ހަބަރު

ފަނޑިޔާރުންގެ ނަޒާހަތްތެރިކަމަށް މުހިއްމު ފިޔަވަޅެއް

Dec 29, 2020
5

ފަނޑިޔާރުންގެ މާލީ ބަޔާނުގައި އަނބިދަރިންގެ ހިމަނަންޖެހޭ ގޮތަށް ފަނޑިޔާރުންގެ މާލީ ބަޔާނާބެހޭ ގަވައިދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިސްލާހުކޮށް އާއްމުކޮށްފި އެވެ.

ފަނޑިޔާރުން މާލީ ބަޔާން ހުށަހަޅާއިރު ކުރިން ނުހިމަނާ މައުލޫމާތުތަކަކާ އެކު މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ޖޭއެސްސީން ނިންމައި މިދިއަ ބުރާސްފަތި ދުވަހު ގެޒެޓުކުރި ގަވާއިދުގައި ބުނެފައި ވަނީ ފަނޑިޔާރެއްގެ މާލީ ބަޔާނުގައި ހިމެނޭނީ، ބަޔާން ތައްޔާރުކުރާ މުއްދަތުގެ ތެރޭގައި ފަނޑިޔާރަށް ނުވަތަ އަނބި ނުވަތަ ފިރިންނާއި ދަރީންގެ ނަމުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުގެ މައުލޫމާތުގެ ތެރޭގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ހަރަދުވި ފައިސާ އާއި މުދަލުގެ އިތުރުން ލިބިފައިވާ ހަދިޔާ ނުވަތަ އެހީގެ ތަފްސީލު ކަމަށެވެ.

އެ ގަވާއިދުގައިވާ ގޮތުން ކޮންމެ އަހަރަކު އެއް ފަހަރު ފަނޑިޔާރުން މާލީ ބަޔާން ހުށަހަޅަން ޖެހެ އެވެ. އަލަށް އައްޔަންކުރާ ފަނޑިޔާރުން ވެސް މަގާމާ ހަވާލުވި ތާރީޚުގެ ކުރިއަށް އެއް އަހަރުގެ ހާލަތު އެނގޭނެ ގޮތަށް މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް މާލީ ބަޔާނެއް ޖޭއެސްސީއަށް ހުށަހެޅުން އޮތީ ލާޒިމްކޮށްފަ އެވެ.

މި ގަވައިދު މިގޮތަށް އިސްލާހުކޮށް ހަރުދަނާކޮށްފައިވަނީ، ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ޖޭއެސްސީން ބަލާއިރު، އާއްމުކޮށް ރިޝްވަތާއި ހަދިޔާ ގަބޫލުކޮށްފައިހުރީ އަނބި ނުވަތަ ފިރިންނާއި ދަރިންގެ ނަމުގައި ފާހަގަކުރެވޭތީ އެވެ.

ގަވައިދާ އެގޮތަށް، އަހަރުން އަހަރަށް ފަނޑިޔާރުންގެ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް، ފުރިހަމަމާލީ ބަޔާނެއް ހުށަނާޅައިފި ނަމަ، ސުލޫކީ މައްސަލައެއްގެ ގޮތުގައި ފިޔަވަޅު އަޅަން ވެސް މިހާރު ޖޭއެސްސީން އޮތީ ނިންމައިފަ އެވެ.

"އަނބިދަރިންގެ ނަމުގައި ވިޔަފާރި ހިންގުން އެއީ އާއްމުކަމެއް. ދަތުރުތަކަށް އަނބިމީހާގެ ނަމުގައި ރެޖިސްޓްރީކޮށްފައި އޮންނަ ލޯންޗު ކުއްޔަށް ނެގުމުގެ މައްސަލަތައް ފެންމަތިވެ ފިޔަވަޅު އަޅާފައިވެސް ހުންނާނެ،" ޝަރުއީ ދާއިރާގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީސް ފަދަ ކަމާގުޅުންހުރި މުއައްސާސަތަކުގެ ލަފަޔާއެކު އެކުލަވާލެވުނު އާ ގަވައިދުން މި ފަދަ މައްސަލަތައް ބަލައި، ގަވައިދުން މޮނިޓާކުރާނެކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ.

ޖިނާއީ މައްސަލައަކާ ގުޅިގެން ނޫން ގޮތަކަށް އެހެން ފަރާތަކަށް ވެސް ބަޔާން ހިއްސާ ނުކުރާނެކަމަށް އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައި އެވެ.

އާ ގަވައިދާ ގުޅޭގޮތުން، މިހާރު ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވާފައި ހުންނެވި ބޭފުޅަކު ވިދާޅުވީ، މި ގަވައިދަކީ ޖުޑީޝަރީގެ އިތުބާރު ބޮޑުވެގެންދާނެ ގަވައިދެއް ކަމަށެވެ.