އެޓާނީ ޖެނެރަލް

ވިމަސް އަށް ދޫކުރި 1.7 މިލިއަން ރުފިޔާ ހޯދަން ދައުވާކޮށްފި

Jan 23, 2022

ވިމަސް ކުންފުންޏަށް 1.7 މިލިއަން ރުފިޔާ ދޫކުރުމުގައި އިހްމާލުވި ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންނަށް ފިޔަވަޅު އަޅަން އަންގައި، ދޫކުރި ފައިސާ ހޯދަން ދައުވާކުރުމަށް ބަންޑާރަނައިބް އޮފީހުން ނިންމައިފި އެވެ.

ވިމަސް ކުންފުންޏަށް ދޫކުރި ފައިސާ އަކީ ސުނާމީއާ ގުޅިގެން ޕާފޯމަންސް ބިލްޑާސް އެންޑް ޑިވެލޮޕާސް ކޯޕަރޭޝަން (ޕީބީޑީސީ) އަށް ސަރުކާރުން ހަވާލުލުކުރި މަޝްރޫއަކަށް ވިމަސް ކުންފުނިން ދޮންވެލި ފޯރުކޮށްދިނުމުން އެކުންފުންޏަށް ދޭންޖެހޭ 72،500 ރުފިޔާ ނުދައްކާ އޮތުމުން ޖޫރިމަނާއާ އެކު ދޭންޖެހޭ 1.8 މިލިއަން ރުފިޔާގެ ތެރޭގައި ހިމެނޭ ފައިސާ އެވެ.

ފިނޭންސް މިނިސްޓްރީން ވިމަސް އަށް ފައިސާ ދޫކުރީ އެ ފައިސާ ދޭންޖެހޭ ކަމަށް ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރުމުންނެވެ. ނަމަވެސް ފައިސާ ދޫކުރީ އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ވިލިނގިލި ކޯޓުގެ ހުކުމް ބާތިލްކުރި ފަހުން ވިލިނގިލި ކޯޓުގެ އެކައުންޓަށް ފައިސާ ޖަމާކުރުމުންނެވެ.

ހައިކޯޓުން މިދިޔަ ޑިސެމްބަރު މަހު ކުރި ހުކުމްގައި ވަނީ ވިމަސް އަށް ދޫކުރި ފައިސާ އަކީ އެ ކުންފުންޏަށް ދޭން ޖެހޭ ފައިސާ ނޫން ކަމަށް ކަނޑައަޅާފަ އެވެ. އަދި ހައިކޯޓުގެ ހުކުމްގައިވެސް ވަނީ ފައިސާ ދޫކުރުމުގައި މުވައްޒަފަކު އިހްމާލުވި ނަމަ ފިޔަވަޅު އަޅަން އަންގާފަ އެވެ.

ބަންޑާރަނައިބް އޮފީހުން މިހާރު ވަނީ ވިމަސް އަށް ދޫކުރި ފައިސާ ހޯދުމަށް ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ.