މި މަސް ނިމުމުގެ ކުރިން ގާނޫނަށް އިސްލާހު ގެނެސް އަމަލު ކުރަން ފެށިއްޖެ ނަމަ ރޯދަ މަހުގެ ކުރިން، ލޯކަލް ކައުންސިލް އިންތިހާބް ބޭއްވި ދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ އޭޕްރީލް މަހުގައި ބާއްވަން ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އިގެ ހާލަތާއެކު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ.
ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދަން މަޖިލީހުން ވަނީ ސަންސެޓް ގާނޫނެއް ފާސް ކޮށްފަ އެވެ. އެ ގާނޫނު ބުނާ ގޮތުން ތަސްދީގު ކުރާތާ އަހަރު ދުވަސްތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. އެހެންވީމަ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ.
އެއާއެކު، އީސީން ވަނީ މާޗް މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް ކަނޑައަޅައި، އެންމެ ލަސްވެގެން މިދިއަ ހޯމަ ދުވަހު ކުއްލި ހާލަތު އުވާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ކިބައިން އެދިފައި އެވެ.
ނަމަވެސް، ބަލިމަޑުކަމުގެ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އޮތްކަމަށް ބުނެ، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފަ އެވެ
އެ މުއްދަތު އިތުރު ކުރުމުން، މާޗް މަހު އިންތިހާބު ދެން ނުބޭއްވޭނެ ކަމަށް އީސީން ބުނެފައިވާއިރު، އެ އިންތިހާބު ބޭއްވޭނެ ކަމާމެދު ވެސް ވަނީ ސުވާލު އުފެދިފައި އެވެ.
ޕީއެސްއެމްގައި ރޭ ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ކައުންސިލް އިންތިހާބު ވީހާ ވެސް އަވަހަށް ބޭއްވުމަށްޓަކައި އެ ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ކަމާ ބެހޭ އިދާރާތަކާއެކު އެކަމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.
ޝަރީފް ވިދާޅުވީ އިންތިހާބު ނުބޭއްވިގެން އުޅޭ ސަބަބަކީ އިންތިހާބު ފަސްކުރުމަށް އެކުލަވާލި ހާއްސަ ގާނޫނުގައި ހުރި ބައެއް މާއްދާތައް ކަމަށެވެ. އެ ގޮތުން އޭގެ ތެރެއިން އެއް މާއްދާ އަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނެތްކަމަށް އިއުލާނު ކުރަން ޖެހުމެވެ.
އޭނާ ވިދާޅުވީ އިންތިހާބު ބޭއްވުމަށްޓަކައި ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށެވެ.
އެ އިސްލާހުތައް ގެނެވޭނީ ރައްޔިތުން މަޖިލީހުން ކަމަށް ވާއިރު، މިހާރު ޗުއްޓީގައި އޮތް މަޖިލީހުގެ މަސައްކަތް މިއަހަރަށް ފެށުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
ނަމަވެސް، ޝަރީފް ވިދާޅުވީ ގާނޫނު އަވަހަށް އިސްލާހުކޮށް، އިންތިހާބު ބޭއްވުމަށްޓަކައި، ދައުރުން ބޭރުން ޖަލްސާއެއް މި މަހު ބާއްވަން ޖެހޭނެ ކަމަށެވެ.
އިތުރަށް ވިދާޅުވީ ރޯދައިގެ ކުރިން އިންތިހާބު ބޭއްވޭނީ މި މަސް ނިމުމުގެ ކުރިން ގާނޫނަށް ބަދަލު ގެނެސް އެއަށް އަމަލު ކުރަން ފެށިގެން ކަމަށެވެ.
އެހެން ނުވެއްޖެ ނަމަ ދެން އިންތިހާބު ބޭއްވޭނީ ރޯދައިގެ ފަހުން ކަމަށެވެ.