ޑރ. މުހައްމަދު ޖަމީލް އަހުމަދު

ހުކުމާއެކު ޖަމީލުގެ އުދާސްތައް ބަންޑުންކޮށްލައްވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކުރުމާ އެކު އެމަނިކުފާނުގެ ގާނޫނީ ޓީމުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހްމަދުގެ އުދާސްތައް ބަންޑުންކޮށްލައްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށްފަހު ކޯޓުގެ ބޭރުގައި ހުންނަވައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ޖަމީލު ވަނީ ޔާމީންގެ ހައްގުގައި ކުރައްވާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް ވިދާޅުވެ އުދާސްތައް ބަންޑުންކޮށްލައްވާފަ އެވެ.

"އަޅުގަނޑުމެން މިތިބަ މަގާމުގައި މިތިބީ މި މަންޒަރު ބަލައިގެން ދޫ ދޭ ގޮތަކަށް ނޫން. އިރާދަކުރެއްވިއްޔާ މި ފައިޓް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" ޖަމީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެވަނަ ނިޔަތެއް ދެވަަ މީހަކު ނެތް ކަމަށާއި ލީޑަރަކަށް ހުންނަވާނީ ޔާމީން ކަމަށެވެ. އަދި ކަންކަން ކުރައްވާނީ އެމަނިކުފާނުގެ އިރުޝާދުގެ މަތިން ކަމުގައި ވިދާޅުވި އެވެ.

"ރައީސް ޔާމީން އަނބުރާ ދިވެހި ގައުމާ ހަވާލުވަންދެން އިރާދަކުރެއްވިއްޔާ ހުއްޓުމެއްނެތި މި ފައިޓް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" ޖަމީލް ވިދާޅުވި އެވެ.

ވ. އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގައި ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމްގައި ގޯސްތަކެއް ހުރި ކަމަށާއި އިސްތިއުނާފުގެ ހައްގު ހިފަހައްޓާފައިވާ ކަމަށް ޖަމީލު ވިދާޅުވި އެވެ.

"ދަށު ކޯޓުން ކޮށްފައި ހުރި ހުކުމްގައި ހުރީ ހައްތަހާވެސް ފޫނުބެދޭ ކަންތައްތައް. އެތައް މިތަނުން އޭތި މީއްޗޭ ކިޔާފައި ކޮށްފައި އޮތް ހުކުމެއްގެ ވާހަކަ މި ދައްކަނީ،" ޖަމީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވ. އާރަށު މައްސަލަ އާއި ރައީސް ޔާމީނާ ގުޅުވާލެވޭ ގޮތެއް ކްރިމިނަލް ކޯޓުގެ ފަނޑިޔާރަށްވެސް ހުކުމްގައި ބުނެދެވިފައި ނެތް ކަމަށެވެ.

"ދަށު ކޯޓުގެ ފަނޑިޔާރު، ކޯޓުގައި ނުދައްކާ ވާހަކަތަކުގެ މައްޗަށް ހަގީގަތުގައި ރިއާޔަތްކޮށްގެން ކޮށްފައި އޮތް ބޮޑު މާސިންގާ ގޯސް ހުކުމެއްގެ ވާހަކަ މި ދައްކަނީ،" ޖަމީލު ވިދާޅުވި އެވެ.

ވ. އާރަށު މައްސަލައިގައި ޔޫސުފު ނައީމު ރިޝްވަތު ދިން ކަމަށް ބުނާއިރު އެކަން ސާބިތުނުވާ ކަމަށާއި އާރަށު މައްސަލައިގައި ޔޫސުފު ނައީމާއި ޔާމީނާ ގުޅޭ އެއްވެސް ހެއްކެތް ނެތް ކަމަށް ތަކުރާރުކޮށް ޖަމީލް ވިދާޅުވި އެވެ. އަދި ވ. އާރަށު މައްސަލައިގައި ދައުލަތުން ޝަފަވީ ހެކީގެ ގޮތުގައި ހުށަހެޅީ މި ސަރުކާރުން ގަނެފައިވާ ހެކި ކަމަށް ޖަމީލު ތުހުމަތު ކުރެއްވި އެވެ.

"މި ސަރުކާރުން ގަނެފަ، މި ސަރުކާރުން ކާން ދީފަ، މި ސަރުކާރުން ގޭ ތެރޭގައި ބައިންދާފައި ތިބި ހެކިން،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގެ ސަބަބުން ގާނޫނުއަސާސީން ލިބޭ ވޯޓު ދިނުމުގެ ހައްގާއި އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގު މާނަކުރެވޭ ގޮތް ހަނިވެގެން ގޮސްފައިވާ ކަމަށެވެ.

"ޔާމީން ވިދާޅުވަނީ ޖުޑީޝަރީ ތެރެއިން ޖުޑީޝަރީ ބޭނުންކޮށްގެން އެޑްމިނިސްޓްރޭޓިވް ޖަސްޓިސް ބޭނުންކޮށްގެން ތިމަން މަނިކުފާނުގެ ހައްގު ނިގުޅައިގެންފިއޭ،" ޔާމީންގެ މެސެޖު ހިއްސާކުރައްވަމުން ޖަމީލު މިއަދު ވިދާޅުވި އެވެ.

މީގެ އިތުރުން ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އިސްތިއުނާފުގެ ހައްގުތައް ނިގުޅައިގަނެފައިވާ ކަމަށް ޔާމީން ގަބޫލުކުރައްވާ ކަމަށްވެސް ޖަމީލު ވިދާޅުވި އެވެ.