އިލެކްޝަންސް ކޮމިޝަން

ފިއްތުއްތަކާ ގުޅިގެން ޒާހިދު އިސްތިއުފާ ދެއްވައިފި

އިލެކްޝަން ކޮމިޝަންގެ ކޮމްޕްލަޔަންސް ކޮމިޝަންގެ ވެރިޔާ މުހައްމަދު ޒާހިދުގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފައްދާ ކުރިމަތިކުރުވި ފިއްތުންތަކާ ގުޅިގެން އޭނާ އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ނާއިބު ރައީސްގެ މަގާމުގައި ހުންނަވަނިކޮށް މި ސަރުކާރުން ވަކި ކުރި ޒާހިދުއަށް އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލަޔަންސް ކޮމިޝަންގެ ވެރިޔާގެ މަގާމަށް އައްޔަނުކޮށްފައިވަނީ ވަރަށް ފަހުން ނެެވެ.

ނަމަވެސް ޒާހިދު އެ މަގާމުގައި ހުންނެވުމުން އޭނާގެ ނަޒާހާތްތެރިކަމާމެދު އެމްޑީޕީގެ މެމްބަރުން ދަނީ ވަރަށް ބޮޑަށް ސުވާލު އުފައްދާ ފާޑުވިދާޅުވަމުންނެވެ. އަދި އެ މައްސަަލައިގައި އިލެކްޝަން ކޮމިޝަންގެ މެމްބަރުން ވަނީ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށް ހާޒިރުކޮށް ސުވާލުވެސްކޮށްފަ އެވެ.

ޒާހިދު އިސްތިއުފާ ދެއްވިކަން އީސީން "އަވަސް" އަށް ވަނީ ކަށަވަރުކޮށްދެއްވައި ފައެވެ.

ޒާހިދު އީސީގެ އެފަދަ މުހިންމު މަގާމެއްގައި ހުންނެވުމުން ވެރިކަން ކުރާ އެމްޑީޕީން ކުރާ ޝަކުވާތައް ބަލައިނުގަތުމުގެ ފުރުސަތު އޮންނާނެކަމަށް ބުންޏަސް އީސީގެ ރައީސް އަހުމަދު ޝަރީފް ވަނީ އެ ތުހުމަތުތަކުގައި ހަގީގަތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.