ހަބަރު

އަންހެނުންނަށް ގޮނޑި ހާއްސަކުރި އިސްލާހު ބާތިލުކުރަން އެދެނީ

Dec 31, 2019
1

ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަ ކުރަންޖެހޭ ގޮތަށް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލުކޮށް ދިނުމަށް ސުޕްރީމް ކޯޓުގައި އެދެން ނިންމައިފި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކައުންސިލްތަކުގެ 33 ޕަސަންޓު ހާއްސަ ވަނީ އަންހެނުންނަށެވެ. އެހެންކަމުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލްތަކުން 12 ގޮނޑި އަންހެނުންނަށް ހާއްސަ ވާނެ އެވެ. އެގޮތުން މާލެ ސިޓީގެ 18 ދާއިރާގެ ތެރެއިން އަންހެނުންނަށް ހަ ދާއިރާއެއް ހާއްސަ ވާނެ އެވެ. އަދި އައްޑޫގެ 12 ދާއިރާގެ ތެރެއިން ހަތަރު ދާއިރާއަކާއި ފުވަމުލަކުގެ ހަ ދާއިރާއިން ދެ ދާއިރާއަކީ އަންހެނުންނަށް ހާއްސަ ދާއިރާތަކެވެ.

އެ އިސްލާހާއެކު އޭޕްރީލް މަހު އޮންނަ އިންތިހާބުގައި 380 އަށް ވުރެ ގިނަ އަންހެނުން އިންތިހާބު ކުރަން ޖެހޭއިރު، އަންހެނަކު ބައެއް ދާއިރާތަކަށް ފިރިހެނުންނަށް ވާދައެއް ނުކުރެވެ އެވެ.

އެ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމިކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރު ކުރި ޓްވީޓެއްގައި ވަނީ އައްޑޫގައި އޭނާ ނިސްބަތްވާ ދާއިރާ އަށް ފިރިހެނަކަށް ވާދަ ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ބާތިލް ގާނޫނެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އެހެންކަމުން، އެ ގާނޫނާއި ކޮމިޝަންގެ ނިންމުން ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

މޫސަ ބުނި ގޮތުގައި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އެންމެ މުހިންމު އެއް ހައްގު ކަމަށްވާ މިނިވަންކަމާ އެކު މަންދޫބުން އިހްތިޔާރު ކުރުމާއި އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގު މުތުލަގު ގޮތަކަށް ހިފެހެއްޓުމަކީ ޖޯކެއް ކަމަށެވެ. އަދި ރަށު ކައުންސިލްތަކުގެ ދާއިރާތަކަށް ފިރިހެނުންނަށް ވާދަކުރުމުގެ ފުރުސަތު އޮންނައިރު، ސިޓީ ކައުންސިލްތަކުގެ ވަކި ދާއިރާތަކަކަށް ފިރިހެނުންނަށް ވާދަނުކުރެވޭ ގޮތް ހެދުމަކީ ތަފާތު ކުރުމެއް ކަމަށް ވެސް މޫސަ ބުންޏެވެ.

މީގެ އިތުރުން، މިހާރު ވެސް އޭނާ ނިސްބަތް ދާއިރާގައި ފިރިހެނުންނާ ވާދަކޮށްގެން ހޮވިފައި ހުރީ އަންހެން މެމްބަރެއް ކަމަށް ކަމަށް ވެސް ޓްވީޓްގައިވެ އެވެ. އަދި ފިރިހެނުންގެ ހައްގު ނުގެއްލޭނެ ގޮތަކަށް ވެސް 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރެވިދާނެ ކަމަށް މޫސަ ބުންޏެވެ.