ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައިގެ އަޑު އެހުންތައް ފަށައިފަ އެވެ. އެމަނިކުފާނު ވަނީ އިސްތިއުނާފް ފޯމާ އެކީ ދެ ހުށަހެޅުމެއް ހުށަހަޅާފަ އެވެ.
އެއީ ކަފާލާތުގެ ދަށުން ދޫކޮށްލުމާއި އަދި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުން ފަސްކޮށްދިނުމަށެވެ. މި ހުށަހެޅުމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ރައީސް ޔާމީނަށް އެރުވި ފުރުސަތުގައި އެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ މި ހުށަހެޅުންތަކަށް ދައުލަތުގެ ފަރާތުން ޖަވާބު ދީފައި ވަނީ އިއްޔެ ވަރަށް ލަސްވެފައި ހުއްޓައި ކަމުން އެޔަށް ރައްދު ދޭން ދެ ދުވަހުގެ ފުރުސަތެއް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
ޑރ. ޖަމީލް ވިދާޅުވީ މިކަމަކީ ވަރަށް ތަފްސީލުކޮށް ވާހަކަދައްކަވަން ބޭނުންފުޅުވާ ކަމެއް ކަމަށެވެ. އެހެންކަމުން ޝަރީއަތުން ވަނީ އެކަމާ ގުޅިގެން ތައްޔާރުވާން ދެ ދުވަހުގެ ފުރުސަތެއް ދީފަ އެވެ.
ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމެވެ. އެކަމިކުފާނު ވަނީ 22 ނުކުތާއެއް ކޯޓުގައި ހުށަހަޅާފަ އެވެ. މައިގަނޑު ގޮތެއްގައި އިސްތިއުނާފީ ނުކުތާތައް ބިނާކޮށްފައި ވަނީ ދަށު ކޯޓުތަކުން މައްސަލަ ނިންމުމުގައި ހަދާފައިވާ ގޯސްތައް ފާހަގަކޮށްފަ އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ. ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް މައްސަލަ ނިންމީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.