ރައީސް މުހައްމަދު ނަޝީދު

"ކުރިން އުއްތަމަފަނޑިޔާރުން ވަކިކުރީ ނާތަހުޒީބުކޮށް، މިއަދު ތަފާތުވާނެ"

ރާއްޖޭގައި މީގެ ކުރިން އުއްތަމަ ފަނޑިޔާރުގެ މަގާމު އަދާ ކުރެއްވި ބޭފުޅުން އެ މަގާމުން ވަކިކޮށްފައި ވަނީ ވަރަށް ނާތަހުޒީބު ގޮތަކަށް ކަމަށާއި އެހެން ނަމަވެސް މިއަދު އެ ކަން ތަފާތު ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވަކި ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވި މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ އެ ދެ ފަނޑިޔާރުން ވަކި ކުރަން ފެންނަ ކަމަށް ފާސްކޮށްފަ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކަމަށް ވޯޓަށް އަހާނެ އެވެ.

އެ ކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަސްރަސްކަލުންނަށްވުރެ ވެސް އުއްތަމަ ފަނޑިޔާރު ކަން ކުރެއްވި ބޭބޭފުޅުންގެ އަދަދު ގިނަ ކަމަށެވެ. އޭގެ ތެރެއިން ވެސް ގިނަ ފަނޑިޔާރުން މަގާމުން ވަކި ކޮށްފައި ވަނީ ވެސް ވަރަށް ނާތަހުޒީބު ގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ވަކި ކޮށްފައި ވަނީ މީގެ ކުރީގައި، ވަރަށް ނާތަހުޒީބީ ގޮތް ގޮތަށް، މި ރާއްޖެއަކީ މި ރާއްޖޭގެ ރަސްރަސްކަލުންގެ ލިސްޓަަށް ވުރެ ފަނޑިޔާރުންގެ ލިސްޓު ދިގުކޮށް އޮތް ހަޟާރަތެއް އޮތް ގައުމެއް، 1000 އަހަރު މެދުނުކެނޑި އަޅުގަނޑުމެންގެ އެބައޮތް ފަނޑިޔާރުކަން ކުރި މީހުންގެ ލިސްޓާއި ވަކި ކުރި މީހުންގެ ބޮޑު ލިސްޓެއް،" ނަޝީދު ވިދާޅުވި އެވެ.

އޭގެ ތެރެއިން ބައެއް ފަނޑިޔާރުން ވަކި ކޮށްފައި ވަނީ "ރަދުން ބާލާ އޮޑި ބަނޑު ފިލާ ދަށު ލައިގެން" ކަމަށާއި "ކަފަ ބަނދެ އަންދާފައި" ވެސް ބައެއް ފަނޑިޔާރުން މަގާމުން ވަކި ކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ބައެއް ފަނޑިޔާރުން ވަކި ކުރިއިރު އެ ފަނޑިޔާރުންނަށް އަނިޔާކޮށް ގާގައި ހުންނަ ލަކުނު ވެސް ގުނާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދެ އުއްތަމަ ފަނޑިޔާރަކު ވަކިކުރިއިރު، އެ ކަން ވެސް ކުރެއްވީ ނާތަހުޒީބު ގޮތަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެ ގޮތުން އެއް ފަނޑިޔާރު ވަކިކުރީ ގާނޫނައި ގެނައި ބަދަލަކުން "އޮޅިގެން" ކަމަށާއި އަނެއް ފަނޑިޔާރު ވަކި ކުރީ "ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ދަމައިގެން" ކަމަށެވެ.

އެހެން ނަމަވެސް ދިވެހި ރައްޔިތުންނަށް މިއަދު ފެނިގެން ދާނީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ދިވެހި ދައުލަތުގެ އުއްތަމަ ފަނޑިޔާރު ވަކި ކުރެވިގެންދާ މަންޒަރު ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެއީ އެ ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީ، ޖޭއެސްސީން މައްސަލަ ތަހުގީގުކޮށް މަޖިލީހަށް ފޮނުވުމުން މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ކަމަށް ފާހަގަ ކުރެއްވި އެވެ.