ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކައުންސިލް އިންތިހާބު އޭޕްރީލް 3 އަށް ތާވަލުކޮށްފި

ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ފަސް ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހަށް ތާވަލްކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ.

މި އަހަރުގެ އޭޕްރީލް މަހުގައި ބާއްވަން ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އިގެ ހާލަތާއެކު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ.

ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދަން މަޖިލީހުން ވަނީ ސަންސެޓް ގާނޫނެއް ފާސް ކޮށްފަ އެވެ. އެ ގާނޫނު ބުނާ ގޮތުން ތަސްދީގު ކުރާތާ އަހަރު ދުވަސްތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. އެހެންވީމަ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ.

އެއާއެކު، އީސީން ވަނީ މާޗް މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް ކަނޑައަޅައި، އެންމެ ލަސްވެގެން މިދިއަ ހޯމަ ދުވަހު ކުއްލި ހާލަތު އުވާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ކިބައިން އެދިފައި އެވެ.

ނަމަވެސް، ބަލިމަޑުކަމުގެ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އޮތްކަމަށް ބުނެ، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފަ އެވެ

އެ މުއްދަތު އިތުރު ކުރުމުން، މާޗް މަހު އިންތިހާބު ދެން ނުބޭއްވޭނެ ކަމަށް އީސީން ބުނެ، ކުއްލި ހާލަތުގެ ތެރެއިން އިންތިހާބު ބޭއްވުމަށް ގާނޫނަށް އިސްލާހެއް ޑްރާފްޓް ކުރުމުގެ މަސައްކަތް އީސީން ވަނީ ފަށައިފަ އެވެ.

އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ، ފަސްކުރެވިފައިވާ އިންތިހާބު އޭޕްރީލް ތިނެއްގައި ބޭއްވުމަށް ތާވަލް ކުރަން އީސީގެ މެންބަރުންގެ ބައްދަލުވުމެއްގައި ނިންމާފައިވާ ކަމަށެވެ.

ނަމަވެސް، އެކަމަށްޓަކައި މިހާރު ޗުއްޓީގައި އޮތް މަޖިލީހުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ގާނޫނު އިސްލާހުކޮށްދޭންޖެހޭކަމަށް ޝަރީފް މީގެ ކުރިން ވަނީ ވިދާޅުވެފައި އެވެ.

އީސީން އަމާޒު ހިފާފައިވަނީ އޭޕްރީލް 13 ގައި ރޯދަ މަސް ފެށުމުގެ ކުރިން އިންތިހާބު ބޭއްވުމަށެވެ.