ހަބަރު

ކައުންސިލަރުން ވަކި ނުކުރެވޭ ގޮތަށް ބިލު ފާސްކޮށްފި

Dec 5, 2019

ކައުންސިލުން ވަަކި ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބޭ މާއްދާއެއް ލާމަރުކަޒީ ބިލުގެ ކޮމިޓީ ރިޕޯޓަށް ހުށަހަޅާފައި ވަނިކޮށް ކައުންސިލަރުން ވަކި ނުކުރެވޭ ގޮތަށް އެ ބައި ބަދަލުކޮށް މަޖިލީހުން އެ ބިލު ފާސްކޮށްފި އެވެ.

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ވަނީ ކައުންސިލުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ނުކޮށް އިހުމާލުވާ ނަމަ ނުވަތަ ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ގާނޫނީ އިމުން ބޭރުން ހިފުމާއި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވުން ތަކުރާރުވެ ރައްޔިތުންނަށް މިކަމުގެ ސަބަބުން ގެއްލުން ވަމުން ދާކަން ފާހަގަ ކުރެވިއްޖެނަމަ އެ ކައުންސިލަރު ނުވަތަ މޭޔަރު ނުވަތަ ރައީސް މަގާމުން ވަކިި ކުރުމުގެ ގޮތުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ބާރު އެލްޖީއޭއަށް ދިނުމަށް ބިލުގައި ހިމަނައިފަ އެވެ.

އެހެން ނަމަވެސް އެ އިސްލާހަށް އިދިކޮޅު ފަރާތްތަކުގެ އިތުރުން އެމްޑީޕީގެ ބައެއް މެންބަރުން ވެސް ތާއީދެއް ނުކުރެ އެވެ. އެހެންކަމުން

އެހެންކަމުން، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ހުށަހެޅުއްވީ އެ ބައި އުނިކޮށް، އެލްޖީއޭއަށް ކައުންސިލަރުން ސަސްޕެންޑު ކުރެވޭނެ ގޮތަށް ވަނީ ހުށަހަޅައިފަ އެވެ. އެ ހުށަހެޅުން ވޯޓުގައި ބައިވެރިވެވަޑައިގަތް 73 މެންބަރުންގެ އިއްތިފާގުން ފާސްވި އެވެ. އަދި އިސްލާހުތަކާއެކު މުޅި ބިލަށް ވޯޓަށް އެހުމުން 76 މެންބަރުންގެ އިއްތިފާގުން ވަނީ ލާމަރުކަޒީ ބިލު ފާސްކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުން ކައުންސިލް މެންބަރުން ވަކި ކުރެވޭތީ ރަނގަޅު ގޮތެއް ނޫން ކަމަށް ބައެއް މެންބަރުން ވިދާޅުވި ކަމަށާއި އަދި އެގޮތުގައި ފަހު ވަގުތާ ޖެހެންދެން މެންބަރުން ތިއްބެވި ކަމަށެވެ. ނަމަވެސް ހަގީގަތުގައި އެއީ އެލްޖީއޭއިން ގޮތެއް ނިންމުމުން އެކަމާ ގުޅޭ ގޮތުން މުތޯލިއާ ކުރުމުގެ ބާރު މަޖިލީހަށް ދިނުން ކަމަށާއި އެއީ ކައުންސިލަރުންނަށް ގެނެސްދޭން އުޅުނު އިތުރު ސަލާމަތްތެރިކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ހަގީގަތުގައި މި މަޖިލީހުން ކައުންސިލަރުން ވަކި ކުރާކަށެއް ނޫން ހުށަހެޅުނީކީއެއް، ކުރީގައި ވެސް އޮންނަނީ އެލްޖީއޭ އިން ވަކި ކުރާ ގޮތަށް، އިސްލާހެއްގެ ގޮތުގައި ގެނެވުނީ ލޯކްލަ ގަވަމަންޓް އޮތޯރިޓީން ވަކި ކުރަން ނިންމުނީމަ އަދި އިތުރަށް މިތަނުގައި އެކަމާ ގުޅޭ ގޮތުން ބަހުސެއް ކުރުމުގެ ޖާގަ ކައުންސިލްތަކަށް ދިނުމަށް. އެހެން ނަމަވެސް މިކަމެއް އެގޮތަކަށް ވެނުމެދިޔަ،" ނަޝީދު ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް އިސްލާހު ގެނައުމުގެ ބިލުގައި މައިގަނޑު ގޮތެއްގައި ވަނީ ކައުންސިލްތަކުގެ އެކުލެވުމަށް ބަދަލުތަކެއް ގެނައުމަށެވެ. އެ ގޮތުން ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހިއްސާ ކުރުމަށް ވަނީ ހިމަނައިފަ އެވެ. އަދި އެ ގޮތުން ދައުލަތުގެ ބަޖެޓްގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދޭއިރު، ރަށްރަށާއި ފަޅުތަކުގެ ކުލިން ލިބޭ އާމްދަނީގެ 40 ޕަސެންޓް ކައުންސިލްތަކަށް ލިބޭ ގޮތަށް ހަދަން ބިލްގައިވެ އެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ބިންތަކުގެ ކުލީގެ ސައްތައިން ސައްތަ އެ ރަށެއްގެ ކައުންސިލަކަށް ލިބޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ.

މިއަދު ފާސް ކުރި 2020 ގެ ބަޖެޓުގައި 1.6 ބިލިއަން ރުފިޔާ ވަނީ ކައުންސިލްތަކަށް ކަނޑައަޅާފަ އެވެ.