އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ (ޑރ. ދީދީ) އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސުލޫކީ މައްސަލައެއްގައި ޖޭއެސްސީން ހުށަހަޅައިގެން އުއްތަމަ ފަނޑިޔާރަކު މަގާމުން ވަކި ކުރަން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
އުއްތަމަ ފަނޑިޔާރު މަގާމުން ވަކި ކުރަން މަޖިލީހުން ފާސްކުރީ 69 މެންބަރުންގެ ވޯޓާއެކު އެވެ. ވަކި ކުރަން ބޭނުން ނުވާ ކަމަށް ނުވަ މެންބަރުން ވޯޓު ދެއްވި އެވެ. ފަނޑިޔާރު އާދަމް ވަކި ކުރަން ވެސް ވޯޓު ދެއްވީ 69 މެންބަރުންނެވެ. ވަކި ކުރަން ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވި އެވެ.
އުއްތަމަ ފަނޑިޔާރު ޑރ. ދީދީ އާއި ފަނޑިޔާރު އާދަމް ވަކި ކުރުމުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް މިދިޔަ ބުދަ ދުވަހު ފޮނުވީ އެ ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބެލުމަށް ފަހު، 60 ދުވަހުގެ މުއްދަތަކަށް އެ ދެ ފަނޑިޔާރުން ސަސްޕެންޑް ކުރުމަށް ފަހުގަ އެވެ.
ޖޭއެސްސީން ބުނި ގޮތުގައި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ތަހުގީގު ކުރިއިރު، އެ ދެ ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމް ކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތައް ވަނީ އެ ކޮމިޝަނަށް ފާހަގަ ކުރެވިފަ އެވެ. އެހެންކަމުން ދެ ބޭފުޅުން ވެސް ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމީ ކަމަށެވެ.
ގާނޫނުގައިވާ ގޮތުން ފަނޑިޔާރެއް މަގާމުން ވަކި ކުރުމުގެ އިޖުރާއަތަކީ ޖޭއެސްސީއިން އެ ފަނޑިޔާރަކު ވަކި ކުރަން ނިންމައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމެވެ. މަޖިލީހުގެ ޖަލްސާއެއްގައި އެ ކަމަށް ނަގައި ވޯޓަކުން މަޖިލީހުގެ އަޣުލަބިއްޔަތުން އެ ކަމެއް ފާސްކުރުމާ އެކު އެ ފަނޑިޔާރެއްގެ މަގާމު ގެއްލޭނެ އެވެ.
ދެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީން ބެލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިހްތިސާސްގެ ބޭރުން އެ ފަނޑިޔާރުން އަމަލު ކުރި ކަމަށް ބުނާ މައްސަލަތަކެވެ. ތަހުގީގަށްފަހު އެ ކޮމިޝަނުން އުއްތަމަ ފަނޑިޔާރަށް ރިޕޯޓް ފޮނުވި އެވެ. އެކަމަކު އެ ރިޕޯޓަށް ޖަވާބުދާރީވާން ޖެހޭ ގާނޫނީ އަސާސެއް ނެތް ކަމަށް ވިދާޅުވެ ރިޕޯޓާ ހަވާލުވެވަޑައިގަންނަވަން އެމަނިކުފާނު ދެކޮޅު ހެއްދެވި އެވެ.
އެމަނިކުފާނު ވަނީ ޖޭއެސްސީއަށް ހާޒިރުވާން އެންގި އަމުރަކީ ވެސް ބާތިލް އަމުރެއް ކަމަށް ވިދާޅުވެ، ތަހުގީގަށް ހާޒިރުވުމަށް ވެސް އުޒުރުވެރިވެވަޑައިގެންފަ އެވެ. އުއްތަމަ ފަނޑިޔާރާ ހިލާފަށް ފަނޑިޔާރު އާދަމް ތަހުގީގަށް ހާޒިރުވެވަޑައިގެންނެވި އެވެ.
ފަނޑިޔާރު އާދަމްގެ މައްސަލައިގެ އަޑުއެހުން ހުޅުވާލައިގެން ކުރިއަށް ގެންދަން ނިންމި ނަމަވެސް އެއްވެސް އަޑުއެހުމެއް ކުރިއަށް ނުގެންދެވުނެވެ. ފަނޑިޔާރު އާދަމްގެ ވަކީލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ހަމަޖެއްސެވުމުން، ޖޭއެސްސީން އޭނާގެ ވަކީލެއްގެ ގޮތުގައި ޖަމީލު ބަލައެއް ނުގަތެވެ. އެއީ ޖަމީލްގެ މައްސަލަތަކެއް ބައްލަވާ ބެންޗެއްގައި އޭނާ ހިމެނޭތީ، އެއީ ސުލޫކީ މައްސަލައެއް ކަމަށް ބުނެ އެވެ.
އެހެން ވަކީލަކު ހަމަޖައްސަން ޖޭއެސްސީން އެންގި ނަމަވެސް ފަނޑިޔާރު އާދަމް ވަނީ ޖޭއެސްސީގެ ނިންމުން ބަލައިނުގަނެ އެ ކޮމިޝަނުން އޭނާގެ ހައްގަކަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޖޭއެެސްސީއިން ގާނޫނު އަސާސީއާ ހިލާފާ އަމަލު ކުރަމުންދާ ކަމަށް ވިދާޅުވެ ތަހުގީގަށް ދެން ވަޑައިގެންނެވުމަށް ވެސް އުޒުރުވެރިވެވަޑައިގެންނެވި އެވެ.
ނަވަރާވަނަ ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް މި ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަކި ކޮށްފަ އެވެ. އެއީ މިއަދު ވަކި ކުރި އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނެވި ޑރ. ދީދީއާއި ފަނޑިޔާރު އާދަމްގެ އިތުރަށް މީގެ ކުރިން ވަކި ކުރި ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.
މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގެ ދަށުން މީގެ ކުރިން ދެ އުއްތަމަ ފަނޑިޔާރަކު ވަކިކުރި އިރު، އެ ފަނޑިޔާރުން ވަކިކޮށްފައި ވަނީ ގާނޫނަށް ގެނައި ބަދަލަކުންނެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް ހުސައިންގެ މަގާމު ގެއްލުނީ ސުޕްރީމް ކޯޓުގެ ބެންޗު ކުޑަ ކުރަން ގާނޫނަށް ގެނައި އިސްލާހުންނެވެ. އަދި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މަގާމު ގެއްލުނީ ފަނޑިޔާރު ކަމުގެ މަގާމު ގެއްލޭ އިޖުރާއަތަކަށް މަޖިލީހުން ގެނައި އިސްލާހެއްގެ ދަށުންނެވެ.