ހަބަރު

ކައުންސިލްތަކަށް ބާރުދިން ގަލަން ރައީސް ނަޝީދަށް

Dec 15, 2019
7

ލޯކަލް ކައުންސިލްތަކަށް މާލީ ބާރުތައް ދޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސްފައިވާ ބިލް ތަސްދީގު ކުރެއްވުމަށް ބޭނުންކުރެއްވި ގަލަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަރުވައިފި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ރައީސް ތަސްދީގު ކުރެއްވީ، ކައުންސިލަތަކާއެކު މަޝްވަރާ ކުރުމުގެ ގޮތުން މިއަދު ކްރޮސްރޯޑްގައި ފެށި މަހާސިންތާ ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރޭގަ އެވެ.

ކުރީގެ ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި، އެ ބިލު ތަސްދީގު ކުރެއްވުމަށްފަހު ރައީސް ސޯލިހު ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި "ޖަޒީރާ ރާއްޖެ" ކަށަވަރުކުރުމަށްޓަކައި، ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް، ކައުންސިލްތައް ބާރުވެރިކުރުވުމަށް ހާއްސަކޮށް ނަޝީދު އިސްވެ އެމްޑީޕީން ކުރި މަސައްކަތް ވަނީ ފާހަގަކުރައްވައިފަ އެވެ.

އެ ވާހަކަފުޅަށްފަހު ރައީސް ސޯލިހު ސްޓޭޖުން ފައިބައިވަޑައިގެންނެވުމަށްފަހު، ބިލު ތަސްދީގު ކުރެއްވި ތާރީހީ ގަލަން އެރުވީ ރައީސް ނަޝީދުގެ އަތްޕުޅަށެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ގޮތުން އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވެސް ވަނީ މިދިޔަ ސަރުކާރުގައި ސިޓީ ކައުންސިލްތަކުން ނަގާފައިވާ ބައެއް ބާރުތައް އަލުން އެ ކައުންސިލްތަކަށް ދޫކޮށްލާފަ އެވެ.

ރައީސްގެ ވައުދުފުޅާ އެއް ގޮތަށް ކައުންސިލްތައް މާލީ ގޮތުން އިތުރަށް ބާރުވެރި ކުރުމުގެ ގޮތުން ސަރުކާރުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ފަރުމާކޮށް މަޖިލީހަށް ހުށަހެޅި އެވެ. މަޖިލީހުން އެ ބިލު ދިރާސާ ކުރުމަށްފަހު ފާސްކުރީ މި މަހުގެ ފަސްވަނަ ދުވަހުގަ އެވެ.

ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމުގެ ގޮތުން ގާނޫނަށް ގެނައި ބަދަލުގެ ތެރޭގައި ދައުލަތުގެ ބަޖެޓްގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ. މަޖިލީހުން ފާސް ކުރި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ވެސް ވަނީ އެ ބަދަލާ އެއް ގޮތަށް ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ހިމަނައިފަ އެވެ.

ދައުލަތުގެ ބަޖެޓްގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދިނުމުގެ އިތުރުން ރަށްރަށާއި ފަޅުތަކުގެ ކުލިން ލިބޭ އާމްދަނީގެ 40 ޕަސެންޓް ވެސް ކައުންސިލްތަކަށް ލިބޭ ގޮތަށް ގާނޫނަށް ވަނީ ބަދަލު ގެނެސްފަ އެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ބިންތަކުގެ ކުލީގެ ސައްތައިން ސައްތަ އެ ރަށެއްގެ ކައުންސިލަކަށް ލިބޭ ގޮތަށް ވެސް ގާނޫނުގައި ވަނީ ހިމަނައިފަ އެވެ.

މީގެ އިތުރުން ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް (ޕީއެސްއައިޕީ) ޕްރޮގްރާމްގެ އުމްރާނީ މަޝްރޫއުތަކުގެ ތެރެއިން ފަސް މިލިއަން ރުފިޔާއަށްވުރެ ވުރެ ކުޑަ އަގުތަކުގެ މަޝްރޫއުތައް ހިންގުމުގައި ބަޖެޓާއި ޕްލޭންތައް ވެސް ކައުންސިލްތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ގޮތަށް ވެސް ގާނޫނު އިސްލާހު ކޮށްފައިވެ އެވެ.

ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި ވެސް ވަނީ އަންހެނުންނަށް ހާއްސަ ކުރާ ގޮތަށް ވެސް ލާމަރުކަޒީ ގާނޫނު ވަނީ ބަދަލު ކޮށްފަ އެވެ. އަންނަ އަހަރު އޭޕްރީލް މަހު ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގައި އެ އިސްލާހާ އެއް ގޮތަށް ބައެއް ގޮނޑިތައް އަންހެނުން ހާއްސަ ކުރަން މިހާރު ވަނީ ނިންމައިފަ އެވެ.