ހަބަރު

ފަނޑިޔާރުން އެދިގެން ކޯޓު ބަދަލު ކުރެވޭނީ ޖޭއެސްސީގެ ހުއްދަ ލިބިގެން

Dec 3, 2020
1

ފަނޑިޔާރަކު އައްޔަން ކޮށްފައިވާ ކޯޓަކާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލު ވެވޭނީ ޖޭއެސްސީއަށް ހުށަހަޅައިގެން، އެ ކޮމިޝަނުން ނިންމާ ނިންމުމެއްގެ ދަށުން ކަމަށް ހަމަޖައްސައިފި އެވެ.

ޖޭއެސްސީގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ހަދާފައިވާ ގަވާއިދު ބުނާ ގޮތުން، އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ފަނޑިޔާރަކު ބަދަލު ކުރެވޭނީ އެ ފަނޑިޔާރަކު އަމިއްލައަށް އެދިގެން ނުވަތަ އެހެން ކޯޓަކަށް ބަދަލުވުމުގެ ފުރުސަތު ޖޭއެސްސީން ފަނޑިޔާރުންނަށް ހުޅުވާލުމުންނެވެ.

ޖޭއެސްސީން އާއްމު ކޮށްފައިވާ ގަވައިދުގައި ބުނާ ގޮތުން، އެހެން ކޯޓަކަށް ބަދަލުވާން ފަނޑިޔާރަކަށް އެދެވޭނީ، އެ ފަނޑިޔާރަކު ހުރި ކޯޓަށް އައްޔަން ކުރިތާ، ނުވަތަ އެހެން ކޯޓަކަށް ބަދަލުކުރިތާ މަދުވެގެން ދެ އަހަރު ވެފައިވާނަމަ އެވެ.

އަދި ކޯޓު ބަދަލު ކޮށް ދެވޭނީ، ގާނޫނަކުން ވަކި އަދަދަކަށް ފަނޑިޔާރުން ތިބެންޖެހޭ ކޯޓެއް ނަމަ، އެ ފަނޑިޔާރު ބަދަލު ކޮށްދިނުމުން، ފަނޑިޔާރު ތިބެން ލާޒިމުވާ އަދަދު މަދު ނުވާ ނަމަ އެވެ.

އެ ގަވައިދުގައިވާ ގޮތުން، އެހެން ކޯޓަކަށް ބަދަލު ކުރާނަމަ، ބަދަލު ކުރެވޭނީ އިންޓަވިއުގެ މަރުހަލާ ވެސް ފުރިހަމަކޮށް، ގާބިލުކަން ކަށަވަރުކުރުމަށްފަހުގަ އެވެ.

މީގެ އިތުރުން، އެހެން ކޯޓަކަށް ބަދަލު ކުރަން ޖޭއެސްސީން ނިންމައިފި ނަމަ، ރަސްމީ 15 ދުވަސް ތެރޭގައި އެ ފަނޑިޔާރު އެވަގުތު ހުރި ކޯޓުގައި ހުރި މަސައްކަތްތައް ނިންމަން ޖެހޭނެ އެވެ. އެ މުއްދަތަށް މަސައްކަތްތައް ނުނިމިއްޖެނަމަ، ސަބަބު ބަޔާންކޮށް، އިތުރު މުއްދަތަށް އެދުމުގެ ފުރުސަތު ވެސް މި ގަވައިދުގެ ދަށުން ދެއެވެ.

ނަމަވެސް، ޖޭއެސްސީން ނިންމާ ނިންމުމެއްގެ ދަށުން، މުއްދަތު އިތުރުކޮށް ދެވޭނީ، އިތުރު 15 ދުވަހެވެ.