ޝަރުއީ ދާއިރާ ރިފޯމް ކުރުން

ގިނަ ފަނޑިޔާރުންގެ ބެންޗު ކަނޑައަޅަން ކޮމިޝަނަށް ލާފާ ނުދެވޭނެ: ޖޭއެސްސީ

ސުޕީރިއާ ކޯޓުގައި ހިނގަމުންދާ މައްސަލައެއް ބަލާ ބެންޗުގައި އެއް ފަނޑިޔާރަށްވުރެ ގިނަ ފަނޑިޔާރުން އެކުލެވޭ ގޮތަށް ކަނޑައަޅަން ލަފާ ދިނުމަކީ ޤާނޫނީ ގޮތުން ޖޭއެސްސީއަށް ކުރެވޭނެ ކަމެއް ނޫން ކަަމަށް އެ ކޮމިޝަނުން ކަނޑައަޅައިފި އެވެ.

ސުޕީރިއާ ކޯޓެއްގައި ހިނގާ މައްސަލައެއް ބަލާ ބެންޗުގައި އެއް ފަނޑިޔާރަށްވުރެ ގިނަ ފަނޑިޔާރުން އެކުލެވޭ ގޮތަށް ކަނޑައަޅަން ލަފާ ދިނުމަކީ އެ ކޮމިޝަނަށް ކުރެވިދާނެ ކަމެއްތޯ ބަލަން މަޝްވަރާކޮށްފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

ޖޭއެސްސީން ބުނީ ކޯޓުތަކުގެ ގާނޫނު ގައި ބަޔާން ކޮށްފައިވާ ގޮތުން ސުޕީރިއާ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި މައްސަލައެއްގެ ޒާތަށާއި ބާވަތަށާއި މައްސަލައިގެ ވަށައިގެންވާ އެހެނިގެން ކަންކަމަށް ބަލައި، އެ މައްސަލައެއް އެއް ގާޒީއަށްވުރެ ގިނަ ގާޒީންގެ މައްޗަށް އެކުލެވިގެންވާ މަޖިލީހަކުން ބެލުމަށް ބެންޗެއް އެކުލަވާލުމަކީ އެކޯޓެއްގެ އިސް ގާޒީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވާތީ، އެކަމަކީ އެ ކޮމިޝަނުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އަދި އެކަމުގައި ކޮމިޝަނުން ބަހެއް ނުކިޔަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ޝަރުއީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ނުނިމި އާދަޔާ ހިލާފަށް ދިގު ދެމިގެންދާ ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެމުންދާތީ، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނުނިމި ލަސްވާ ސަބަބުތައް ދެނެގަތުމަށް ކޮމިޝަނުން އެކުލަވާލި ކޮމިޓީން މިހާރު ކޯޓުތަކުގައި ހުރި އެފަދަ މައްސަލަތައް ބަލައި، ދިރާ ސާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ ކޯޓެއްގެ ގޮތުގައި ކްރިމިނަލް ކޯޓު ކަނޑައަޅައި، ކްރިމިނަލް ކޯޓުގައި މައްސަލަތައް ހިންގާފައިވާ މިންވަރާއި، ނުހިންގި ނުވަތަ ހުއްޓިފައި ހުރި މައްސަލަތަކުގެ މިންވަރާއި، އަދި އެކޯޓުގައި މައްސަލަތައް ބެލުމަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ހުރިނެތްގޮތް ބަލައި، "ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ގުޅޭ ރިޕޯޓު" ގެ ނަމުގައި ރިޕޯޓެއް ވަނީ އެކުލަވާލައި، ކޯޓުތަކުގައި މައްސަލަތައް އަވަހަށް ނިންމުމުގައި ދައުލަތުގެ މުއައްސަސާތަކުގެ އެއްބާރުލުން ކޯޓުތަކަށް ދެއްވުން އެދި ތަންފީޒީ އިދާރާތަކަށާއި ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، މިނިވަން މުއައްސަސާތަކަށް އެ ރިޕޯޓް ފޮނުވުމަށްވެސް މިއަދު އެކޮމިޝަނުން ވަނީ ނިންމާފަ އެވެ.