ޝަރުއީ ދާއިރާ ރިފޯމް ކުރުން

"ކޭސްތައް ނިމެނީ ސަރުކާރުން ބޭނުންވާ ގޮތަކަށްތޯ ކަށަވަރުކުރޭ"

މިދިޔަ ދެ އަހަރު ރާއްޖޭގެ ޝަރުއީ ނިޒާމުގެ މިނިވަންކަން ނަގާލައި ކޯޓްތަކަށް ނުފޫޒު ފޯރުވުމަށް މިހާރުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ ފާޑުވިދާޅުވެއްޖެ އެވެ.

ޑރ. ދީދީ މިހެން ވިދާޅުވީ ސަރުކާރުން ފަނޑިޔާރުގެ އިސްލާހުކުރުމަށް މިދިޔަ ދެ އަހަރު ކުރި މަސައްކަތުގެ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވުމާއި ގުޅިގެންނެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 2021 ވަނަ އަހަރަށް މަޖިލީސް ހުޅުވުމަށް އިއްޔެ ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މީގެ ދެ އަހަރު ކުރިން އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އަދުލު އިންސާފުގެ ނިޒާމަށް ރައްޔިތުންގެ ހިތުގައި އެއްވެސް އިތުބާރެއް ނެތް ކަމަށެވެ. ނަމަވެސް ސަރުކާރުން ފަނޑިޔާރުގެ އިސްލާހުކުރުމަށް މިދިޔަ ދެ އަހަރު ކުރި މަސައްކަތުގެ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން މިންޖުވެ މައްސަލަތައް ނިންމުމުގެ މިނިވަންކަން އެންމެ މަތީ ކޯޓުން ފެށިގެން އެންމެ ދަށު ކޯޓާ ހަމައަށް މިހާރު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

"މީގެ ދެ އަހަރު ކުރިން އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރު، އަދުލު އިންސާފުގެ ނިޒާމަށް، ރައްޔިތުންގެ ހިތުގައި އެއްވެސް އިތުބާރެއް ނެތް. ފަނޑިޔާރުގެ އިސްލާޙުކުރުމަށް މިދިޔަ ދެ އަހަރު ކުރި މަސައްކަތުގެ ނަތީޖާ ފެންނަން ފަށައިފި. ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން މިންޖުވެ، މައްސަލަތައް ނިންމުމުގެ މިނިވަންކަން އެންމެ މަތީ ކޯޓުން ފެށިގެން އެންމެ ދަށު ކޯޓާ ހަމައަށް މިހާރު އެބައޮތް،" ރައީސް ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވާ މި ސަރުކާރުގައި މަގާމުން ވަކިކުރި ޑރ. ދީދީ ވިދާޅުވީ މިދިޔަ ދެ އަހަރު ރާއްޖޭގެ ޝަރުއީ ނިޒާމުގެ މިނިވަންކަން ނަގާލައި ކޯޓްތަކަށް ނުފޫޒު ފޯރުވުމަށް މިހާރުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެކަމުގެ ދެތިން މިސާލެއްވެސް އޭނާ ދެއްވިއެވެ.

ވިދާޅުވީ ސުޕްރީމްކޯޓު މާޖިނަލައިޒްކޮށް އެޕެކްސް ކޯޓެއްގެ ދައުރު އެކޯޓުގެ ކިބައިން ނިގުޅައިގެން ފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 141 އާއި 156 އާ ހިލާފަށް ކޯޓުތަކުގެ އިދާރީ މިނިވަންކަން ނިގުޅައިގަނެ ޖޭއެސްސީ ކޮންޓްރޯލްކުރާ އިދާރީ ނިޒާމެއްގެ ތެރެއިން ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 154 އާ ހިލާފަށް ފަނޑިޔާރުންނާ ދެކޮޅަށް ސުލޫކީ މައްސަލަތައް ހިންގައި ވަޒީފާގެ ބިރުދައްކައިގެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ހައި ޕްރޮފައިލް ކޭސްތައް ނިމެނީ ސަރުކާރުން ބޭނުން ގޮތަކަށްތޯ ކަށަވަރު ކުރާ ކަމަށެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން ޝަރުއީ ނިޒާމަށް ވަނީ ބޮޑެތި ބަދަލެއް ގެނެސްފައެވެ. މިދިޔަ ދެ އަހަރެއްހާ ދުވަހު ސުޕްރީމް ކޯޓްގެ މުޅި ބެންޗު އެކީ ވަނީ ބަދަލު ކުރައްވާފައެވެ. އަދި ހައިކޯޓާއި ކްރިމިނަލް ކޯޓްގެ ގިނަ ފަނޑިޔާރުން ވަނީ މަގާމުން ވަކިކޮށްފައެވެ. ބައެއް ކޯޓްތަކުގައި މީގެ ކުރިން މި ސަރުކާރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ވިސްނުމާ އެއްގޮތަށް ސިޔާސީ ހަރަކާތްތަކުގައި އުޅުއްވި ބޭފުޅުންވެސް އެބަ ތިއްބެވިއެވެ.

އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގައި ސިޔާސީ ބޭފުޅުން އެބަ ތިއްބެވިއެވެ. މީގެ ކުރިން ކޯލިޝަންގެ ޕާޓީތަކުގެ އިސްވެރިން ވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް މުޅީން ބަދަލު ކުރަން ޖެހޭ ކަމަށް ވަކާލާތުކޮށް ވެރިކަމަށް ވަޑައިގެން އެކަން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ވެރިކަން ލިބުނު ފަހުން އެ ވާހަކަ މުޅީން ހުއްޓަވާލެއްވިއެވެ. އަދި އެ ބޭފުޅުން ޖޭއެސްސީގައި ތިއްބެވި ނަމަވެސް ސިޔާސީ ވެވަޑައިނުގަންނަވާނެ ކަމަށް ގެންދަވަނީ ވިދާޅުވަމުންނެވެ.