ރައީސް އަބްދުﷲ ޔާމީން

ޖޫރިމަނާ ފައިސާ ހޯދަން ޔާމީނާ ދެކޮޅަށް ކޯޓަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލުމަށް އިއްވާފައިވާ ހުކުމާއެކު ދައްކަން ހުކުމްކޮށްފައިވާ ފަސް މިލިއަން ޑޮލަރު -- 77 މިލިއަން ރުފިޔާގެ ޖޫރިމަނާ ނުދައްކާތީ އެ ފައިސާ ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ބަންޑާރަނައިބުގެ އޮފީހުން ބުނި ގޮތުގައި އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ހުކުމްގެ މުއްދަތުގައި އަދި ފައިސާ ދެއްކުމަށް މީރާއިން ނޯޓިސް ފޮނުވުމުންވެސް ފައިސާ ދައްކާފައިނުވާތީ އެވެ.

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ސާބިތުވެ އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 25، 2022 ގަ އެވެ.

ޖޫރިމަނާ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކުރި ހުކުމްގެ މުއްދަތު ހަމަވީ މިއަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހަށެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީއާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލައިގެ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަންގެ ވަކީލް މަހްފޫޒު ސައީދު ވަނީ ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނުއަސާސީގެ 109 މާއްދާގެ (ޅ)ގެ އިތުރު ރައީސް ޔާމީން ނުދައްކަވާ އޮތް ސާބިތު ދަރަންޏެއްވެސް އޮވެގެން ކަމަށް ވިދާޅުވެފަ އެވެ.

ސާބިތު ދަރަނީގެ ވާހަކަ އިލެކްޝަންސް ކޮމިޝަނުން ފެންމަތިކުރުމާ ގުޅިގެން ޝަރީއަތުގައި ރައީސް ޔާމީން ވެސް ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ބުނާ ސާބިތު ދަރަންޏަކީ އޭގެ ޒާތުގައި ދަރަންޏެއް ނޫން ކަމަށެވެ. ނަމަވެސް އެއީ އެމަނިކުފާނުގެ މައްޗަށް މިހާރު އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ގުޅޭ ބައެއް ކަމަށާއި ޖަލަށް ލުމަށް ހުކުމް ކުރި މުޅި މައްސަލަ އޮތީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ކަމުގައިވެސް ވިދާޅުވި އެވެ. ޖޫރިމަނާއެއް ދައްކަން އޮތް ނަމަ މީރާ އިން އެކަން އަންގާނެ ކަމަށާއި ނަމަވެސް މީރާގެ އެންގުމެއް އަދި ލިބިފައި ނެތް ކަމުގައިވެސް ވިދާޅުވި އެވެ.

މީރާގެ އެފަދަ އެންގުމެއް ނެތް ކަމަށް ޔާމީން ވިދާޅުވި ނަމަވެސް ޖޫރިމަނާ ދެއްކުމަށް މީރާއިން އަންގާފައިވާ ކަމުގެ ލިޔުމެއް އޮތް ކަމަށާއި އެ ލިޔުމުގައި ޔާމީން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ކަމަށް ޔާމީންގެ ކެންޑިޑެސީ މައްސަލައިގައި ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމްގައިވެ އެވެ.