ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ ކެންޑިޑެސީ މައްސަލަ ކޯޓަށް ހުށަހަޅަން ތައްޔާރު: ޖަމީލް

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގެންފިނަމަ ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅަން ތައްޔާރަށް ހުންނެވި ކަމަށް އެމަނިކުފާނުގެ ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީނުގެ ކެންޑިޑެސީ ފޯމް މިއަދު ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޖަމީލު ވިދާޅުވީ އީސީ އިން ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ބަލައިނުގެންފިނަމަ ގާނޫނީ ހައްލެއް ހޯދަން ތައްޔާރަށް ހުންނެވި ކަމަށެވެ.

"އެއްވެސް ލަސްކުރުމެއް ނެތި ޕާޓީގެ ގާނޫނީ ޓީމުން ވަނީ އެކަމަށް ފުރިހަމައަށް ތައްޔާރުވެފައި. އެކަން ވަގުތުން ހިނގާނެ،" ކުރީގެ ނައިބް ރައީސް ޖަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީނަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކެންޑިޑެސީ ފޯމު ހުށަހެޅުއްވި ފުރަތަމަ ބޭފުޅާ އެވެ.

ރައީސް ޔާމީން މިއަދު ފޯމު ހުށަހެޅުއްވި ނަމަވެސް އެމަނިކުފާނު މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ވަނީ ގާތްގަނޑަކަށް ގެއްލިފަ އެވެ. އެއީ ޖިނާއީ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ ގާނޫނުއަސާސީގައި ބުނާ ރިޔާސީ ކެންޑިޑޭޓެއްގެ ޝަރުތު ފުރިހަމަ ނުވާތީ އެވެ.

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ އަކަށް އިންތިހާބު ކުރާ މީހެއްގައި ހުންނަންވީ ޝަރުތުތައް ބަޔާންކޮށްފައިވެ އެވެ. އެ މާއްދާގެ (ޅ)ގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށެވެ.

އެހެންނަމަވެސް ޑރ. ޖަމީލް މިއަދު ވިދާޅުވީ ރައީސް ޔާމީނުގެ ކެންޑިޑެސީ ބަލައިނުގަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރިހަމަ ހައްގު އެބައޮތްވ ކަމުގައިވެސް ވިދާޅުވި އެވެ.