ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އޭޕްރީލް 10 ގައިވެސް އިންތިހާބު ނުބޭއްވިދާނެ

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އިންތިހާބު ކުރިޔަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ ގައިޑްލައިންގެ ސަބަބުން ގޮންޖެހުންތައް ހުރުމުން މިހާރު ކަނޑައަޅާފައިވާ ތާރީހުގައި އިންތިހާބު ނުބޭއްވިދާނެތީ އެކަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އެޗްޕީއޭއިން އާންމުކުރި ކައުންސިލް އިންތިހާބުގައި އަމަލުކުރަން ޖެހޭ އާންމު އުސޫލުގައި އިންތިހާބަށް ތައްޔާރުވުމުގައްޔާއި އިންތިހާބު ބޭއްވުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ވޯޓުލާ މަރުކަޒުތަކުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ވޯޓު ގުނުމުގައި އަމަލު ކުރަންވީ ގޮތާއި އިންތިހާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މީހުން އަމަލުކުރަން ޖެހޭ ގޮތްތަކާއި ވޯޓުލާ މަރުކަޒުގައި ހުންނަ ތަކެތީގެ ސާފުތާހިރުކަން ހުންނަން ޖެހޭ ގޮތް ހިމަނާފައިވެއެވެ.

އަދި ވޯޓުލާ މަރުކަޒުގައި އުފެދޭ ކުނި ނައްތާލާނެ ގޮތާއި ވޯޓުލުމަށް މަރުކަޒުތަކަށްދާ މީހުން އަމަލު ކުރަން ޖެހޭ ގޮތާއި އެކަހެރިކޮށްފައިވާ މީހުން ވޯޓުލުމުގެ ކަންތައްތައް ހަމަޖެއްސަން ޖެހޭ ގޮތާއި އެކަހެރިކޮށްފައިވާ މީހުން ވޯޓުލުމުގައި އަމަލު ކުރަން ޖެހޭ ގޮތްވެސް ބުނެދީފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ ގައިޑްލައިނާއި އެއްގޮތަށް އިންތިހާބު ބޭއްވުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. އަދި މިއީ ބުރަ ބޮޑު އިންތިހާބަކަށް ވާނެ ކަމަށް ވިދާޅުވެ ކަންބޮޑުވުންތައް މަޖިލީހަށް ހުށައަޅުއްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އިންތިހާބު ފަސްކުރަން ހުށައެޅުމުގެ ވިސްނުން ހުރި ނަމަވެސް މަޖިލީހުން ވަކި ގޮތެއް ނުނިންމާނަމަ އިންތިހާބުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށް ގެންދާ ގޮތަށް ގެންދާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އުސޫލުގައިވާ ގޮތުން ވޯޓުލުމުގެ ފުރުސަތު ދިނުމުގައި އެކަހެރިކޮށްފައި ތިބޭ މީހުން ވޯޓުލާ މުއްދަތުގައި ހުރި ރަށުގައި ވޯޓުލާ ގޮތަށް ހަމަޖައްސައިދޭން ޖެހެއެވެ. ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުން ވޯޓުލުމަށް އެހެން މީހުންނާ އެކު ނުވާގޮތަށް ވަކި ވެހިކަލެއްގައި ރައްކައުތެރިކަމުގެ ފިޔަވަޅުތަކާއެކު ވޯޓުލާ މަރުކަޒަށް އެޗްޕީއޭގެ ހުއްދައާއެކު އާދެވޭނެ އިންތިޒާމުތައް ހަމަޖައްސަން ޖެހެއެވެ. އަދި އެފަދަ މީހުން ވޯޓުލުމަށް ވަކި ތަނެއް ނުވަތަ ވޯޓުލާން އައުމަށް ވަކި ގަޑިއެއް ހަމަޖައްސަންވެސް ޖެހެއެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހާ ހުރިހާ ވަގުތެއްގައިވެސް މާސްކު އެޅުމާއި އެހެން މީހުންނާ މަދުވެގެން ތިން ފޫޓުގެ ގައިދުރުކަން ބެހެއްޓުމާއި ސެނިޓައިޒާ ބޭނުންކޮށްގެން ދޭތެރެދޭތެރެއިން އަތް ސާފުކުރަން ޖެހެއެވެ. އަދި ކޮންޓެކްޓް ވެގެން އެކަހެރި ކޮށްގެންފައި ތިބޭ މީހުންވެސް އެ ގޮތަށް އަމަލު ކުރަން ޖެހެއެވެ. ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރި ނަމަވެސް އަމަލު ކުރަން ޖެހެނީ މިގޮތަށެވެ.

މީގެ އިތުރުން ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި އަމަލު ކުރަން ޖެހޭ ގޮތްވެސް ބަޔާން ކޮށްފައިވެއެވެ.

އުސޫލުގައިވާ ގޮތުން މޮނިޓަރިންގެ ހާލަތުގައިވާ ރަށެއްގައި ކެންޕެއިން ހަރަކާތްތައް ހިންގުމުގެ ގޮތުން ގޭގެއަށް ޒިޔާރަތް ނުކުރެވޭނެ އެވެ. އަދި ތާއީދު ހޯދުމާއި ކެމްޕޭނުގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށްޓަކައި ގޭގެއަށް ޒިޔާރަތްކޮށް މީހުންނާ ބައްދަލުކޮށް މުއާމަލާތް ކުރުމުގެ ބަދަލުގައި ބޭނުން ކުރަން ޖެހެނީ އޮންލައިން ޕްލެޓްފޯމްތަކެވެ. އަދި ކެމްޕޭން ޖަލްސާތައް ވާޗުއަލްކޮށް ބޭއްވުމަށް ބާރު އަޅާފައިވެއެވެ.

ފަސް ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު، އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު، ބާއްވަން ނިންމާ އެކަން އިއުލާނު ކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލި ނަމަވެސް، ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އެ އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ތަސްދީގު ކުރައްވައިފަ އެވެ.

އެ ބިލުގައިވާ ގޮތުން ގާނޫނު އިސްލާހުކުރާތާ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީން ފަށަންޖެހޭނެ ކަމަށް ބަޔާން ކޮށްފަ އެވެ. ސިއްހީ ކުއްލި ހާލަތު ދެމި އޮވެއްޖެނަމަ، އީސީން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަންވާނީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށެވެ. އަދި އިންތިހާބުގެ ކަންކަން ފެށުމަށް އީސީން ކަނޑައަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތައް އެކުލަވާލައި، އާއްމުކުރަންވާނެކަމަށް އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.