ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު މީހަކަށް ދޭންޖެހިފައި އޮތް އަށްލައްކައަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.
އިސްމާއީލް އަހްމަދުގެ މައްޗަށް ދައުވާ ކުރީ ހ. ވަލަންޖު، މޫސާ ހަލީލް އެވެ.
ދައުވާގައިވާ ބުނެފައިވަނީ ތ. ކަނޑޫދޫ ސްކޫލުގެ ތިން ކްލާސްރޫމު އިމާރާތް ކުރުމުގެ މަސައްކަތް އިސްމާއީލް އަހްމަދު ކޮންޓްރެކްޓަށް ނެގުމަށްފަހު ހަލީލްގެ އަމިއްލަ ތަކެތީގައި އެ މަސައްކަތް ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ކުރުމަށް 2018 ވަނަ އަހަރުގެ ތެރޭގައި އިސްމާއީލާއި ހަލީލް އަނގަ ބަހުން އެއްބަސްވެފައިވާ ކަމަށެވެ.
ހަލީލް ކުރި މަސައްކަތުގެ އަގަކީ 1،281،830 ރުފިޔާ އެވެ. އިސްމާއީލް މިހާތަނަށް ދައްކަވާފައިވަނީ 425،000 ރުފިޔާ އެވެ. ބާކީ ނުދައްކަވާ 856،830 ރުފިޔާ އެބައޮތެވެ.
އިސްމާއީލް ނުދައްކަވާ ހުރި ފައިސާ ހޯދަން ހަލީލްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އިސްމާއީލް ދައުވާއާ ގުޅޭ ލިޔެކިޔުންތަކާއި ހަވާލުވެ ދައުވާއާ ދެކޮޅަށް އެއްވެސް ކަމެއް ކުރުމަށް ކޯޓުގައި އެދިފައި ނުވާތީ އާއި އަދި ދައުވާއަށް ޖަވާބުދާރީވުމަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާތީ ހަލީލްގެ ދައުވާގައިވާ ފައިސާއަކީ އިސްމާއީލް ދައްކަވަންޖެހޭ ފައިސާ ކަމަށް ސިވިލް ކޯޓުންވެސް ކުރިން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް ހުކުމްގައިވާ ގޮތަށް 15 ދުވަސް ތެރޭގައި އެ ފައިސާ ދައްކަވާފައެއް ނުވެ އެވެ.
ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް އިސްމާއީލް ފައިސާ ދައްކަވަމުން ނުގެންދަވާތީ ހަލީލްގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހެޅުމުން ހައިކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ހުކުމާ އެއްގޮތަށް ފައިސާ ދެއްކުމަށް އިސްމާއީލްގެ މައްޗަށް ހުކުމްކޮށްފަ އެވެ. ހައިކޯޓުން އިސްމާއީލަށް ހުކުމްކޮށްފައިވަނީ މިދިޔަ ފެބްރުއަރީ 29 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އިސްމާއީލް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އަމުރުކޮށްފަ އެވެ.
އިސްމާއީލްއާ ދެކޮޅަށް ހަލީލް ކުރާ ދައުވާ އާއި ގުޅިގެން ސިވިލް ކޯޓަށްވެސް އަދި ހައިކޯޓަށްވެސް އިސްމާއީލް ހާޒިރު ނުވާތީ ދެ ކޯޓުންވެސް މައްސަލަ ނިންމާފައިވަނީ އިސްމާއީލްގެ ޣައިރު ހާޒިރު ގައެވެ.
ފައިސާ ތަކެއް ދެއްކުމަށް ދުވާފަރު ދާއިރާގެ މެންބަރުގެ ގޮތުގައި މިހާރުވެސް ހުންނެވި އިސްމާއީލްގެ މައްޗަށް ހުކުމެއް ކޮށްފައި މިވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް އެމްޑީޕީގެ ޓިކެޓްގައި އޭނާ ދުވާފަރު ދާއިރާއަށް ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށެވެ.
ސިވިލް ކޯޓާއި ހައިކޯޓުގެ ހުކުމާ އެއްގޮތަށް އިސްމާއީލް ފައިސާ ނުދެއްކެވި ނަމަވެސް އޭނާއަށް ގޮނޑި ގެއްލުމާއި ކެންޑިޑެސީ ބާތިލްވުމުގެ ފުރުސަތު ނެތް ކަމަށް ބައެއް ގާނޫނީ ވަކީލުން އަވަސް އަށް ވިދާޅުވެފައިވެ އެވެ.