ޖޭއެސްސީ

ޖޭއެސްސީގައި އޮތީ ބަދަލު ހިފުމުގެ ރޫހު: ޝަހީމް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އޮތީ ބަދަލު ހިފުމުގެ ރޫހު ކަމަށް ވިދާޅުވެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފާޑުވިދާޅުވެއްޖެ އެވެ.

އައު ސަރުކާރާއެކު ޖޭއެސްސީއަށް އައި ބޮޑު ބަދަލާއެކު ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަ އެ ކޮމިޝަނުން ވަނީ ބަލާފައެވެ. އަދި އެތައް ފަނޑިޔާރުންނެއް މަގާމުން ވަކިކުރަން ފެންނަ ކަމަށް ނިންމާ މަޖިލީހަށް ފޮނުވުމުން މަޖިލީހުން ވަނީ ފަނޑިޔާރުން މަގާމުތަކުން ދުރުކޮށްފައެވެ.

އެގޮތުން ސުޕްރީމް ކޯޓްގެ ހުރިހާ ފަނޑިޔާރުންނާއި ކްރިމިނަލް ކޯޓްގެ ގިނަ ފަނޑިޔާރުންތަކެއް ވަނީ މަގާމުން ދުރުކޮށްފައެވެ. މަގާމުން ދުރުކުރަން ހުށައެޅުމުން ބައެއް ފަނޑިޔާރުން ވަނީ އަމިއްލައަށްވެސް އިސްތިއުފާ ދެއްވާފައެވެ.

ޝަހީމް ވިދާޅުވީ ރާއްޖޭގެ ތާރީހުވެސް މި މިންވަރަށް ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވި ދުވަސްތަކެއް ނާންނަ ކަމަށެވެ. ޝަރުއީ ނިޒާމަށް ފޯރުވާ ނުފޫޒު ހުއްޓުވަން ޖެހޭ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

"ޖޭއެސްސީގައި އޮތީ ބަދަލު ހިފުމުގެ ރޫހު. މިހާރު ފެނިގެންދަނީ ރާއްޖޭގެ ތާރީހުގައިވެސް ޖުޑިޝަރީގެ މައްޗަށް މީގެ ކުރިން ސިޔާސީ ނުފޫޒު ފޯރުވާފައިނުވާ މިންވަރަށް ނުފޫޒު ފޯރުވާފައިވާތަން. މިކަން ހުއްޓުވަން ޖެހޭ،" ޝަހީމް ވިދާޅުވިއެވެ.

ޝަރުއީ ނިޒާމު އިސްލާހުކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މިހާރު ފެންނަ މަންޒަރުތަކަށް ސިޔާސީ ބޭފުޅުން ގެންދަަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އަދި މަގާމުން ދުރުކުރި ފަނޑިޔާރުންވެސް ގެންދަވަނީ ސަރުކާރާއި މަޖިލީހަށް އަދި ޖޭއެސްސީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ޝަރުއީ ނިޒާމު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ވަކި ފަނޑިޔާރަކާ މެދު ވަކި ގޮތަކުން އަމަލު ކުރުމުގެ ނިޔަތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ އަމާޒެއް ނޫން އެއީ، ވަކި ފަނޑިޔާރަކަށް ވަކި ގޮތެއް ހެދުމުގެ އެއްވެސް ނިޔަތެއް ގެންގުޅުމުގެ ވިސްނުމެއް އޮވެގެން ނުވާނެ،" މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި ވެސް އިންނަވާ ރައީސް ނަޝީދު ވިދާޅުވި އެވެ.