ރައީސް އަބްދުﷲ ޔާމީން

ފަނޑިޔާރުން މަގާމުން ދުރުކުރުން ބަލައެއް ނުގަންނަން: ރައީސް ޔާމީން

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ފަނޑިޔާރުން މަގާމުން ދުރު ކުރަން ކުރަމުންދާ މަސައްކަތަކީ ބަލައިގަންނާނެ މަސައްކަތެއް ނޫން ކަމަށް އިިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުގައި ފަށާ މިއަދު ވަނީ ކޮމެޓީއަށް ފޮނުވާފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ އުއްތަމަ ފަނޑިޔާރާއި އެ ކޯޓްގައި ދެން ތިއްބެވި ފަނޑިޔާރުން މަގާމުން ދުރުކުރުން ބަލައިނުގަންނަ ކަމަށެވެ. އަދި ފަނޑިޔާރުން ނެރުއްވާފައިވާ ހުކުމްތަކާއި އަމުރުތައް އެއީކީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ.

ރައީސް ޔާމީން ރޭ ވިދާޅުވީ ރާއްޖޭގެ ސުޕްރީމް ކޯޓް ހަލާކުވެފައިވާ ކަމަށާއި އެ ކޯޓް ހަލާކުވި ދުވަހަކީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަސް ކަމަށެވެ.

"ފެބްރުއަރީ އެކެއްގައި ނެރުނު އަމުރާ ހަމައިން ރާއްޖޭގެ ސުޕްރީމް ކޯޓް ހަލާކުވެގެން ދިޔައީ. އެހިސާބުން މިދަނީ ނޭވާއެއްލާނެ ފުރުސަތު ނުދީ. އެެހެންވީމަ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކަމެއް ނޫން ރާއްޖޭގެ ސުޕްރީމް ކޯޓްގެ އިސް ފަނޑިޔާރު މަގާމުން ދުރު ކުރުމަކީ. ނޫނީ ސުޕްރީމް ކޯޓްގެ ދެން ތިއްބެވި ފަނޑިޔާރުން މަގާމުން ދުރުކުރުމަކީ. ކޮން މައްސަލައެއްތޯ މި ނަގަނީ. ސުލޫކީ މައްސަލައެއް މި ނަގަނީ. އެކަމަކު ސުލޫކީ މައްސަލައަކަށް ނޫން މައްސަލަ ބަލަނީކީ. ފަނޑިޔާރުން ނެރުއްވާފައިވާ ހުކުމްތަކާއި އަމުރުތައް އެއީކީ ސުލޫކީ މައްސަލައެއް ނޫން."

ރައީސް ޔާމީން ވިދާޅުވީ ދައުލަތުގެ މުއައްސަސާތައް މިއަދު އޮތީ ގާނޫނީ ޒިންމާ އަދާ ކުރުމަށް ނުކުޅެދިފައި ކަމަށެވެ.

"ދިވެހިރާއްޖޭގެ މުއައްސަސާތައް ހަލާކުވެގެން މިދަނީ ގާނޫނު ނެތިގެނެއް ނޫން. މުއައްސަސާތަކަށް ހަވާލުވެ ތިބޭ މީހުން، އެމީހުންގެ ގާނޫނީ ޒިންމާ އެމީހުންކުރި ގާނޫނީ ހުވައާ އެއްގޮތަށް އެ ޒިންމާތަކަށް އަމާނާތްތެރި ނުވާތީ. އެއީ ޚާއިނުން. އެހެން ވެގެން މި ގައުމު ހަލާކުވެގެން މިދަނީ."

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ކުރައްވާ ތުހުމަތު ތަކުރާރު ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެ މައްސަލަތަކަށް ހައްލު ހޯދާދިނުމަށް މުއައްސަސާތައް ނުކުޅެދުނު ކަމަށެވެ. އަދި އޭރު ނުކުތް މައްސަލަތަކާއެކު މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ފަހަރަކު ބޭފުޅެއް މަގާމުތަކުން ދުރުކުރަމުން ގެންދާ ކަމަށް ވިދާޅުވި އެވެ.

"އިންތިޚާބު އެ އޮތީ ހިލާލާފައި. އަޅުގަނޑު މި ދަންނަވަނީ ރިޔާސީ އިންތިޚާބު އެ އޮތީ ހިލާލާފައި. އޭރު ނުކުތް މައްސަލަތަކާއި، 2018 ވަަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނިކުތް އަމުރާ، މި ކަންކަމާއި ގުޅިގެން ބައްލަވާ ފަހަރަކު އެއްޗެއް ފަހަރަކު އެއްޗެއް ތިރިވަމުން ދާތަން މިއޮއް ފެންނަނީ ނޫންތޯ. އެބަޔަކު ކުރި ކަމެއްގެ ނަތީޖާ އެބަޔަކާ ބައްދަލްވާނެ. އެހެންކަމުން މުއައްސަސާތަކުން މި ހިނގާ ކަންކަމުގެ ނަތީޖާ ރައްޔިތުންނަށް ފެނިގެން މިދަނީ." ރައީސް ޔާމީން ވިދާޅުވި އެވެ.