނުވާފައި ވަނީ، ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދުގެ ނަމެވެ.