ރިޔާސީ އިންތިހާބު 2023

ޔާމީންގެ ޕޯސްޓަރު ބޭނުންކުރުމަކީ މައްސަލައެއް ނޫން: އީސީ

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭންގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕޯސްޓަރު ބޭނުންކުރުމަކީ ގާނޫނުން މަނާ ކަމެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ކެމްޕޭންގައި ރައީސް ޔާމީންގެ ފޮޓޯ ބޭނުންކުރުމަށް ގާނޫނީ ގޮތުން ހުރަހެއް ނެތް ކަމަށެވެ.

"ރައީސް ޔާމީންގެ ފޮޓޯފުޅު ބޭނުންކުރައްވައިގެން ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު ކެމްޕޭން ކުރެއްވުމަކުން ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް. އިލެކްޝަންސް ކޮމިޝަނަކުން އެގޮތަށް ފާސްކޮށްދީފައެއް ނުވާނެ،" އިސްމާއީލް ހަބީބު ވިދާޅުވި އެވެ.

އިސްމާއީލް ހަބީބު ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީން ބައެއް ޕޯސްޓަރުތައް ފާސްކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކަމަށެވެ.

ޕޯސްޓަރުތަކުގައި ކެންޑިޑޭޓާއި ރަނިން މޭޓުގެ އިތުރުން ތިންވަނަ މީހަކު ނުވަތަ ޕާޓީއެއް ހިމެނުނު ނަމަވެސް އާންމު ގޮތެއްގައި ބަލަނީ ކެންޑިޑޭޓާއި ރަނިން މޭޓުގެ މައުލޫމާތަށް ކަމަށް އިސްމާއީލް ހަބީބު ވިދާޅުވި އެވެ.

"މިސާލަކަށް އެމްޑީޕީން ކޯލިޝަން ހައްދަވައިގެން އިތުރު ދެ ޕާޓީއަކާއެކީގައި އެ ދަނީ. ޕީއެންސީން ޕީޕީއެމްއާއެކީ ކޯލިޝަން އެ ހައްދަވަނީ،" އިސްމާއީލް ހަބީބު ވިދާޅުވި އެވެ.