ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލުމަށް އިއްވާފައިވާ ހުކުމާއެކު ދައްކަން ހުކުމްކޮށްފައިވާ ފަސް މިލިއަން ޑޮލަރު -- 77 މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކާފައި ނުވާތީ އެ ފައިސާ ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.
ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ސާބިތުވެ އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 25، 2022 ގަ އެވެ.
ޖޫރިމަނާ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކުރި ހުކުމްގެ މުއްދަތު ހަމަވީ މިއަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހަށެވެ.
ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އަހްސަން އިއްޔެ އިއްވި ހުކުމްގައި ބުނެފައިވަނީ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް އިއްވާފައިވާ ހުކުމްގައިވާ ޖޫރިމަނާގެ ފައިސާ ދެއްކުން ހައިކޯޓުން ފަސްކޮށްފައިވާ ކަމަށެވެ. ހައިކޯޓުގައި މިމައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ކުރިއަށްދާއިރު މައްސަލަ ނިމޭނެ ދުވަހެއް ނޭނގޭތީ ކޯޓުގައި މައްސަލަ ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށްވެސް ސިވިލް ކޯޓުގެ ހުކުމްގައިވެ އެވެ.
ވޮޑަމުލާ ކުއްޔަށް ދިނުމުގެ މައްސަލައިގައި ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް މީގެކުރިން ކުރި ހުކުމާ އެކު ވެސް ޖޫރިމަނާ ފައިސާ ދެއްކުމަށް ހުކުމްކުރި އެވެ. ނަމަވެސް ރައީސް ޔާމީން ޖަލަށްލުމަށް އޭރު ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރުމާ ގުޅިގެން އެމަނިކުފާނު ވަނީ ޖަލު ހުކުމުން ސަލާމަތްވެ ޖޫރިމަނާ ވެސް ދައްކަން ނުޖެހި ސަލާމަތްވެފަ އެވެ.