މީގެ ކުރިން ދިވެހި ދައުލަތުގެ އުއްތަމަ ފަނޑިޔާރުން ވަކި ކޮށްފައި ވަނީ ވަރަށް ނާތަހުޒީބުކޮށް ކަމަށާއި އެކަމަކު މިއަދު އެ ކަން ތަފާތުވެ އުއްތަމަ ފަނޑިޔާރު ވަކިކުރަނީ އުސޫލުތަކުގެ ތެރެއިން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ރައްދު ދެއްވައިފި އެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ވަކި ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވި މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމީ އެ ދެ ފަނޑިޔާރުން ވަކި ކުރަން ފެންނަ ކަމަށެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކަމަށް ވޯޓަށް އަހާނެ އެވެ.
އެ ކަމަށް އިޝާރާތް ކުރައްވަމުން މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ރަސްރަސްކަލުންނަށްވުރެ އުއްތަމަ ފަނޑިޔާރުންގެ ލިސްޓު ދިގު އިރު ކުރީން ފަނޑިޔާރުން ވަކިކުރީ ވަރަށް ނާތަހުޒީބުކޮށް ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ދެ އުއްތަމަ ފަނޑިޔާރު ވަކި ކުރިއިރު، އަމަލު ކުރީ ގޯސްކޮށް ކަމަށެވެ.
ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ޖަމީލު ކުރެއްވި ޓްވީޓެއްގައި ގާނޫނުތަކުގެ ބޭރުން ފަނޑިޔާރަކު "ވަގަށް" ނަގައި މިނިވަން ކަން ނިގުޅައިގަތުމަކީ ތަހުޒީބީ އަމަލެއްތޯ ސުވާލު ކުރައްވާފައި ވެއެވެ.
ޖަމީލު އިޝާރާތް ކުރެއްވީ ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކޮށްގެން ސިފައިންގެ މަރުކަޒު، ކ. ގިރިފުށީގައި 22 ދުވަސް ވަންދެން ގެންގުޅުނު މައްސަލައަށެވެ. ގާޒީ އަބްދުﷲ ހައްޔަރު ކުރީ ފަނޑިޔާރުންގެ ގާނޫނުގައި ބުނާ އިޖުރާއަތާ ހިލާފަށް ކަމަށް އޭރުގައި ގާނޫނީ ގިނަ ބޭފުޅުން ފާހަގަ ކުރެއްވި އެވެ.
އެ މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުކޮށް 13 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ. 2015 ވަނަ އަހަރު އިއްވި އެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިދިޔަ އަހަރުގަ އެވެ.
ޖަމީލްގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް އިއްވި ހުކުމް ބާތިލް ކުރީ ވެސް މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަށްވާއިރު، އެ ދުވަހު އެ ފަނޑިޔާރުންނަށްވުރެ ރަނގަޅު ބަޔަކު ރައީސް ނަޝީދަށް އެ ދުވަހު ނެތް ކަމަށެވެ.
"އަމިއްލަ ހުކުމް ބާތިލް ކޮށްދިން ދުވަހު ތި ވަރު ރަނގަޅު ފަނޑިޔާރުންނެއް ނެތް. އެ ދުވަހު ވެސް، މިއަދު ވެސް ތިޔަ ދައްކަނީ ހުދުމުހުތާރު ކަން،" ޖަމީލް ވިދާޅުވި އެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް އޮތުމުން، މިއަދުގެ ޖަލްސާގައި އުއްތަމަ ފަނޑިޔާރު އާއި ފަނޑިޔާރު އާދަމް ވަކި ކުރާނެ ކަމަށް ބެލެވެ އެވެ. މި މަޖިލީހުން ވަނީ މީގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި އަބްދުﷲ ދީދީ ވަކި ކޮށްފަ އެވެ.