ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ އިސްތިއުނާފު ކުރިއަށްނުދާ ސަބަބު ސާފުކޮށްދޭން އެދިއްޖެ

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިސްތިއުނާފު ޝަރީއަތް ކުރިއަށް ނުގެންދާ ސަބަބު ސާފުކޮށްދޭން އެމަނިިކުފާނުގެ ގާނޫނީ ޓީމުން އެދިއްޖެ އެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން އެ ހުކުމް އިއްވީ ދައުލަތުން ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލާގަ އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމް ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގެ އިސްތިއުނާފު ކުރި އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ފެށިފައިވަނީ އިސްތިއުނާފްކުރިތާ މަސް ދުވަސްފަހުންނެވެ. އަދި ފަހުން ޝަރީއަތުގެ މަޖިލީހެއް ނުބޭއްވޭތާ ގިނަ ދުވަސްތަކެއް ވަނީ ފާއިތުވެގެންގޮސްފައެވެ.

މީގެ ކުރިންވެސް އެމަނިކުފާނުގެ ގާނޫނީ ޓީމުން އަދި އިދިކޮޅު ސިޔާސީ ޕާޓީންވެސް އެކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މިއަދުވެސް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ވަނީ އެމަނިކުފާނާ ބައްދަލްކުރައްވާފައެވެ. އެ ބައްދަލްވުމަށްފަހު ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފް ޝަރީއަތް ފަސްކުރާ ސަބަބު ސާފުކޮށްދޭން ޖެހޭ ކަަމަށެވެ.

އެކަން ކުރަނީ ކޮވިޑް19 އާ ގުޅިގެން ކަމަށްވާނަމަ ރައްޔިތުންގެ މަޖިލީހާއި، ވަޒީރުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށްދަނީ ކީއްވެގެންތޯ ޖަމީލް ސުވާލު ކުރެއްވިއެވެ.

"..ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް ހުއްޓުމަކަށް ނާދޭ. ރައީސްގެ ބައްދަލްވުންތައް ވަޒީރުންނާއެކު ކުރިއަށްދޭ."

ޖަމީލް ވިދާޅުވީ ކޮންމެ މީހަކަށް ލިބިގެންވާ އިންސާފުވެރިކޮށް ޝަރީއަތްތައް ހިންގުމުގެ ހައްގަކީ ލަސްނުކޮށް އެ މައްސަލައެއްގެ އަޑުއެހުންތައް ބޭއްވުން ކަމަށެވެ. އިސްތިއުނާފުގެ އަޑުއެހުންތަކާއި، ކަފާލާތުގެ ހައްގުން މަހުރޫމް ނުކުރުން ކަމަށް ވިދާޅުވިއެވެ.

"..މި މައްސަލަ [ރައީސް ޔާމީންގެ އިސްތިއުނާފް ޝަރީއަތް] ނުހިނގަނީ ކޯޓްތަކުން މައްސަލަ ހިންގޭނެ ނިޒާމެއް ގާއިމް ނުކުރެވިގެން ކަމެއް، ވަކި ރައްޔިތަކަށް ވީތީ ކޮންމެ ގޮތެއް ހެދިނަމަވެސް ވަރިހަމަ ކޮށްލީކަމެއް ނުވަތަ އެ ނޫން ސަބަބެއް ކަމެއްވެސް ނޭންގޭ."

ޖަމީލް ވިދާޅުވީ އެއްވެސް ބަޔަކަށް ދާއިމަށް ވެރިކަމުގައި ނުތިބެވޭނެ ކަމަށާ ބަދަލު ވެގެންދާ ސިޔާސީ މަސްރަހެއް ފެންނާނެ ކަމަށެވެ. ހިތުހުރި ގޮތަކަށް ކަންކަން ވެގެންދާއިރު "ޗުއްޕު"ވެސް ނުބެނެ ތިބި މީހުންނަށްވެސް މި ދުވަސް އަދި ހަނދާންވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ދައުލަތުން ވަނީ ރައީސް ޔާމީނާ ގުޅޭ އައު މައްސަލަތަކެއްވެސް ތަހުގީގު ކުރަން ފަށާފައެވެ. އެގޮތުން ދެ ދުވަހެއްގެ މަތިން އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. އަދި ކޮރޯނާގެ ބަލިމަޑުކަން ފެތުރެން ފެށި ފަހުންވެސް އެމަނިކުފާނު ފުލުހަށް ހާޒިރުކުރަން ޗިޓް ފޮނުވިއެވެ. ނަމަވެސް ފާޑުކިޔުން ބޮޑުވުމުން ފަހުން ފުލުހުން ވަނީ އެ ޗިޓް ކެންސަލްކޮށްފައެވެ.

ރައީސް ޔާމީނަށް ސިއްހީ ބައެއް މައްސަލަތަކަށްވެސް ކުރިމަތިވެފައިވާއިރު އެމަނިކުފާނު ގޭ ބަންދަށް ބަދަލުކުރުމަށްވެސް އާއިލާއިން ވަނީ އެދިފައެވެ. ނަަމަވެސް އެކަމާ ގުޅޭގޮތުން ކަމާބެހޭ އެއްވެސް އިދާރާއަކުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.