ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ ކެންޑިޑެސީ މައްސަލަައިގެ އަޑުއެހުން ނިންމާލައިފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިިންމާލައިފި އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން އީސީއާ ދެކޮޅަށް އިސްތިއުނާފް ކުރި މައްސަަލަ މިއަދު ހަވީރު 4:00 ހާއިރު ފެށުމަށްފަހު ނިންމާލީ މީގެއިރުކޮޅެއް ކުރިން މިރޭ 11:25 ހާއިރު އެވެ. ނަމަވެސް ޝަރީއަތް ކުރިއަށް ދިޔައިރު ދޭތެރެދޭތެރެއިން ހުސްވަގުތުކޮޅުތަކެއް ދީފައިވެ އެވެ.

މައްސަލައިގައި މިއަދު ބޭއްވި ހަމައެކަނި އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އަހްމަދު މުއުތަސިމު އަދުދާން ވިދާޅުވީ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކަކުން ފާހަގަކުރަން ބޭނުންވާ ކަންކަން ފާހަގަކޮށް ނިމިފައިވާތީ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށެވެ. އަދި މިމައްސަލައިގައި ފަނޑިޔާރުން އިތުރު ކަމެއް ސާފުކުރަން ބޭނުން ނުވާ ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމުގައިވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. ނަމަވެސް ހުކުމް ކުރާނެ ވަކި ދުވަހެއް ވިދާޅުވެފައެއް ނުވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ހަތް ފަނޑިޔާރުން ބެއްލެވި މިމައްސަލައަށް ރައީސް ޔާމީން ރައީސްކަން ކުރައްވާ ޕީޕީއެމް އާއި އެޓާނީ ޖެނަރަލްގެ އޮފީހުންވެސް ތަދައްޚުލްވެފައިވެ އެވެ.

މައްސަލައިގެ އަޑުއެހުން ކުރިއަށް ދިޔަ މައްސަލައިގެ ދެ ހަސްމުންނަށާއި މައްސަލައަށް ތަދައްޚުލްވި ދެ ފަރާތަށްވެސް އަދި ރައީސް ޔާމީނަށްވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ހޫނު ސުވާލުތަކެއް އަމާޒުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީން ފޯމު ހުށަހެޅުއްވީ މިމަހުގެ ފުރަތަމަ ދުވަހު އެވެ. ނަމަވެސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތީ ރިޔާސީ ކެންޑިޑޭޓެއްގެ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާތީ އެވެ.

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ އަކަށް އިންތިހާބު ކުރާ މީހެއްގައި ހުންނަންވީ ޝަރުތުތައް ބަޔާންކޮށްފައިވެ އެވެ. އެ މާއްދާގެ (ޅ)ގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށެވެ.

ރައީސް ޔާމީންގެ އިންތިހާބީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ވިދާޅުވެ އެމަނިކުފާނު މީގެ ކުރިންވެސް ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ ދެ މައްސަލައެއް ހުށަހަޅުއްވާފަ އެވެ. ނަމަވެސް ދެ ފަހަރުވެސް ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ވ. އާރަށް ކުއްޔަށް ދިނުމުގައި ހިޔާނާތުގެ އަމަލުތަކެއް ހިންގެވިކަން ސާބިތުވުމާ ގުޅިގެންނެވެ. ދަށު ކޯޓުގެ މި ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.

ދަށު ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވީ ނަމަވެސް ޝަރީއަތްތައް ހުއްޓިފައިވަނީ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމާ ގުޅިގެންނެވެ.