ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގާފައިވާ ހިޔާނާތުގެ އަމަލުތަކާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލަތަކާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުގައި އޮތުމުން އެ މައްސަލާގެ ޝަރީއަތް މަޑުޖައްސާލަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާކުރުމުގެ ދައުވާ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދީގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 25، 2022 ގަ އެވެ.
ހައިކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް އަލުން އެ މައްސަލަ ކްރިމިނަލް ކޯޓުން ބެލުމަށް އަމުރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ޔާމީންގެ ވަކީލުން ވަނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ނިމެންދެން އެ މައްސަލަ މަޑުޖައްސާލަން އެދިވަޑައިގެންފަ އެވެ. ނަމަވެސް ދައުލަތުން ބުނީ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ މައްސަލަ މަޑު ޖައްސާލަން ސުޕްރީމް ކޯޓުން އަންގާފައިނުވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ އާއި ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލާގައި ފުށުއެރުމެއް އޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
އެހެންވެ، ގާޒީ ނިންމެވީ ސުޕްރީމް ކޯޓުން މައްސަލަ ނިމެންދެން އެ މައްސަލަ މަޑުޖައްސާލުމަށެވެ.