ރައީސް މުހައްމަދު ނަޝީދު

ނަޝީދާ ގުޅޭ މައްސަލަތަކެއް ބަލަން ހުށައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ވަޑައިގަތުމަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންގެ ނިންމުންތަކަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް އެ ނިންމުންތައް ބައްޓަން ކުރަން ބާރު އަޅުއްވައި ޖުޑީޝަރީގެ މިނިވަންކަމާއި ހުރުމަތަށް އަރައިގެންފައިވާ ކަމަށް ބުނެ އެ މައްސަލަތައް ބަލަން ހުށައަޅައިފި އެވެ.

މި މައްސަލަ ބަލަން ހުށައަޅާފައި ވަނީ މިދިއަ މަޖިލީސް އިންތިހާބުގައި އެ މަނިކުފާނާ ވާދަ ކުރެއްވި އިބްރާހިމް މުހައްމަދެވެ. އޭނާ ވަނީ މި މައްސަލަތައް ބަލަން މަޖިލީހުގެ 241 ކޮމެޓީއަށާއި މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށާއި ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުއްވާފަ އެވެ.

ރައީސް މުހައްމަދު ނަޝީދު ތަމްސީލް ކުރައްވަނީ މައްޗަންގޮޅީ މެދު ދާއިރާ އެވެ. އިބްރާހިމް ވާދަ ކުރީ ވެސް އެ ދާއިރާއަށެވެ.

އޭނާގެ ސިޓީތަކުގައި ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ދިވެހި ދައުލަތް އެ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް ގާއިމު ކޮށްފައިވާ ޝަރުއީ، ދުސްތޫރީ، އަދި ގާނޫނީ ހަމަތައް ލާޒިމު ކުރަނީ، ކޮންމެ މީހަކާ މެދުގައި ވެސް ގާނޫނުގައިވާ ގޮތުގެ މަތީން ކަންކަން ކުރަން ކަމަށާ އެއްވެސް މީހަކަށް ގާނޫނަށްވުރެ މަތީގައި ހުރުމުގެ ފުރުސަތު ނުދިނުމަށް ކަމަށް ބުނެފައި ވެއެވެ.

އަދި ގާނޫނުތައް މުގުރާ ކޮންމެ މީހަކާ މެދު ހަމަހަމަ އުސޫލުން ކަން ކުރަން ބުނެފައިވާއިރު ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ނަޝީދު ރާއްޖޭގެ ކޯޓުތަކުގެ މައްޗަށް ބާރު ފޯރުވުމަށް ހިންގަވާފައިވާ، އަދި ހިންގަވަމުން ގެންދަވާ ޣައިރު ގާނޫނީ އަމަލުތަކާމެދު ފިޔަވަޅު ނޭޅި ދިޔުމަކީ، ދިވެހި ދައުލަތުގައި އަދުލުއިންސާފު ނުހިނގާ ކަމުގެ ސާފުކަން ބޮޑު ހެއްކެއް ކަމަށް ވެސް ލިޔެފައި ވެއެވެ.

އެ ސިޓީގައި މީގެ ކުރިން ރައީސް ނަޝީދު ދައްކަވައިފައިވާ ބައެއް ވާހަކަތަކާއި ކުރައްވާފައިވާ ކަންކަން ވެސް ހިމަނާފައި ވެއެެވެ. އޭގެ ގިނަ ކަންކަމަކީ ރައްޔިތުންގެ މަޖިލީހުން ނުވަތަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފައިވާ ނިންމުންތަކެއްކަމުގައި ވިޔަސް، އެ ނިންމުންތަކަކީ އެ މުއައްސަސާތަކުގެ މިނިވަންކަން ނަގާލާ ރައީސް ނަޝީދާއި އޭނާގެ ވިސްނުމާ ފިކުރަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށް ވެސް ބުނެ އެވެ. އަދި އެ ތަންތަނުން އަމަލު ކުރަމުން ގެންދަނީ ގާނޫނުއަސާސީ އާއި ގާނޫނާއި ޝަރީއަތާއި ހަމަބުއްދިއަށް ބެލުމެއް ނެތި ނަޝީދުގެ ޒާތީ އަދި ސިޔާސީ މަސްލަހަތުތަކާއި އެމަނިކުފާނުގެ އެންގެވުންތަކާ އެއްގޮތަށެވެ.

"... ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނަކީ ވެސް، އަދި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުންނަކީ ވެސް، ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތައި، ދިވެހި ގައުމާއި ރައްޔިތުންގެ މަސްލަހަތުތައް ރައްކާތެރިކޮށް، ގާނޫނުގެ ހުކުމަށް ހުރުމަތްތެރިކޮށް ހިތުމަށް މާތް ﷲ ގަންދީ ހުވައި ކޮށްގެން ތިބޭ ބަޔަކަށް ވީހިނދު، އެފަދަ ބަޔަކު މުހައްމަދު ނަޝީދާއި އޭނާގެ ނިސްބަތްވާ ސިޔާސީ ޕާޓީގެ އަމިއްލަ މަސްލަހަތުގައި ގާނޫނުއަސާސީ އާއި ގާނޫނުތައް މުގުރައި، ކޯޓުތަކާއި ފަނޑިޔާރުންގެ މަސައްކަތާ ބެހި، އަދުލުއިންސާފުގެ ނިޒާމު ހަލާކު ކުރި ކުރުމަކީ އެކަމުގައި އެކި ސިފަސިފައިގައި ބައިވެރި ވެ އެހީތެރި ވެދިން ހުރިހައި އެންމެން ވެސް ޖަވާބުދާރީ ވާންޖެހޭނެ ކަންކަން. ނަމަވެސް އެންމެ ފުރަތަމަ މަރުޙަލާގައި ބެލޭން ޖެހެނީ، މުހައްމަދު ނަޝީދުގެ މައްސަލަ ކަމުގައި ފެންނާތީ، މި ޝަކުވާ ހުށައެޅީމު." އެ ސިޓީގައި ބުނެފައި ވެއެވެ.

އޭނާގެ ސިޓީގައި ކޯޓުތަކުގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުން ކަމުގައި ވާނޭ ގޮތަށް ފަނޑިޔާރުންނަށް އެއްޗެހި ގޮވައި ގާނޫނުއަސާސީގެ ދެވަނަ ބާބުން ފަނޑިޔާރުން ވެސް ހިމެނޭ ގޮތުން ރައްޔިތުންނަށް ރައްކާތެރި ކޮށްދީފައިވާ އަބުރުގެ ހައްގު ފަދަ އެތަކެއް ހައްގުތަކަކަށް އަރައިގަނެ ފަނޑިޔާރުންގެ ބޮލުގައި ދޮގު ތުހުމަތުތައް އަޅުވަމުން ހުތުރު އެއްޗެތި ގޮވަމުންދިޔަ އިރު، އަދި ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ބަސްތައް މަޖިލީސް މެންބަރުން ބޭނުން ކުރަމުން ދާއިރު ރައީސް ނަޝީދު ވަނީ އެކަމަށް ހިތްވަރު ދެއްވައި، އެކަން ދަމަހައްޓަވައި، އެކަމުގައި ބައިވެރި ވެވަޑައިގެންފައިވާ ކަމަށް ތުހުމަތުކޮށްފައި ވެއެވެ.

އަދި އެކަން ކުރަމުން ދިޔައީ ނަޝީދުގެ އިރުޝާދުގެ ދަށުން، އޭނާ ބޭނުންފުޅުވާ ގޮތަށް ޝަރުއީ ކޯޓުތައް، ހާއްސަކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެނައުމަށްކަން ފާހަގަކޮށް ވަކިވަކި ޖަލްސާތަކުގައި މެންބަރުން ދައްކަވާފައިވާ ވާހަކަތަކާއި ރައީސް ނަޝީދު އަމަލު ކުރެއްވި ގޮތްތައް ހިމަނާފައި ވެއެވެ.

"... މި މައްސައާ ގުޅިގެން، ނަޝީދަށް ވަފާތެރި މެންބަރުންގެ ތެރެއިން، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާއި، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގާއި، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނާއި، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީގެ ވާހަކަފުޅުތަކުގައި މި ބޭބޭފުޅުން ވަނީ ސުޕްރީމް ކޯޓުގެ ގަލޯއީ ނިންމުންތަކަށް ފާޅުގައި ގޮން ޖައްސަވައި، ކޯޓުގެ އަމުރުތަކުގެ މެރިޓާ މެދު ސުވާލު ކުރައްވައި، އެ އަމުރުތަކަށް ނުކިޔަމަންތެރި ވުމަށް ފާޅުގައި ގޮވައިލައްވައިފައި. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަދުލުއިންސާފު ވިއްކަމުންދާ ކަމަށާއި، ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒަށް އަރައިގަންނަ ކަމަށާއި، ސުޕްރީމް ކޯޓުން މައްސަލަތައް ބައްލަވާ އިރު ސިޔާސީ ޖަގަހައެއް ނުވަތަ ނީލަން ފިހާރައެއްގެ ގޮތުގައި މަސައްކަތް ކުރާ ކަމަށާއި، ސުޕްރީމް ކޯޓު ޣައިރު ގާނޫނީ ގޮތުން މާފިޔާއެއްގެ ގޮތުގައި މަސައްކަތް ކުރާ ކަމަށް ވިދާޅުވެ، ކަނޑައެޅިގެން ދޮގުވެރި އެތައް ވާހަކަތަކަކުން ކޯޓާއި ފަނޑިޔާރުންގެ އަބުރަށާއި ހުރުމަތަށް އަރައިގަނެ، މިނިވަން ޖުޑީޝަރީގެ އިސް ފަރާތުގެ މިނިވަންކަމާއި މުސްތަގިއްލުކަމަށް ވެސް އަރައިގަނެފައި."

މީގެ އިތުރުން މިދިޔަ އަހަރުގެ ޖޫން 19 ގައި ބޭއްވި ޖަލްސާގައި ގާނޫނުއަސާސީއާ ހިލާފަށް ރައްޔިތުންގެ މަޖިލިހުގެ ބާރު ކަނޑުވައިލި ކަމަށް ކަނޑައަޅައި ޖުޑީޝަލް ސާވިސް ކޮމިޝަނުން އެ މައްސަލަ ބަލައި ގޮތެއް ނިންމުމަށް ފަހު ރައްޔިތުންގެ މަޖިލިހަށް ފޮނުވައިދިނުމަށް އެންގުމަށް ފާސް ކުރި ކުރުމަކީ، ސުޕްރީމް ކޯޓުގެ އަމުރަކަށް ފާޅުގައި ގޮން ޖަހައި، އެ އަމުރަށް ނުކިޔަމަންތެރިވުމުގެ ގޮތުން ކުރި ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.

އަދި ސުޕްރީމް ކޯޓުން ނެރުނު އަމުރަކާއި ގުޅިގެން އަމުރު ނެރުނު ފަނޑިޔާރުންގެ ފަނޑިޔާރުކަމުގެ ޝަރުތުތައް ފުރިހަމަ ވޭތޯ ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލައި ގޮތެއް ނިންމުމަށް ފަހު، ރައްޔިތުންގެ މަޖިލިހަށް ފޮނުވައި ދިނުމަށް ހުށައެޅުމަށް ފާސް ކުރި ކުރުމަކީ ވެސް އެފަދަ ނިންމުމެއް ކަމަށް ބުނެފައި ވެއެވެ.

"ނަޝީދުގެ ނުފޫޒުން ޖުޑީޝަލް ސާވިސް ކޮމިޝަން ގާނޫނުއަސާސީއާ ހިލާފަށް ހިންގި އެންމެ ބޮޑު އެއް ޖަރީމާއަކީ، ސުޕްރީމް ކޯޓުން ގަލޯއީ ގޮތުން ބެލި މައްސަލަތަކެއްގައި ފަނޑިޔާރުން ވަކި ގޮތަކަށް ރައުޔު ގެންގުޅުއްވުން ނުވަތަ ވަކި ގޮތަކަށް ޑިސިޝަން ނެންގެވުން، އެއީ އޭގެ ޒާތުގައި ސުލޫކީ މައްސަލަތަކެއް ކަމުގައި ހަދައިގެން، ސުލޫކީ މައްސަލަ ބެލުމުގެ ނަމުގައި ފަނޑިޔާރުންނަށް ހެރެސްކޮށް، ބުލީ ކުރުން. މިފަދަ ދެވަނަ ޖަރީމާއަކީ، ސުލޫކީ މައްސަލަ ސާބިތު ވީއޭ ބުނެ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ އެހެން ބައެއް ފަނޑިޔާރުން މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލިހަށް ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ހުށައެޅުން."

މީގެ އިތުރުން ރައްޔިތުންގެ މަޖިލިހުން އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ މައްޗަށް ސުލޫކީ އެއްވެސް މައްސަލައެއް ހުށައެޅިފައި ނުވަނީސް، އަދި އެފަދަ އެއްވެސް މައްސަލައެއް ބެލިފައި ވެސް ނުވަނީސް، އެފަދަ އެއްވެސް މައްސަލައެއް ސާބިތު ވެފައި ނުވަނީސް، އެ ބޭފުޅުންގެ މައްޗަށް ސުލޫކީ މައްސަލަތަކެއް ސާބިތު ވެއްޖެކަމުގެ ދޮގު ބަހަނާގައި އެ ބޭފުޅުން މަގާމުން ވަކިކޮށްފައިވާ ކަމަށާއި އޭގެ ފަހުން އެމްޑީޕީއާއި ގުޅިގެން ސިޔާސީ މަސައްކަތްތައް ކުރުމުގެ ތާރީހުތަކެއް އޮތް ބޭފުޅުން ކޯޓަށް އައްުޔަން ކުރައްވާފައިވާ ކަމަށެވެ.

އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ހަމައެކަނި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ބެހެއްޓެވުމުގެ މާބޮޑު އިންސާފެއް ނުވިސްނެޔޭ ވިދާޅުވެ ނަޝީދުގެ ދެއްކެވި ވާހަކަތަކަކީ ވެސް ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ވެސް ބުނެފައި ވެއެވެ.

އެހެން ކަމުން ގާނޫނާ ހިލާފަށް ރައީސް ނަޝީދު ކުރައްވާފައިވާ، އަދި ކުރައްވަމުން ގެންދަވާ ކަންކަމުގެ މައްސަލަތައް ތަހުގީގުކޮށް އެ މަސައްކަތްތައް ހުއްޓުވައި ގާނޫނީ ފިޔަވަޅުތައް އަޅައިދިނުމަށް ވެސް ސިޓީގައި ވަނީ އެދިފައި ވެއެވެ.