ރައީސް މައުމޫން އަބްދުލްގައްޔޫމް

ޑީއާރްޕީގެ ދަރަނީގެ މައްސަލައިގައި މައުމޫން ސުޕްރީމް ކޯޓަށް

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އިން އެމްޓީސީސީއަށް ދައްކަންޖެހިފައި އޮތް ފައިސާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދައްކަން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކުރުމުން އެމްޓީސީސީ އިން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލަ ކޯޓުން ބޭރުކޮށްފައި ނުވާތީ އެ މައްސަލަ ރައީސް މައުމޫންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ޑީއާރްޕީން އެ ކުންފުންޏަށް 1.1 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް އެމްޓީސީސީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައިވެ އެވެ. އަދި މިފައިސާގެ މައްސަލަ ހިނގި ދުވަސްވަރު ޑީއާރްޕީގެ ޒައީމަކީ ރައީސް މައުމޫން ކަމަށްވާތީ ފައިސާ ދެއްކުމަށް ރައީސް މައުމޫންގެ މައްޗަށް އަމުރުކޮށްދިނުމަށްވެސް އެމްޓީސީސީ އިން ދަށު ކޯޓުގައި އެދުނެވެ. އެކަމަކު ސިވިލް ކޯޓުން މިދިޔަ ޖޫން މަހު މިމައްސަލަ ނިންމީ އެމްޓީސީސީ އިން ބުނާ ފައިސާ ދެއްކުމަށް މައުމޫންގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތް ކަމަށް ކަނޑައެޅުމަށްފަހު އެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ދަށު ކޯޓުން މައްސަލައެއް ނިންމާތާ 30 ދުވަހުގެ ތެރޭގައި އެ މައްސަލައެއް އިސްތިއުނާފް ކުރަންޖެހެ އެވެ.

އެމްޓީސީސީ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ނިންމީ ޖޫން 8، 2023 ގައެވެ. އެހެންކަމަށްވާނަމަ މިމައްސަލަ އެ ކުންފުނިން ޖުލައި 9، 2023 ވަނަ ދުވަހުގެ ކުރިން ހައިކޯޓުގައި އިސްތިއުނާފް ކުރަންޖެހެ އެވެ. ނަމަވެސް އެމްޓީސީސީ އިން އެ މައްސަލަ އިސްތިއުނާފް ކުރީ ޖުލައި 10، 2023 ގައެވެ.

އެމްޓީސީސީ އިން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގައި ރައީސް މައުމޫންގެ ފަރާތްޕުޅުން އިޖުރާއީ ނުކުތާއެއްގެ ގޮތުގައި އިސްތިއުނާފް ކުރި ތާރީހާ ގުޅޭ މައްސަލަ ނެންގެވި އެވެ. އެކަމަކު ހައި ކޯޓުން މިދިޔަ މަހު ނިންމާފައިވަނީ އެ މައްސަލަ އެ ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ހައިކޯޓުގެ ނިންމުން ރައީސް މައުމޫންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ މިދިޔަވ ހަފްތާގެ ތެރޭގައެވެ. މިމައްސަލަ ކޯޓަށް ބަލައިގަތުމާ މެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް އެނގިފައިވެ އެވެ.

ޑީއާރްޕީއަށްފަހު ރައީސް މައުމޫން އިސްވެ ހުންނަވައިގެން 2011 ވަނަ އަހަރު ޕީޕީއެމް އުފެއްދެވި އެވެ. އެކަމަކު ޖެހުނު މައްސަލަތަކަކާ ގުޅިގެން ޕީޕީއެމް ދޫކުރެއްވުމަށްފަހު 2016 ވަނަ އަހަރު އެމަނިކުފާނު އިސްވެ ހުންނަވައިގެން އެމްއާރްއެމްގެ ނަމުގައި މިހާރު ވަނީ ޕާޓީއެއް އުފައްދަވާފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަނުވުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ރައީސް މައުމޫން އިސްވެ ހުންނަވައިގެން އެންމެ ފުރަތަމަ އުފެއްދެވި ޑީއާރްޕީ އުވާލާފަ އެވެ.