ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އަމާޒަކީ ގިނަ ރިސޯޓްތަކުގައި ވޯޓްފޮށި ބެހެއްޓުން: އީސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ކައުންސިލްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓް ފޮށި ބަހައްޓަން ބޭނުންވާ ހުރިހާ ރިސޯޓެއްގައި ވޯޓްފޮށި ބެހެއްޓޯތޯ މަސައްކަތް ކުރަމުން ގެންދެާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ކައުންސިލް އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ.

ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ ވޯޓް ފޮށި ބަހައްޓަން ބޭނުންވާ ހުރިހާ ރިސޯޓެއްގައި ވޯޓްފޮށި ބެހެއްޓޯތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކުރީ އިންތިހާބުތަކުގައި ބައެއް ރިސޯޓްތަކުގައި ވޯޓްފޮށި ނުބެހެއްޓުނު ނަމަވެސް ކައިރި ރަށްރަށަށް ވޯޓްލާން ދާން ފުރުސަތު އޮތެވެ. ޝަރީފު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މި ފަހަރު އެ ހުއްދަ އެޗްޕީއޭއިން ނުދީފާނެ ކަމަށާއި އެހެން ކަމުން ރިސޯޓްތަކުން ހުއްދަ ދީފިނަމަ ވީހާވެސް ގިނަ ރިސޯޓްތަކެއްގައި ވޯޓް ފޮށި ބަހައްޓާނެ ކަމަށެވެ.

ކޮވިޑާއެކު އިންތިހާބު ބާއްވާއިރު އަމަލު ކުރަންޖެހޭ އުސޫލެއް އެޗްޕީއޭއިން ވަނީ އެކުލަވާލާފަ އެވެ. އެ ގައިޑްލައިންގެ ސަބަބުން އިންތިހާބު ބޭއްވުމަކީ ވަރަށް ބޮޑު ތަކުލީފަކަށްވާ ކަމަށް އީސީން ވަނީ ބުނެފަ އެވެ. އަދި އިންތިހާބު ފަސް ކުރަން މަޖިލީހަށް ދިއުމުގެ ވިސްނުން ވެސް އެ ކޮމިޝަނުން ގެންގުޅެއެވެ. ނަމަވެސް ޕާޓީތަކުން ދަނީ އިންތިހާބު ފަސް ކުރަން ދެކޮޅު ހަދަމުންނެވެ.

މީގެ އިތުރުން ބައެއް ގައުމުތަކުގައި މި އިންތިހާބުގައި ވޯޓް ފޮށި ނުބެހެއްޓޭނެ އެވެ. އެއީ ރައްކާތެރިކަމަށްޓަކައި އެ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތާއި މެލޭޝިޔާ ހިމެނެ އެވެ. އެހެން ކަމުން މި ފަހަރުގެ އިންތިހާބުގައި ގިނަ ބަޔަކަށް ވޯޓްލުމުގެ ހައްގު ގެއްލޭނެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ކައުންސިލްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 272,480 މީހަކަށް ލިބެ އެވެ. މި ފަހަރުގެ އިންތިހާބުގައި ވޯޓްދެވޭ 272,480 މީހުންގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން 220،981 މީހަކާއި މާލެ ސިޓީއަށް ނިސްބަތްވާ 51،499 މީހެކެވެ.