ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކައުންސިލް އިންތިހާބު ބާއްވާނެ ތާރީހު މިރޭ ކަނޑައަޅަނީ

ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ތާރީހެއް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި ކަނޑައަޅާނެ ކަމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލި ނަމަވެސް، ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އެ އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގު ކުރައްވައިފަ އެވެ.

ވާފައިވާ ބިލުގައި ގާނޫނު އިސްލާހުކުރާތާ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީން ފަށަންޖެހޭނެކަމަށް ބަޔާންކޮށްފަ އެވެ.

ސިއްހީ ކުއްލި ހާލަތު ދެމި އޮވެއްޖެނަމަ، އީސީން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަންވާނީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށެވެ. އަދި އިންތިހާބުގެ ކަންކަން ފެށުމަށް އީސީން ކަނޑައަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތައް އެކުލަވާލައި، އާއްމުކުރަންވާނެކަމަށް އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.

އެ އުސޫލު މިހާރު ޑްރާފްޓުކޮށް އީސީއާ ހިއްސާކޮށްފައިވާއިރު، ޝަރީފް މިއަދު އަވަސްއަށް ވިދާޅުވީ އެ އުސޫލު ފައިނަލް ކުރުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކުރަމުންދާ ކަމަށެވެ.

އަންނަ އޭޕްރީލް މަހު ރޯދަ މަސް ފެށުމުގެ ކުރިން އިންތިހާބު ބާއްވައި ނިންމުމަށް ހާއްސަކޮށް މަޖިލީހުގެ ތެރެއިންނާއި ސިޔާސީ ޕާޓީތަކުން އީސީއަށް ޕްރެޝަރު ކުރަމުން އަންނަ އިރު، އިންތިހާބު ބާއްވާ ތާރީހު މިރޭގެ ކޮމިޝަން ބައްދަލުވުމުގައި ނިންމާނެކަމަށް ޝަރީފް ވިދާޅުވި އެވެ.

ނަމަވެސް، ޝަރީފް މިއަދުވެސް ވަނީ އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް އިންތިހާބު ބޭއްވުމަށް އީސީއަށް ކުރިމަތިވާނެ ގޮންޖެހުންތަކާ ގުޅޭގޮތުން ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.

މިގޮތުން، އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް އިންތިހާބު ބޭއްވޭނީ އިންތިހާބުގެ ބަޖެޓަށް އިތުރަށް ފައިސާ ލިބިގެންކަމަށް ޝަރީފް ވަނީ ތަކުރާރުކުރައްވައިފަ އެވެ.

"އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް އިންތިހާބު ބޭއްވޭނީ އިތުރަށް ފަންޑްސް ލިބިގެން. ދެން އޮތް ސުވާލަކީ، އިތުރަށް ހަރަދުކޮށްގެން ކޮންމެހެން އިންތިހާބު ބޭއްވުން ވާތުތޯ އެހެން އޮޕްޝަނެއް އޮއްވާ؟" އޭނާ ވިދާޅުވި އެވެ.

ޝަރީފް އެ އިޝާރާތް ކުރެއްވީ، ކޮވިޑް-19 އިގެ ވެކްސިން ދިނުމަށް މިހާރު ތައްޔާރުވަމުން އަންނައިރު، ޖޫން މަހުގެ ފަހަށް އިންތިހާބު ފަސްކުރުމަށް އީސީންވެސް މީގެ ކުރިން ބާރުއަޅާފައިވާ ހިޔާލަށެވެ.

މީގެ އިތުރުން، އެޗްޕީއޭގެ އުސޫލާ އެއްގޮތަށް މިނިވަންކަމާއެކު އަދި ހަމަހަމަކަމާއެކު އިންތިހާބުގެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް ގިނަ ދަތިތަކެއް ހުރިކަމަށް ޝަރީފް މިއަދުވެސް ވަނީ ވިދާޅުވެފަ އެވެ.

އިންތިހާބާބެހޭ ހާއްސަ ގާނޫނުން ބަޔާންކޮށްފައިވާ އެއް އަހަރު ދުވަހުގެ މުއްދަތު އަންނަ މެއި މަހުގެ ނުވަ ވަނަ ދުވަހަށް ހަމަވާއިރު، އޭގެ ކުރިން އިންތިހާބު ނުބޭއްވޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ސަބަބުތައް ބަޔާންކޮށް އެ މުއްދަތު ހަމަވުމުގެ 30 ދުވަހުގެ ކުރިން އީސީން އެކަން މަޖިލީހަށް އަންގަންޖެހޭ ގޮތަށް މަޖިލީހުން ގެނައި އިސްލާހުތަކުގައި ހިމެނެ އެވެ.

މިރޭ ބައްދަލުވުމުގައި ނިންމާ ނިންމުމެއްގެ މައްޗަށް، އެ މުއްދަތުގެ ތެރޭގައި އިންތިހާބު ނުބޭއްވޭ ހާލަތެއްގައި، ގާނޫނުގައި ބުނާ ގޮތަށް އެކަން ލިޔުމުން މަޖިލީހާ ހިއްސާކުރާނެކަމަށް ޝަރީފް ވިދާޅުވި އެވެ.