ޖޭއެސްސީ

ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރަންޖެހޭ: އުޝާމް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތް ބަދަލުކުރުމަކީވެސް ކުރަންޖެހޭ ކަމެއް ކަމަށް ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް މިހެން ވިދާޅުވީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ނިންމި ނިންމުމާ ގުޅޭގޮތުން ކުރައްވާފައިވާ ޓްވީޓެއްގައެވެ.

ދެ ފަނޑިޔާރުން ވަކިކުރި ވަކިކުރުމަށް ތާއީދު ކުރައްވާ މެންބަރު އުޝާމް ވިދާޅުވީ މަޖިލީހުން ނިންމި ނިންމުމަކީ ޖުޑީޝަރީ އިސްލާހްކުރުމަށް ކުރެވޭ މަސައްކަތުގައި ކުރިއަށް އެޅުނު ރަނގަޅު ފިޔަވަޅެއް ކަމުގައި ދެކޭ ކަމަށެވެ. އަދި ޖުޑީޝަރީގެ އިތުބާރު އިތުރުކުރުމަށްޓަކާ ފަނޑިޔާރުން ބަދަލުކުރުުމާއި، ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރުމަކީވެސް ކުރަންޖެހޭ ކަމެއް ކަމަށް އުޝާމް ވިދާޅުވި އެވެ.

މަޖިލީހުން ނިންމި ނިންމުމަކީ ޖުޑީޝަރީ އިސްލާހްކުރުމަށް ކުރެވޭ މަސައްކަތުގައި ކުރިއަށް އެޅުނު ރަނގަޅު ފިޔަވަޅެއް ކަމުގައި ދެކެން. ޖުޑީޝަރީގެ އިތުބާރު އިތުރުކުރުމަށްޓަކާ ފަނޑިޔާރުން ބަދަލުކުރުުމުގެ އިތުރުން، ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރުމަކީވެސް ކުރަންޖެހޭ ކަމެއް.
އަހުމަދު އުޝާމް | ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު

މި ސަރުކާރު އައުމުގެ ކުރިން ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނާއި މަޖިލީހުގައި މިހާރު ވެސް ތިއްބެވި ގިނަ މެންބަރުން އެންމެ ހަރު އަޑުން ދެއްކެވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ ވާހަކައެވެ. ނަމަވެސް ވެރިކަން ލިބި، މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން އެ އަޑުކެނޑި ވަނީ ކެނޑިފައެވެ.

ޖޭއެސްސީގައި ތިއްބަވަނީ މަޖިލީހުގެ ރައީސް އާއި، މަޖިލީހުގެ މެންބަރަކާއި، މަޖިލީހުން ކަނޑައަޅާ އާންމުންގެ މީހަކާއި، ރައީސް ކަނޑައަޅާ ބޭފުޅަކާއި، ބަންޑާރަ ނައިބު އާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުން ފަނޑިޔާރަކާއި، ވަކީލުންގެ ތެރެއިން މެންބަރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އެވެ.