ޖޭއެސްސީ

ބިޝާމް ވިދާޅުވި ފަނޑިޔާރުންގެ މައްސަލަ ބަލަނީ

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ބައެއް ފަނޑިޔާރުންވެސް ބައިވެރިވެފައިވާ ކަމަށާ ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ވިދާޅުވެފައިވާތީ އެ ފަނޑިޔާރުންގެ މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ނިންމައިފި އެވެ.

އެ ކޮމިޝަނުން މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ 73 ވަނަ ބައްދަލްވުމުގައެވެ.

ޖޭއެސްސީން ބުނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ބައެއް ފަނޑިޔާރުން ބައިވެރިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ވިދާޅުވެފައިވާތީ އެ ފަނޑިޔާރުންގެ މައްސަލަ ތަހުގީގު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ މައްސަލާގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަނޑިޔާރުންނާ އެކަމާ ގުޅޭ ހެކިތައް ޖުޑީޝަލް ސާވިސް ކޮމިޝަނާ ހިއްސާ ކޮށްދެއްވުމަށް އިދާރާތަކުގައި މިއަދު ދަންނަވާފައިވާ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

މިދިޔަ ހޯމަ ދުވަހު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޕީޖީ ބިޝާމް ވިދާޅުވީ 19ވަނަ ރައްޔިރުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން މި ސަރުކާރުގެ ބައެއް ވަޒީރުންނާއި ފަނޑިޔާރުންނާއި ކުރީގެ މަޖިލިސް މެންބަރުންގެ މައްސަލަ ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓުގައި ހިމެނޭ ކަމަށެވެ. އެކަމަނާ މިހެން ވިދާޅުވުމުން އެ ދުވަހުގެ ކޮމެޓީގެ ބައްދަލްވުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެން ނެވެ.

ނަމަވެސް މަޖިލީހުގެ ބައެއް މެންބަރުން ވަނީ ޚިޔާނާތުގައި ބައިވެރިވާ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވާ މަޖިލީސް މެންބަރުންނާއި، ފަނޑިޔާރުންނާއި ވަޒީރުންގެ ނަންތައް ހާމަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި އެ ދުވަހުގެ ކޮމެޓީގެ ބައްދަލްވުން ސިއްރުކުރީ އެ ފަރާތްތައް ހިމާޔަތް ކުރަން ނޫން ކަމަށާ ކޮމެޓީ ބައްދަލްވުން ސިއްރުކުރީ ހައްސާސް މައުލޫމާތުތަކެއް ހާމަކުރަން ހުރުމުން ކަމަށެވެ. މަޖިލީހުގެ އިއްޔެއާ މިއަދުގެ ޖަލްސާގައި ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވާ ކަމަށް ޕީޖީ ވިދާޅުވި ބައެއް މެންބަރުންގެ ނަންތައް ހާމަކޮށްފައެވެ.

އަދި މިހާރު ވަޒީރުންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅަކު އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތުހުމަތުކޮށް ވަކިކުރަން އުޅޭ ކަމަށްވެސް އިދިކޮޅު މެންބަރުން ވަނީ ވިދާޅުވެފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާ، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކަމަށް ބައެއް މެންބަރުން ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ބައިވެރިވެފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެފައި ވާތީ އެކަމަނާގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އިއްޔެ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު މަލީހް ވަނީ އެމްއެމްޕީއާރްސީގެ މައްސަލާގައި މީގެ ކުރިން ތުހުމަތު ވެސް ކުރެެވިފައި ނުވާ މީސްމީހުންގެ ނަންނަން އެކަމުގައި ޝާމިލު ކުރަމުން ދަނީ މިސްރާބު އޮޅުވާލަންތޯ ވެސް ސުވާލު ކުރައްވާފަ އެވެ. އަދި ޕީޖީއަކީ އެނބުރޭ ވަހުތާނަކަށް ވެގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ސިއްރު ކުރި މީޓީންގައި އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅުވާ އަޅުގަނޑުގެ ނަން ޕީޖީ ވިދާޅުވި ކަމުގެ މައުލޫމާތު ނޫސްވެރިއަކު [އަޅުގަނޑަށް] ދީފި. [އެކަމާ] ޕީޖީ ގޮވައިގެން އަބުރުގެ ދައުވާ ކުރާނަން. މިހާތަނަށް ތުހުމަތެއް ވެސް ނުކުރެވޭ މީހުންގެ ނަން ގެންނަނީ މިސްރާބު އޮޅުވާލަންބާ؟ ޕީޖީއަކީ އެނބުރޭ ވަހުތާނަކަށް ވެގެން ނުވާނެ." މަލީހު ވިދާޅުވި އެވެ.