ހަބަރު

ދެ ފަނޑިޔާރުން ވަކި ކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފި

Nov 14, 2019
7

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅާފައިވާ މައްސަލާގައި އެ ދެ ފަނޑިޔާރުން ވަކި ކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ދެ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީން ފޮނުވާފައިވާ މައްސަލަތައް މަޖިލީހުން ކޮމިޓީއަށް ފޮނުވާފައިވާނީ މިއަދު އެވެ. މިއަދު މެންދުރު އެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ ކޮމިޓީގެ މެންބަރުން މައިގަނޑު ގޮތެއްގައި ބަލާފައިވަނީ ޖޭއެސްސީގެ ނިންމުން ނިންމާފައިވަނީ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ އިޖުރާއަތްތައް ފުރިހަމަކުރެވިފައިވޭތޯ އެވެ.

ޖޭއެސްސީއިން ބުނީ ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ތަހުގީގުކުރިއިރު އެ ދެ ފަނޑިޔާރުންގެ ކިބައިގައި ފަނޑިޔާރެއްގެ ކިބަގައި ހުރުން ލާޒިމްކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތައް ފާހަގަ ކުރެވިފައިވާ ކަމަށެވެ. ފަނޑިޔާރެއްގެ ސުލޫކާ ނުގުޅޭ އަމަލުތަކެއް ދެ ބޭފުޅުންގެ މައްޗަށް ސާބިތުވެފައިވާތީ ކޮމިޝަނުން އިއްޔެ ނިންމީ އެ ދެ ބޭފުޅުން ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ކަމަށެވެ.

މިއަދު ކޮމިޓީގައި ހުރިހާ ބޭފުޅުންވެސް ފާހަގަކުރައްވާފައިވަނީ ދެ ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ބަލައި، މަގާމުން ވަކިކުރަން ނިންމާފައިވަނީ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ކަމަށެވެ.

އެގޮތުން، ޖޭއެސްސީން އެކުލަވާލި ރިޕޯޓުގައި ފަނޑިޔާރުންގެ ސުލޫކާ ހިލާފުވެފައިވާ 15 ނުކުތާއެއް ފާހަގަކޮށްފައިވާއިރު، އެ ނުކުތާތަކަކީ އެ ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ސާބިތުވާކަން ރިޕޯޓުން ސާފުވާކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ފާހަގަކުރެއްވި އެވެ.

އެގޮތުން، ދެ ފަނޑިޔާރުންވެސް މަގާމުން ވަކި ކުރަން ކޮމިޓީއަށް ފެންނަ ކަމަށް ފާސްކުރުމަށް ހަސަން ލަތީފް ހުށަހެޅުއްވި އެވެ.

ހަސަން ލަތީފްގެ ހުށަހެޅުމަށް ތާއީދުކުރައްވަމުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނުތަކުން ސުޕްރީމް ކޯޓަށް ލިބިދީފައިނުވާ ބާރުތައް އަމިއްލައަށް ނަންގަވައިގެން ދެ ފަނޑިޔާރުންވެސް މުޅި އަދުލު އިންސާފުގެ ނިޒާމަށް ތަކުރާރުކޮށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.

އަދި އެ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ތަކުރާރުކޮށް ދިނުމުންވެސް، އެ ފުރުސަތުގެ ބޭނުން ހިފާފައިނުވާކަން ވެސް އަލީ ހުސެއިން ފާހަގަކުރެއްވި އެވެ.

މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވެސް ވިދާޅުވީ ފަނޑިޔާރުންގެ ފެންވަރު ބެލުމަށާއި ސުލޫކީ މައްސަލަތައް ބެލުމަށް ވެސް ސުޕްރީމް ކޯޓުން ތަކުރާރުކޮށް ޖޭއެސްސީގެ އިހުތިސޯސް ތެރެއަށް ވަދެފައިވާކަންވެސް އެ ރިޕޯޓުތަކުން ސާފުވާ ކަމަށެވެ.

ވަކި ވަކިން ވޯޓަށް އެހުނު އިރު، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވަކި ކުރަން ފެންނަކަމަށް ފާސްކުރީ އެ ވަގުތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ތިއްބެވި ހަ މެންބަރުންގެ އިއްތިފާގުންނެވެ.

އޭގެ ފަހުން، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަކި ކުރަން ފެންނަކަމަށް ފާސްކުރީ އެ ވަގުތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

ދެ ފަނޑިޔާރުން ވަކި ކުރަން ފެންނަކަމަށް ކޮމިޓީން ނިންމުމާއެކު އެ މައްސަލަ އަލުން މަޖިލީހުގެ ތަޅުމަށް ހުށަހެޅޭނެ އެވެ. ގާނޫނުވާ ގޮތުން ފަނޑިޔާރެއްގެ މަގާމު ގެއްލޭނީ ރައްޔިތުންގެ މަޖިލީހުން އޭނާއާ ދެކޮޅަށް ވޯޓު ދީފިނަމަ އެވެ.

އެގޮތުން، ދެ ފަނޑިޔާރުން ވަކި ކުރުމުގެ މައްސަލައާ ގުޅޭ ގޮތުން އަންނަ ހަފްތާގެ ހޯމަ ދުވަހު ގޮތެއް ނިންމާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.

ތަހުގީގަށްފަހު ޖޭއެސްސީއިން ވަނީ އުއްތަމަ ފަނޑިޔާރަށް ރިޕޯޓް ފޮނުވާފަ އެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު ވަނީ އެ ރިޕޯޓާ ހަވާލުވެވަޑައިގެންނެވުމަށް ދެކޮޅު ހައްދަވާފަ އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވާ ގޮތުގައި ޖޭއެސްސީގެ އެ ރިޕޯޓަށް އެމަނިކުފާނު ޖަވާބުދާރީވާން ޖެހޭ ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

އެމަނިކުފާނު ވަނީ ޖޭއެސްސީއަށް ހާޒިރުވާން އެންގި އަމުރަކީ ވެސް ބާތިލް އަމުރެއް ކަމަށް ވިދާޅުވެ، ތަހުގީގަށް ހާޒިރުވުމަށް ވެސް އުޒުރުވެރިވެވަޑައިގެންފަ އެވެ. އުއްތަމަ ފަނޑިޔާރާ ހިލާފަށް ފަނޑިޔާރު އާދަމް ތަހުގީގަށް ހާޒިރުވެވަޑައިގެންނެވި އެވެ.

ފަނޑިޔާރު އާދަމްގެ މައްސަލާގެ އަޑުއެހުން ހުޅުވާލައިގެން ކުރިއަށް ގެންދަން ނިންމި ނަމަވެސް އެއްވެސް އަޑުއެހުމެއް ކުރިއަށް ނުގެންދެވެ އެވެ. އެންމެ ފުރަތަމަ ފަނޑިޔާރު އާދަމް ވަޑައިގެންނެވީ ވަކީލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ހަމަޖައްސަވައިގެންނެވެ. އެއީ ފަނޑިޔާރު އާދަމްގެ ސުލޫކީ މައްސަލައެއް ކަމަށް ޖޭއެސްސީއިން ބަލައި އެހެން ވަކީލަކު ހަމަޖައްސަން އެންގި އެވެ. އެހެން ނިންމީ ޖަމީލްގެ މައްސަލަތަކެއްގެ ބެންޗުގައި ފަނޑިޔާރު އާދަމް ހިމެނިވަޑައިގަންނަވާތީ އެވެ.

އެހެން ވަކީލަކު ހަމަޖައްސަން އެންގި ނަމަވެސް ފަނޑިޔާރު އާދަމް ވަނީ ޖޭއެސްސީގެ ނިންމުން ބަލައިނުގަނެ އެ ކޮމިޝަނުން އޭނާގެ ހައްގަކަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޖޭއެެސްސީއިން ގާނޫނު އަސާސީއާ ހިލާފާ އަމަލު ކުރަމުންދާ ކަމަށް ވިދާޅުވެ ތަހުގީގަށް ދެން ވަޑައިގެންނެވުމަށް ވެސް އުޒުރުވެރިވެވަޑައިގެންނެވި އެވެ.