ފަނޑިޔާރުން ވަކި މިންވަރަކަށް ވުރެ އިތުރަށް ގަޑި ޖެހިއްޖެ ނަމަ ނުވަތަ ކޯޓަށް ހާޒިރު ނުވެއްޖެނަމަ އެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ޖޭއެސްސީއަށް ފޮނުވާ ގޮތަށް ނިންމާ ފަނޑިޔާރުންގެ ހާޒިރީއާ ޗުއްޓީ ހަމަޖެއްސުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އެކުލަވާލައިފި އެވެ.
މިއަދު ގެޒެޓްކޮށްފައިވާ އެ އުސޫލުގައި ބުނެފައިވަނީ މަސް ދުވަހުގެ ތެރޭގައި 15 ދުވަހު ގަޑި ޖެހިއްޖެނަމަ ނުވަތަ 3 ދުވަހު ކޯޓަށް ހާޒިރު ނުވެއްޖެނަމަ އެއީ ފަނޑިޔާރެއްގެ އަޚުލާގީ މައްސަލައެއްގެ ގޮތުގައި ބެލޭނެ ކަމަށެވެ. އަދި އަހަރު ދުވަހުގެ ތެރޭގައި 180 ދުވަހު ގަޑި ޖެހިއްޖެނަމަ ނުވަތަ 36 ދުވަހު ކޯޓަށް ހާޒިރު ނުވެއްޖެނަމަ އެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ޖޭއެސްސީ އަށް ފޮނުވޭނެ ކަމަށެވެ.
މި އުސޫލުގައި ބުނާ ގޮތުން ކޯޓުގެ ރަސްމީ ގަޑިއަކީ ހެނދުނު 8:00 ފެށިގެން މެންދުރު 2:00 އަށެވެ. އަދި ކޯޓްގެ މަަސައްކަތު ހަފްތާއަކީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް 5 ދުވަސް ކަމަށެވެ.
އަދި އާންމު ދުވަސް ތަކުގައި ފަނޑިޔާރެއްގެ މަސައްކަތު ގަޑިއަކީ ހެނދުނު 8:30 ފެށިގެން 2:00 އަށް ކަމަށާ ރަމަޟާން މަހު 9:00 ފެށިގެން 13:00 އަށް ކަމަށެވެ.
ފަނޑިޔާރުންގެ ހާޒިރީއާ ޗުއްޓީ ހަމަޖެއްސުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ބުނާގޮތުން ފަނޑިޔާރު ގަޑި ޖެހުނު ކަމަށް ބަލާނީ އާންމު ދުވަސްތަކުގައި 8:31 ހިނގުމުން އަދި ރަމަޟާން މަހުގައި 9:01 ހިނގުމުންނެވެ.
ނަމަވެސް އަމިއްލަ ބާރު ނުފޯރާ ކަމެއްގެ ސަބަބުން، ދިމާވާ ހާދިސާ އެއްގެ ސަބަބުން ނުވަތަ ކަނޑު ގަދަވުން ފަދަ މަގުބޫލު އުޒުރެއް ދިމާވެގެން ފަނޑިޔާރަކަށް ކޯޓަށް ހާޒިރުވެވޭ ގޮތް ނުވެއްޖެ ނަަމަ އެދުވަހު ގަޑި ނުޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ފަނޑިޔާރު ކޯޓަށް ހާޒިރުވާން ޖެހޭ ގަޑީގެ ތިރީސް މިނެޓް ކުރިން ވާރޭވެހިގެން ނުވަތަ ކަނޑު ގަދަވެގެން އޮފީހަށް ނާދެވިއްޖެ ހާލަތެއް ގައިވެސް އެދުވަހު ގަޑި ނުޖެހޭނެ ކަމަށް ވަނީ ބަޔާން ކޮށްފައެވެ. އެފަދަ ދުވަސް ދުވަހު ގަޑި ޖެހޭނެ ގަޑި ކަނޑައަޅާނީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ރިޕޯޓް ހޯދުމަށްފަހު އެ ކޯޓެއްގެ އިދާރީ އެންމެ އިސް މުއައްޒިފުކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިިތުރުން ފަނޑިޔާރު ޚިދުމަތްކުރާ ކޮންމެ އަހަރަކަށް ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭގޮތަށް ދެވޭނީ 30 ދުވަސް ކަމަށްވެސް ބުނެފައިވެއެވެ. އަދި މަގާމާ ހަވާލުވާތާ އަހަރު ދުވަސްވުމުން ކޮންމެ ފަނޑިޔާރަކަށްވެސް އަހަރީ ޗުއްޓީގެ ގޮތުގައި 30 ދުވަސް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
އަދި ފަނޑިޔާރުންނަށް ހައްޖު ނުވަތަ އުމުރާއަށް ދިއުމަށް ޗުއްޓީ ދެވޭނެ އުސޫލުތަކާއި، ސިއްހީ ސަބަބުތަކަށްޓަކައި ޗުއްޓީ ދެވޭނެ އުސޫލްތައް ވަނީ ބަޔާންކޮށްފައެވެ.